ފުރަތަމަ ސަފްޙާ / ޚަބަރު / ވީއޭއާރަކީ ބާސެލޯނާ ބަލިކުރަން ބޭނުންކުރާ އެއްޗެއް: ކޫމަން

ވީއޭއާރަކީ ބާސެލޯނާ ބަލިކުރަން ބޭނުންކުރާ އެއްޗެއް: ކޫމަން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 އޮކްޓޫބަރު 2020

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އަކީ ހަމައެކަނި ބާސެލޯނާއާ ދެކޮޅަށް ނިންމުންތައް ކަނޑައަޅަން ހުންނަ ސިސްޓަމެއްކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ. ކޫމަން މިހެން ބުނީ ރޭ ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ 3-1 އިން ބަލިވި މެޗުގައި ވީއޭއާރުގެ އެހީގައި ރެއާލަށް ދިން ޕެނަލްޓީއަށް އިޝާރަތްކޮށް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ވާދަވެރި އެލް ކްލަސިކޯ މެޗުން ރަށުން ބޭރުގައި ރެއާލް ކުރި ހޯދިއިރު އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފެޑެރިކޯ ވަލްވޭޑޭ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ 17 އަހަރުގެ ފޯވާޑް އަންސޫ ފާޓީ އެވެ. މި ގޯލާ އެކު ފާޓީ ވެފައިވަނީ ކްލަސިކޯގެ ތާރީހުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ރެއާލުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސާޖިއޯ ރާމޯސް އެވެ. ކައުންޓަ އެޓޭކުގައި އުފެއްދި ހަމަލާއެއްގައި މެޗުގެ ފަހުކޮޅު ރެއާލްގެ ތިން ވަނަ ލަނޑު ޖަހައިދިނީ ލޫކާ މޮޑްރިޗެވެ. މި ލަނޑަކީ މޮޑްރިޗްގެ ޖާދޫ ވަރަށް ރަނގަޅަށް ފެނިގެންދިޔަ މޮޅު ލަނޑެކެވެ.

ވީއޭއާރަށް ކޫމަންގެ ހަމަލާތައް އަމާޒުވީ 63 ވަނަ މިނެޓުގައި ރާމޯސް ކާމިޔާބުކުރި ޕެނަލްޓީ ދިން ގޮތުންނެވެ. ބާސެލޯނާގެ ޑިފެންޑަރު ކްލަމެންޓް ލެންގްލޭ ރާމޯސް އަށް ފައުލް ކުރިކަމަށް ބުނެ ރެފްރީ ހުއާން މާޓިނޭޒް މުނުއެރާ ޕެނަލްޓީ ދިނީ ގިނަ އިރުތަކެއް ވަންދެން ވީއޭއާރުގެ އެހީ ހޯދުމަށްފަހުގަ އެވެ. އެންމެ ފުރަތަމަ އެއީ ޕެނަލްޓީއަކަށް ނުނިންމި ނަމަވެސް ރެފްރީ ނިންމުން ބަދަލުކުރީ ދަނޑުގައި ހުރި ވީއޭއާރުގެ ސްކްރީން ބެލުމަށް ފަހު އެވެ. ވީއޭއާރުގެ އެހީގައި ރެއާލަށް ޕެނަލްޓީ ދިންއިރު ބާސެލޯނާ އިން ރޭ ވަނީ ދެ ފަހަރަށް ޕެނަލްޓީ އަށް އެޕީލްކޮށްފަ އެވެ. އެއީ ޑިފެންޑަރު ރަފައެލް ވެރާން މެސީ އަށް ކުރި ޗެލެންޖަކަށާއި އޭރިޔާ ތެރެއިން ވެރާން އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެ އެވެ.

