ފުރަތަމަ ސަފްޙާ / ޚަބަރު / ދިވެހި ޕްރިމިއާ ލީގުގެ ތާވަލް އެފްއޭއެމުން ކްލަބްތަކާ ހިއްސާކޮށްފި

ދިވެހި ޕްރިމިއާ ލީގުގެ ތާވަލް އެފްއޭއެމުން ކްލަބްތަކާ ހިއްސާކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 އޮކްޓޫބަރު 2020

ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށަން ނިންމައި ވަގުތީ ޝެޑިއުލް އެފްއޭއެމުން ކްލަބްތަކާ އިއްޔެ ހިއްސާކޮށްފި އެވެ.

އެފްއޭއެމުން އިއްޔެ ކްލަބްތަކާ ހިއްސާކުރި ޗެޑިއުލްގައި ހިމަނާފައިވަނީ ސީޒަން ހުޅުވު މެޗުގެ ތާރީހާއި ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ މެޗުތަކުގެ ޝެޑިއުލެވެ. “މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ކްލަބްތަކާ ޝެޑިއުލް ހިއްސާކުރީ ޕްރީ ސީޒަނުގެ ޝެޑިއުލް ހަދަން ކްލަބްތަކަށް ފަސޭހައަކަށް ކަމަށާއި، މީޑިއާއާ ރަސްމީކޮށް ޝެޑިއުލް ހިއްސާނުކުރީ އެ ސަބަބާއި ގުޅިގެން ކަމަށެވެ.

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ އަށް ޓީމަކީ، މާޒިޔާ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ކްލަބް ވެލެންސިއާ، އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ކަލަންޑަރުގައި ވާގޮތުން ޑިސެމްބަރު އަށް ވަނަ ދުވަހު ސީޒަން ފަށާނީ މާޒިޔާ އާއި އީގަލްސް ވާދަކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. ލީގު ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މާޒިޔާ މި މެޗުގައި ކުޅޭއިރު އީގަލްސް އަށް ފުރުސަތު ދިނީ ލީގުގެ ދެ ވަނަ ހޯދުމުންނެވެ. މިދިޔަ ސީޒަން ހުޅުވުމުގެ ގޮތުން ޗެރިޓީ ޝީލްޑް ކުޅުނު ދެ ލެގުގެ އުސޫލުންނެވެ. ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާއި ޓީސީ ވާދަކުރި ޗެރިޓީ ޝީލްޑް މެޗު އެގްރިގޭޓުން ކާމިޔާބުކުރީ ޓީސީ އިންނެވެ.

ޝެޑިއުލްގައި ވާގޮތުން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. ލީގުގެ ފުރަތަމަ މެޗުގައި އެދުވަހު ހަވީރު މާޒިޔާ އިން ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ނުކުންނައިރު އެރޭ ކުޅޭ މެޗުގައި އީގަލްސް ވާދަކުރާނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސަސްއާ އެވެ. ޑިސެމްބަރު 14 ވަނަ ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ ވާދަކުރާނެ އެވެ. ވެލެންސިއާ މިފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ޝެޑިއުލްގައިވާ ގޮތުން ފުރަތަމަ ބުރުގެ ފަހު މެޗުތައް ކުޅޭނީ އަންނަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ޓީސީ އާއި ގްރީން ސްޓްރީޓްސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރާނެ އެވެ. ކްލަބްތަކާ ހިއްސާކުރި ޝެޑިއުލްގައި ބުނެފައިވަނީ ބައިނަލްއަގްވާމީ މެޗުތަކަށް އަންނަ ބަދަލުތަކާ އެކު ޝެޑިއުލަށް ބަދަލު އަތުވެދާނެ ކަމަށެވެ.

އާ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން ނިންމީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދައާ އެކު އެވެ. ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އާއި ވެލެންސިއާ އިން މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އަދި ވަރަށް އަވަހަށް ބާކީ އޮތް ހަ ޓީމުން ފަރިތަކުރުންތައް ފަށާނެކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!