ފުރަތަމަ ސަފްޙާ / ޚަބަރު / ޝަކްތަރުގެ ޅަކުދިން ނުކުމެ ރަސްގެފާނު ލަދުގަންނަވާލައިފި

ޝަކްތަރުގެ ޅަކުދިން ނުކުމެ ރަސްގެފާނު ލަދުގަންނަވާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 22 އޮކްޓޫބަރު 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔޫކްރެއިންގެ ޗެމްޕިއަން ޝަކްތަރު ޑޮނޭޝް އިން މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި 2-3 އިން އެ ޓީމު ބަލިވި އިރު އިދިކޮޅުން ކުޅުނު ޝަކްތަރު ޓީމުން ރޭ ގެ މެޗަށް ނެރެފައިވަނީ އެމީހުންގެ ޒުވާން ޓީމެވެ. އެއީ ކޯވިޑް 19 އަށް ޕޮޒިޓިވްވި ޝަކްތަރުގެ 19 މެންބަރުންގެ ތެރޭގައި ސީނިއަރ ޓީމުގެ 13 ކުޅުންތެރިން ހިމެނުމާ ގުޅިގެންނެވެ.

ރޭގެ މެޗުގައި ޝަކްތަރުން ޖެހި ތިން ގޯލުވެސް ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ހާފު ނިމުނީ ރެއާލް މެޑްރިޑަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަގަޅުކޮށް ޝަކްތަރުގެ ގޯލަށް ނުރައްކާކުރަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ފަހު ހާފު ފަށައިގެން ފުރަތަމަ 15 މިނެޓްގެ ތެރޭގއި ރެއާލުން ދެ ލަނޑުޖަހައި އެ ޓީމަށް އުއްމީދެއް ގެނެސްދިނެވެ. ފުރަތަމަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ލޫކާ މޮޑްރިޗް ކާމިޔާބުކުރިއިރު ދެވަނަ ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިނިޝަސް ޖޫނިއާ އެވެ.

މެޗުގެ ފަހު ހާފުގެ ކުރީކޮޅު ރެއާލުން ދެ ގޯލު ޖެހުމާއެކު ރެއާލުން މެޗު އެއްވަރުކޮށްފާނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. އެކަން އެގޮތަށްވުމާ ވަރަށް ގާތަށްވެސް މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ދިޔައެވެ. މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ފެޑެރީކޯ ވަލްވާޑޭ އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ފަހުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމައިފައިވަނީ އޮފްސައިޑް ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކުން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް 0-4 އިން ކުރި ހޯދި އިރު މެންޗެސްޓަރ ސިޓީން ވަނީ އަމިއްލަ ދަނޑުގައި 1-3 އިން ޕޯޓޯ ބަލިކޮށްފަ އެވެ. މުބާރާތް ހަފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލުން ރޭ ރަށުން ބޭރުގައި އަޔަކްސް އެމްސްޓެޑަމްގެ މައްޗަށް 0-1 އިން ކުރި ހޯދިއިރު އިންޓަރ މިލާން އާއި ބޮރޫޝިއާ މޮންޝެން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!