ފުރަތަމަ ސަފްޙާ / ޚަބަރު / މުހިއްމު މެޗަށް ނުކުތުމުގެ ކުރިން ޕީކޭ ބާސެލޯނާއަށް ފާޑުކިޔައިފި

މުހިއްމު މެޗަށް ނުކުތުމުގެ ކުރިން ޕީކޭ ބާސެލޯނާއަށް ފާޑުކިޔައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 24 އޮކްޓޫބަރު 2020

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ބާސެލޯނާއިން ނުކުންނަން ގާތްވެފައި ވަނިކޮށް އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބާސެލޯނާއަށް ފާޑު ކިޔައިފިއެވެ. މިރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް ތައްޔާރުވަމުން އަންނަ އުމުރުން 33 އަހަރުގެ ޑިފެންޑަރު ޕީކޭ ސްޕެއިންގެ ނޫހަކަށް އިއްޔެ ދިން އިންޓަވިއުއެއްގައި ބާސެލޯނާއަށް އެންމެ ބޮޑަށް ފާޑުކިޔައިފައިވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓާ މެދު ކުލަބުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެންނެވެ.

ބާސެލޯނާގެ ތާރީހުގައިވެސް އެ ކުލަބަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ ވަނީ އޭނާއާއި ބާސެލޯނާއާ ދެމެދު ހަދައިފައިވާ އެއްބަސްވުމުގެ މާއްދާއަކަށް ރިޢާޔަތްކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާކަން ރަސްމީކޮށް މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ކުލަބަށް އަންގައިފަ އެވެ. އެކަމަކު މައްސަލަ ކޯޓަށް ގޮސްދާނެ ކަމަށް ބަލައި ފަހުން އޭނާ ވަނީ އެ ހުށަހެޅުން އަނބުރާ ގެނެސް ކުލަބްގައި މަޑުކުރަން ނިންމައިފަ އެވެ.

“އަހަރެމެން ޖެހޭނެ އަހަރެމެންގެ އެންމެ ވަރުގަދަ ޝަހްސިއްޔަތުތައް ހިމާޔަތްކުރަން. އެމީހުންނަށް ކުޑައިމީސްވާ ގޮތަށް ކަންކޮށްގެން ނުވާނެ. މެސީ އަށް ހުރިހާ އެއްޗެއް ހައްގު. އާ ސްޓޭޑިއަމަށް ނަންދޭ އިރު އެންމެ ކުރީގައި އޮންނަންވާނީވެސް މެސީގެ ނަން. އޭގެ ފަހުގަ ސްޕޮންސަރުންގެ ނަންވެސް އަންނަންވާނީ.” ސްޕެއިންގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައިވާ ޕީކޭ ބުންޏެވެ.

“ކަންހިނގައިދިޔަ ގޮތާ މެދު އަހަރެން ހިތާހިތާ ސުވާލުކުރިން. ހިތަށް އެރީ ކީއްވެބާއޭ އަހަރެމެންނާއެކު ވަރަށް ހިތްހަމަޖެހިގެން އުޅެމުން އައި ކުޅުންތެރިއަކު، އެއްދުވަހަކު ހެނދުނު ހޭލިއިރު ކުލަބުން އެ ކުޅުންތެރިޔާގެގެ ވާހަކަތައް އަޑު ނާހާކަމުގެ އިހްސާސްވާކަމަށް ބުނެ ރެކޯޑްކޮށްފައި އޮތް މެއިލް އެއް ފޮނުވީ.” ޕީކޭ ބުނެފައިވެ އެވެ.

ޕީކޭގެ ފާޑުކިޔުން ބާސެލޯނާއަށް އަމާޒުކުރިއިރު އޭނާ ވަނީ މީގެ ތިން ދުވަސްކުރިން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނާއާއެކު ސޮއިކޮށްފަ އެވެ. މެސީގެ މައްސަލައިގެ އިތުރުން ޕީކޭ ވަނީ ބާސެލޯނާގެ ރައީސަށް އެނގިވަޑައިގެން އެ ކުލަބުގެ ފަރާތުން ކުލަބްގެ ކުޅުންތެރިންނަށް ފާޑުކިޔުމަށް ސޯޝަލް މީޑިއާ އޭޖެންސީ އެއް ގެންގުޅުނު ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުންވެސް ވާހަކަދައްކައފަ އެވެ.

“ބާސެލޯނާގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އަހަރެން ގަބޫލުކުރާ ގޮތުގައި ކުލަބުން ވަނީ އަހަރެމެންނާ ދިމާލަށް ފާޑު ކިޔަން ބަޔަކަށް ހަރަދުކޮށްފަ. އަހަރެން މިދައްކަނީ ކުލަބުން ބޭރުގައި ތިބި ބަޔަކަށް ފާޑުކިޔާ ވާހަކަ އެއް ނޫން. އެކަމަކު ކުލަބުގައި މިހާރު ތިބި ކުޅުންތެރިންނަށް ފާޑުކިޔާ ވާހަކަ. މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. އަހަރެން ރައީސް އަރިހުން އެކަމާ ގުޅޭ ގޮތުން ސުވާލު ދެންމެވީމަ ވިދާޅުވީ އެކަން ހިނގާކަން އެނގިވަޑައި ނުގަންނަވާކަމަށް. އަހަރެން އެ ވާހަކަ ގަބޫލުކުރިން. އެކަމަކު އޭގެ ފަހުންވެސް ފެނުނީ އެކަމަށް ޒިންމާވާންޖެހޭ ފަރާތް ކުލަބުގައި މަސައްކަތްކުރަމުން ދިޔަތަން. އެއީ އަހަރެންގެ ހިތަށް އަސަރުކުރި ކަމެއް.” ޕީކޭ ބުނެފައިވެ އެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑް މިރޭ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގެ ގަޑިން 7 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!