އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލުން ވާދަވެރި އެވަޓަންއާ ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވި ވާޖިލް ވެން ޑައިކް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވިއްޖެ އެވެ. އެދުވަހު ވީ އަނިޔާއާ ގުޅިގެން ކަކުލުގެ ލިގަމެންޓްގެ ސާޖަރީއެއް ހަދަން ޖެހޭނެކަމަށް ލިވަޕޫލުން ވަނީ ބުނެފަ އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގައި ވެން ޑައިކްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މެޗުގެ ހަ ވަނަ މިނެޓުގަ އެވެ. އެއީ އޮފްސައިޑް މަގާމެއްގައި ހުރެ ވެން ޑައިކް ބޯޅަ ހޯދަން އެރި ވަގުތު އެވަޓަންގެ ގޯލްކީޕަރު ޖޯޑެން ޕިކްފޯޑް ދިން ހަމަލާއަކުން އޭނާ އަށް ލިބުނު އަނިޔާއެކެވެ. ވެން ޑައިކަށް ޕިކްފޯޑް ފައުލް ކުރުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު ޕިކްފޯޑަށް ރެފްރީ ރީނދޫ ކާޑެއް ވެސް ދައްކާފައެއްނުވެ އެވެ. އެކަމަކު އެ ހަމަލާއާ ގުޅިގެން ވީޑިއޯ ރީޕްލޭ ބެލުމަށް ފަހު ޕިކްފޯޑަށް އެ މެޗުގައި ރަތް ކާޑު ދައްކަން ޖެހޭނެކަމަށް ގިނަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.
29 އަހަރުގެ ނެދަލެންޑްސް ޑިފެންޑަރަށް ލިބުނު މި އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތު އަދި ޔަގީނެއް ނުވެ އެވެ. އާދީއްތަ ދުވަހު ވެން ޑައިކްގެ ކަކުލު ހުޅުގެ ސްކޭން ހެދިއިރު އޭނާގެ ލިގަމެންޓަށް އަނިޔާވެފައިވާކަމަށް ވަނީ ދައްކައިފަ އެވެ. ލިވަޕޫލުން މިހާރު ތައްޔާރުވަމުން އަންނަނީ ސްޕެޝަލިސްޓަކަށް ދައްކައިގެން ވެން ޑައިކްގެ އަނިޔާގެ އިތުރު ތަފްސީލް ހޯދުމަށެވެ. ރިޕޯޓުތައް ބުނާގޮތުން މިއަދުގެ ވަގުތެއްގައި ވެން ޑައިކް ސްޕެޝަލިސްޓަކަށް ދައްކާނެ އެވެ. ކަކުލުގެ ލިގަމެންޓަށް ލިބޭ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރި އަންނަން އާއްމުކޮށް ދިގު މުއްދަތެއް ނަގަ އެވެ. ވެން ޑައިކްގެ އަނިޔާއާ ގުޅިގެން ލިވަޕޫލުން އާއްމުކުރި ބަޔާނުގައި ބުނީ ސާޖަރީ ހެދުމަށް ފަހު ވެން ޑައިކް ރިހެބިލިޓޭޝަން ފަށާނެ ކަމަށެވެ.

ވެން ޑައިކަށް ޕިކްފޯޑް ފައުލް ކުރަނީ. ނުރައްކާތެރި ފައުލް ވީއޭއާރުން ބަލާފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން
2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 75 މިލިއަން ޕައުންޑަށް ސައުތެމްޓަނުން ލިވަޕޫލަށް ބަދަލުވެ ވެން ޑައިކް އަންނަނީ އެޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ލިވަޕޫލަށް ބަދަލުވުމަށް ފަހު މިދިޔަ ދެ ސީޒަނުގެ ލީގުގައި އެއް މެޗު ނޫން އެހެން ހުރިހާ މެޗެއްގައި ވެން ޑައިކް ވަނީ ކުޅެފަ އެވެ. އަދި، 30 އަހަރަށް ފަހު ލިވަޕޫލުން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި ހޯދިއިރު ވެން ޑައިކް ވަނީ އެޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ލީގުގެ އިތުރުން ލިވަޕޫލުން 2019 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ވެސް ވެން ޑައިކްގެ ހިއްސާ ބޮޑެވެ. އަނިޔާވުމުގެ ކުރިން ވެން ޑައިކް ވަނީ މި ސީޒަނުގައި ލިވަޕޫލަށް ހަތް މެޗު ކުޅެދީފަ އެވެ.
ވެން ޑައިކް ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުނުއިރު އޭނާގެ މަގާމަށް ލިވަޕޫލްގައި ކުޅޭ ކުޅޫންތެރިންނަކީ ޖޯ ގޯމޭޒް އާއި ޖޮއެލް މަޓިޕް އަދި ޒުވާން ޑިފެންޑަރު ނަތޭނިއަލް ފިލިޕްސް އެވެ. މީގެ އިތުރުން ބައެއް މެޗުތައި ކޯޗު ޔާގެން ކްލޮޕް އަންނަނީ މިޑްފީލްޑަރު ފަބީނިއޯ ޑިފެންސަށް ކުޅުވަމުންނެވެ.
އެވަޓަން މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ލިވަޕޫލް ކޯޗު ކްލޮޕް ބުނީ ވެން ޑައިކްގެ އަނިޔާ ރަނގަޅު ނޫން ކަމަށާއި މީގެ ކުރިން ވެސް ތަދު އިހުސާސް ކުރަމުން ވެން ޑައިކް މެޗުތައް ކުޅެފައިވާ ކަމަށެވެ.
“ވާޖިލް ޖެހިޖެހިގެން ކުޅެފައިވަނީ ކިތައް މެޗު ކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގޭ. އަނިޔާގެ ތަދު އިހްސާސްކުރަމުން ވެސް އޭނަ ކުޅޭ. އެކަމަކު މިއަދު (ހޮނިހިރު ދުވަހު) އޭނައަށް ކުޅުން ކުރިއަށް ގެންދެވޭ ވަރެއް ނުވި. އެއީ އަނިޔާ އެހާ ރަގަޅު ނޫންވީމަ” ކްލޮޕްގެ ޕްލޭންގައި ހިމެނޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއާ ގުޅޭގޮތުން އޭނާ ބުންޏެވެ.
ވެން ޑައިކް ނެތުމަކީ ލިވަޕޫލްގެ އިތުރުން ނެދަލެންޑްސް އަށް ވެސް ލިބޭނެ ބޮޑު ގެއްލުމެކެވެ. އަނިޔާގެ މުއްދަތު ނޭނގޭތީ އަންނަ އަހަރުގެ ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެން ޑައިކަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް އަދި ނުލިބެ އެވެ. ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށް ދާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 ގެ ނިޔަލަށެވެ.