ފުރަތަމަ ސަފްޙާ / ޚަބަރު / މެންޑީ: ހަ އަހަރުތެރޭ ސުމަކުން މިލިއަނަށް!

މެންޑީ: ހަ އަހަރުތެރޭ ސުމަކުން މިލިއަނަށް!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 އޮކްޓޫބަރު 2020

މީގެ ހަ އަހަރު ކުރިން އޭނާ ހުރީ ކުޅޭނެ ކްލަބެއް ނެތި އެވެ. އެކަމަކު ފްރާންސްގެ ދަށް ޑިވިޝަންގެ ކްލަބްތަކުން ކުޅެން ފަށައި ސެނެގޯލްގެ 28 އަހަރުގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އަކީ މިހާރު ޔޫރަޕްގެ މަޝްހޫރު ކްލަބް ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރެވެ. މީގެ ހަ އަހަރު ކުރިން ފުޓްބޯޅަ ކެރިއަރުގައި ދިމާވި ހިތްދަތި ދުވަސްތަކަކީ ކުރިއަށް ދިއުމަށް މެންޑީ އަށް ކުރިމަތި ބޮޑު ގޮންޖެހުމެކެވެ.

ގޯލްކީޕަރެއް ކޮންމެހެން މުހިއްމުވި ޗެލްސީ އިން މެންޑީގެ ސޮއި ހޯދީ 20 މިލިއަން ޕައުންޑަށެވެ. ފްރާންސްގެ ރެންސްގައި މޮޅު ކުޅުމެއް ދައްކައި ޗެލްސީގެ ސަމާލުކަން މެންޑީ އަށް ހުއްޓި އޭނާގެ އަގު މިލިއަނުން އެރީ ކުރިއަށް ދިއުމުގެ އުއްމީދު ގެއްލިފައި ހުއްޓަ އެވެ. މީގެ ހަ އަހަރު ކުރިން އޭނާ ގެންދާނެ ކްލަބެއް ނެތުމުން އޭރު ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ވިސްނުން މެންޑީގެ ސިކުނޑީގައި އެނބުރުނެވެ.

“ފުޓްބޯޅަ އަށް ވަގުތުދޭން އޭރު އަހަރެން ޖެހުނު ވަޒީފާއެއް ނެތް މީހުންނަށް ދޭ ސަޕޯޓް ވެސް ހޯދަން. ކްލަބެއް ނެތި އަހަރެން ހުރިއިރު ހަ އަހަރުތެރޭ ޗެލްސީ އިން ފުރުސަތު ލިބިދާނޭ ބުނިނަމަ އަހަރެން އޭރު އެވާހަކަ އަޑުވެސް ނާހާނަން. ކްލަބެއް ނެތުމުން ކުޅުން ކުރިއަށް ގެންދެވިދާނެތޯ ވަރަށް ބޮޑަށް ސުވާލު އުފެދުނު” ޗެލްސީ އަށް ބަދަލުވެ މިހާތަނަށް ތިން މެޗު ކުޅެދީފައިވާ މެންޑީ ބުންޏެވެ.

މެންޑީ މިދިޔަ ސީޒަނުގައި ރެންސް ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން. ވަޒީފާއެއް ނެތުމުން ފުޓްބޯޅަ ކުޅުން ހުއްޓާލަން ވިސްނި

އުމުރުން 13 އަހަރުގައި ފްރާންސްގެ ތިން ވަނަ ޑިވިޝަނުގެ ލެ ހާވްއާ ގުޅުމަށް ފަހު ޕްރޮފެޝަނަލްކޮށް މެންޑީ ކުޅެން ފެށީ ފްރާންސްގެ ތިން ވަނަ ޑިވިޝަނުގެ އޭއެސް ޗާބާގް އިންނެވެ. 2014 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެ ކްލަބުގައި ހުރުމަށް ފަހު ޖެހިގެން އައި އަހަރު މެންޑީ ހުރީ ކުޅޭނެ ކްލަބެއް ނެތި އެވެ. އެހެން ހުއްޓައި 2015 ވަނަ އަހަރު ފްރާންސްގެ މާސޭގެ ރިޒާވް ޓީމުން ލިބުނު ފުރުސަތުގެ ބޭނުން މެންޑީ ހިފި އެވެ. ރިޒާވް ޓީމުގައި ވެސް މެންޑީ އެންމެ ފުރަތަމަ އިންނަން ޖެހުނީ ބެންޗުގަ އެވެ. މާސޭގެ ރިޒާވް ޓީމަށް ކުޅުމަށް ފަހު ކުޅުމުގެ ފުރުސަތު ހޯދުމުގެ ބޭނުމުގައި މެންޑީ 2016 ވަނަ އަހަރު ބަދަލުވީ އޭރު ފްރާންސްގެ ލީގު ދޭއްގައި ކުޅެމުން އައި ރެއިމްސް އަށެވެ. އެ ކްލަބުގައި ހޭދަކުރި ދެ ވަނަ ސީޒަނުގައި މެންޑީގެ އެހީތެރިކަމާއެކު ރެއިމްސް ފްރެންޗް ލީގުން ފުރުސަތު ހޯދި އެވެ. ރެއިމްސް ގައި ދެއްކި މޮޅު ކުޅުމާ އެކު މެންޑީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ބަދަލުވީ ރެންސް އަށެވެ. އެ ކްލަބުން މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ ތިން ވަނަ ހޯދައި ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދިއިރު ގޯލުގައި މެންޑީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެންޑީ ޗެލްސީ އަށް ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ތަޖުރިބާކާރު ގޯލްކީޕަރު ޕީޓަރ ޗެކް އެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ މޮޅު އެއް ކީޕަރު ކަމަށް ގިނަބަޔަކު ގަބޫލުކުރާ ޗެކް ވެސް ޗެލްސީ އަށް ބަދަލުވީ މެންޑީ ކުޅުނު ރެންސް އިންނެވެ.

“އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް. އޭރު އަހަރެންގެ ލޯބިވެރިޔާ ވެސް ފުރަތަމަ ދަރިފުޅަށް އިނީ ބަލިވެ. އެހެންވެ ވަޒީފާ ނެތް މީހުންނަށް ދޭ އެހީތެރިކަމުން ވެސް އަހަރެމެންނަށް ނުފުދޭ. އިތުރު އެހީތެރިކަމެއް އަހަރެމެން ބޭނުންވި. އެދުވަސްވަރު އަހަރެން ބެލިން އިތުރު އެހެން މަސައްކަތެއް ވެސް ކުރަން” ކުރީގެ ހަނދާންތައް އާކުރަމުން މެންޑީ ބުންޏެވެ.

ޗެލްސީގެ ކީޕަރު ޗެކް، މެންޑީ އަށް އިރުޝާދުދެނީ. މެންޑީ ޗެލްސީ އަށް ގެނައުމުގައި ޗެކް މުހިއްމު ދައުރެއް އަދާކުރި

މެންޑީ ބުނީ ކްލަބެއް ނެތި ހުއްޓައި މާސޭ އިން އޭނާ އަށް ޓްރަޔަލް އެއް ދިންކަމަށާއި، ނަސީބު ރަނގަޅުކަމުން އެ ފުރުސަތު ކާމިޔާބުވެ ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.

“ފުޓްބޯޅައާ ނުލައި އަހަރެއް ހޭދަކުރުމަކީ ވަރަށް ދިގު މުއްދަތެއް. އެދުވަސްވަރު ވަރަށް ބޮޑެތި ޝައްކުތަކެއް އުފެދުނު ކުރިއަށް ދިއުމާ މެދު. އެކަމަކު އަހަރެންގެ އަޒުމު ވަރުގަދަކުރުމަށް އާއިލާއިން އެދުވަސްވަރު ވަރަށް ބޮޑު އެހީތެރިކަމެއް ވެދިން. އަހަރެންގެ އާއިލާ އަށް ޝުކުރުއަދާކުރަން” ޗެލްސީއާ އެކު ކުރިއަށް ދިއުމުގެ އަޒުމުގައި ހުރި ގޯލްކީޕަރު ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ޗެލްސީ ވާދަކުރާ ގްރޫޕްގައި އޭނާގެ ކުރީގެ ކްލަބް ރެންސް އޮތުމާ އެކު އަންނަ މަހު މެންޑީ އެޓީމާ ދެކޮޅަށް ނުކުންނާނެ އެވެ. ޗެލްސީ އަށް ބަދަލުވުމަށް ފަހު އެޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމް ކޯޗު ފްރޭންކް ލަމްޕާޑް ވަނީ މެންޑީ އަށް ދީފަ އެވެ. ޗެލްސީއާ އެކު މެންޑީ އެންމެ އަވަހަށް ނުކުންނާނީ މާދަމާރޭ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ.

މީގެ ހަ އަހަރު ކުރިން މެންޑީ ހުރީ އަތުގައި އެއްވެސް ފައިސާއެއް ނެތި ކުޅޭނެ ކްލަބެއް ވެސް ނެތި އެވެ. އެކަމަކު މިއަދު އެ ހުރިހާ މަންޒަރެއް ބަދަލުވެ އޭނާ އަކީ މިހާރު ގައުމީ ޓީމުގައި ވެސް އެންމެ މުހިއްމު އެއް މެމްބަރެވެ. ސުމަކުން މިލިއަނަށް ބަދަލުވި މެންޑީގެ މިހާރުގެ އަމާޒަކީ ކްލަބާއި ގައުމަށް ކާމިޔާބީ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!