ޓިސީ ސްޕޯޓްސް ކްލަބުގައި ހަ އަހަރު ހޭދަކުރުމަށް ފަހު ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ) ޓީސީ ދޫކޮށްލަން ނިންމައި އަސަރުގަދަ މެސެޖަކާ އެކު ސޯޝަލް މީޑިއާގައި އެކަން ހާމަކޮށްފި އެވެ.
މާލެއަށް އުފަން ޑިފެންޑަރު ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނީ 2015 ވަނަ އަހަރު އެވެ. ޓީސީ މިދިޔަ ހަ އަހަރު ފުރަތަމަ ޑިވިޝަނުގައި ހޯދި ކާމިޔާބީގައި ފައްރަގެ ލީޑަޝިޕް ފާހަގަކޮށްލެވެ އެވެ. ޓީސީ ދޫކޮށްލާކަން ހާމަކުރަމުން ރޭ ފޭސްބުކްގައި ކުރި ޕޯސްޓުގައި ފައްރަ ބުނީ ޓީސީ ދޫކޮށްލަން ނިންމުމަކީ ދިރިއުޅުމުގައި އޭނާ އަށް އެންމެ އުނދަގޫވި އެއް ނިންމުން ކަމަށެވެ.
“މިއީ އަހަރެންނަށް އެންމެ އުނދަގޫވި އެއް ނިންމުން. އެކަމަކު އަހަރެން ބަލަމުން އައީ އެންމެ ރަނގަޅު ގޮތުގައި ރަނގަޅު ވަގުތުގައި ކްލަބް ދޫކޮށްލަން. މިއީ އެވަގުތު” ޓީސީ ދޫކޮށްލާކަން ހާމަކުރަމުން ފައްރަ ބުންޏެވެ.
ފައްރަ ބުނީ ކްލަބުގައި ހޭދަކުރި ހަ އަހަރު ދުވަހު އެންމެ މޮޅެތި ޓީމުތަކާ ވާދަކޮށް ޓީސީ އިން ރެކޯޑުތައް ހަދައި ތަށި ކާމިޔާބުކުރެވުމުން އިތުރު ހިތްވަރެއް ލިބި އަމިއްލަ ކުރިއެރުމާއި ޓީމުގެ ކުރިއެރުމަށް އިތުރަށް ބޭނުންވި ކަމަށެވެ. އެ ވިސްނުމުގައި މަސައްކަތްކޮށް ޓީސީގެ ތާރީހުގައި އެންމެ ކާމިޔާބު ކެޕްޓަނަށް ވުމަކީ އޭނާ ފަހުރުވެރިވާ ކަމެއް ކަމަށް ފައްރަ ވަނީ ބުނެފަ އެވެ.
“މި ކްލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަކީ އެއްވެސް ޝައްކެއް ނެތި އަހަރެންނަށް ލިބުނު އެންމެ ފަހުރުވެރި ކާމިޔާބީ. ކުރިއަށް އޮތްތަނުގައި ކޮންމެވެސް ހައިސިއްޔަތަކުން މި ކްލަބަށް އެނބުރި އަންނަން ބޭނުން” ފައްރަގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ޓީސީގައި ހޭދަކުރި މުއްދަތުގައި ފައްރަ އެ ކްލަބާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕާއި 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގެވެ. މީގެ އިތުރުން ޓީސީއާ އެކު މިދިޔަ ސީޒަނުގައި އެފްއޭ ޗެރިޓީ ޝީލްޑް ވެސް ފައްރަ ވަނީ ކާމިޔާބުކޮށްފަ އެވެ.

2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގައި ފައްރަ. ޓީސީ ދޫކޮށްލުމަކީ އޭނާ އަށް އެންމެ އުނދަގޫވި އެއް ނިންމުން
އުމުރުން 12 އަހަރުން ފެށިގެން ޒުވާން އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ހިމެނެމުން އައި ފައްރަ ވަނީ 2007 ވަނަ އަހަރު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ. މީގެ އިތުރުން 2010 ވަނަ އަހަރު ޗައިނާގައި އޮތް އޭޝިއަން ގޭމްސްގައި ފައްރަ ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އެކަމަކު ކްލަބް ކެރިއަރުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާ އަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބިފައެއްނުވެ އެވެ.
ކްލަބް ފުޓްބޯޅަ 2007 ވަނަ އަހަރު ވިޔަންސާ އިން ފަށައި ޖެހިގެން އައި ދެ އަހަރު ފައްރަ ފެނުނީ މާޒިޔާ އިންނެވެ. އެއަށްފަހު 2011 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅެ 2012 ވަނަ އަހަރު ބަދަލުވީ ނިއު ރޭޑިއަންޓަށެވެ. އެ އަހަރުގެ ފަހުކޮޅު ފައްރަ އަނެއްކާ ވެސް ވަނީ އެނބުރި މާޒިޔާއާ ގުޅިފަ އެވެ. މާޒިޔާއާ އެކު 2012 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބިކޮށް 2013 ވަނަ އަހަރު މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރި ޓީމުގައި ފައްރަ ވަނީ ހިމެނިފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބާ ގުޅުމުގެ ކުރިން 2014 ވަނަ އަހަރު ފައްރަ ފެނުނީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ.
ޓީސީގައި ހޭދަކުރި މުއްދަތުގައި ފައްރަ ވަނީ އެއް ފެންވަރެއްގައި ކުޅެ އެކްލަބަށް އިރުޝާދުދިން ކޯޗުންނާއި ސަޕޯޓަރުންގެ ލޯބި ހޯދާފަ އެވެ. ފައްރަ ފާހަގަކުރެވެނީ އަހްލާގް ރަނގަޅު ޓީމަށް ނަމޫނާ ދައްކާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޓީސީ ދޫކޮށްލުމަށް ފަހު ފައްރަ ކުރިއަށް އޮތް ސީޒަނުގައި ފެންނާނެ ކްލަބް ހާމަކޮށްފައި ނުވިނަމަވެސް އާ ކްލަބަކާ ވަރަށް އަވަހަށް ގުޅޭނެކަމަށް ބެލެވެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާއިރު ޓީމުތަކުން މިހާރު އަންނަނީ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ގެންނަމުންނެވެ. އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާރު ޕްރެކްޓިސް ފަށާފައިވަނީ މާޒިޔާ އަދި ކްލަބް ވެލެންސިއާ އިންނެވެ. ސީޒަން ހުޅުވާ މެޗުގައި ލީގު ޗެމްޕިއަން މާޒިޔާ ނުކުންނާނީ ލީގުގެ ދެ ވަނަ ހޯދި ކްލަބް އީގަލްސްއާ ދެކޮޅަށެވެ.