ލެގްލޭ ރާމޯސް އަށް ފައުލް ކުރަނީ. ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރުން ބެލުމަށް ފަހު

“އަހަރެންނަކަށް ނޭނގޭ ވީއޭއާރު މީ ކީއްކުރާ ސިސްޓަމެއް ކަމެއް. އަހަރެންނަށް ހީވަނީ މިއީ ހަމައެކަނި ބާސެލޯނާއާ ދެކޮޅު ނިންމުންތަކަށް ހުންނަ ސިސްޓަމެއްހެން” މެޗަށް ފަހު ރުޅިގަދަވެފައި ހުރި ކޫމަން ބުންޏެވެ.

ކޫމަން ބުނީ އޭރިޔާ ތެރޭގައި ޖާޒީގައި ހިފާ ދެމުމަކީ އަބަދުވެސް ވާކަމެއް ކަމަށާއި، އޭނާގެ ނަޒަރުގައި ލެގްލޭ އަށް އެންމެ ފުރަތަމަ ފައުލް ކުރީ ރާމޯސް ކަމަށެވެ. އަދި އެއީ ޕެނަލްޓީއަކަށް ފުދެންޖެހޭ ފައުލަކަށް ނޫންކަމަށް ކޫމަން ބުންޏެވެ.

“އަހަރެންނަށް އެއީ ޕެނަލްޓީއެއް ނޫން. އަހަރެމެން ފަސް މެޗު ކުޅުނުއިރު އެނގުނީ ވީއޭއާރު ބޭނުންކުރީ ބާސެލޯނާއާ ދެކޮޅުން ނިންމުންތަކަށްކަން. އަހަރެމެން ކޮޅަށް ކަމެއް ނުނިމޭ” ކޫމަން ބުންޏެވެ.

ރާމޯސްގެ ގޯލުން ރެއާލަށް ލީޑު ލިބުމުން ބާސެލޯނާ އިން ވަނީ ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. ބަދަލުގައި ރެއާލުން މަސައްކަތްކުރީ ކައުންޓަ އެޓޭކުގައި ހަމަލާތައް އުފެއްދުމަށެވެ. އެޓީމުގެ ތިން ވަނަ ލަނޑު މޮޑްރިޗް ޖެހީ އެގޮތަށް އުފެއްދި ހަމަލާއެއްގަ އެވެ.

“އެ ނިންމުން މެޗުގެ ނަތީޖާއަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވި. އެއީ ޕެނަލްޓީ ދިނުމާ ހަމައަށް އަހަރެމެން އައީ ރަނގަޅަށް ކުޅެމުން” ކޯޗެއްގެ ގޮތުގައި ބާސެލޯނާގައި ފުރަތަމަ ސީޒަން ހޭދަކުރާ ކޫމަން ބުންޏެވެ.

ޕެނަލްޓީ މައްސަލައިގައި ރާމޯސް ވާހަކަދެއްކީ ދިމާ އިދިކޮޅަށެވެ. އޭނާ ބުނީ ލެންގްލޭ އޭނާގެ ޖާޒީގައި ހިފައި ދެމީ ބޮލުން ޖަހަން އުޅުނު ވަގުތުގައި ކަމަށާއި، އެހެންވެ އެއީ ސީދާ ޕެނަލްޓީއަކަށް ވާނެކަމަށެވެ.

“އެވަރުގެ ސާފު ނިންމުމަކާ ގުޅިގެން ރެފްރީއަށް ފާޑުކިޔުމަކީ އިންސާފެއް ނޫން” ރާމޯސް ބުންޏެވެ.

ރޭގެ މެޗުގެ ކުރިން ރެއާލް މެޑްރިޑް ވަނީ ލީގުގައި ކުޅުނު މެޗާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަލިވެފަ އެވެ. ބާސެލޯނާގެ މައްޗަށް ހޯދި މުހިއްމު މޮޅާ އެކު ރެއާލް މިހާރު ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ތާވަލުގެ 12 ވަނައިގަ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑެވެ. ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް އާއި ހަތަރު ވަނައިގައި ވިޔަރެއާލް އޮތީ ހަ މެޗުން 11 ޕޮއިންޓް ހަމަކޮށްގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!