ފުރަތަމަ ސަފްޙާ / ޚަބަރު / ވެން ޑައިކަށް ވީ ކުޑަ އަނިޔާއެއް ނޫން: ކްލޮޕް

ވެން ޑައިކަށް ވީ ކުޑަ އަނިޔާއެއް ނޫން: ކްލޮޕް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 އޮކްޓޫބަރު 2020

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަން އާ ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗުގައި އެ ޓީމުގެ އިތުބާރު ޑިފެންޑަރ ވާޖިލް ވެން ޑައިކަށް ލިބުނު އަނިޔާ ރަގަޅު ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ރޭ އެވަޓަން އާ ވާދަކޮށް ރަށުން ބޭރުގައި އެއްވަރުވި މެޗުގައި ނެދަލޭންޑްސްގެ އުމުރުން 29 އަހަރުގެ ވެން ޑައިކަށް ލިބުނު އަނިޔާ އާ ގުޅިގެން މެޗުގެ ވަރަށް ކުރީކޮޅު އޭނާ ވަނީ ބަދަލުކޮށްފަ އެވެ. މެޗުގައި ވެން ޑައިކަށް އަނިޔާވީ ލިވަޕޫލުން އެފެއްދި ހަމަލާއެއް ދިފާއުކުރަން އެވަޓަންގެ ގޯލްކީޕަރު ޕިކްފޯޑް އުޅުމުގެ ތެރޭގައި ވެން ޑައިކަށް ކުރި ޗެލެންޖަކުންނެވެ.

“ވާޖިލް ޖެހިޖެހިގެން ކުޅެފައިވަނީ ކިތައް މެޗު ކަމެއް އަހަރެންނަކަށް ބުނާކަށް ނޭނގޭ. އަނިޔާގެ ތަދު އިހްސާސްކުރަމުން ވެސް އޭނަ ކުޅޭ. އެކަމަކު މިއަދު އޭނައަށް ކުޅުން ކުރިއަށް ގެންދެވޭ ވަރެއް ނުވި. އެއީ އަނިޔާ އެހާ ރަގަޅު ނޫންވީމަ.” މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

އެވަޓަންގެ ގޯލްކީޕަރާއި ވެން ޑައިކާ ދެމެދު ހިނގި ހާދިސާ އާ ގުޅިގެން ލިވަޕޫލުން ޕެނަލްޓީއަކަށްވެސް އެޕީލް ކުރި އެވެ. އެކަމަކު މެޗުގެ ރެފްރީ ނިންމީ ވެން ޑައިކަށް ޕިކްފޯޑް ޗެލެންޖްކުރުމުގެ ކުރިން ލިވަޕޫލްގެ ހަމަލާ އުފެއްދުމުގައި ބައިވެރިވި އެ ޓީމުގެ ފޯވާޑް ސަޑިއޯ މާނޭ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

“އެއީ ޕެނަލްޓީ އެއް. އެކަން ވަރަށް ސާފު. އަހަރެން އެތަން ދުށިން. ދެން އަހަރެމެންނަށް ފެނުނީ އެސިސްޓެންޓް ރެފްރީ ދިދަ ނެގި ތަން. އަހަރެން ހީކުރީ އެހެން ވިޔަސް އެމީހުން ފައުލްކުރި ގޮތް ބަލާނެ ކަމަށް. އެކަމަކު އެހެން އެކަމެއް ނުހިނގި. އަހަރެން ބޭނުމެއް ނޫން އެއީ ޕިކްފޯޑް ގަސްދުގަ ކުރި ކަމެކޭ ބުނާކަށް. އެކަމަކު އެއީ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ގޯލްކީޕަރަކު ކޮށްގެންވާނެ ޗެލެންޖެއް ނޫން.” 30 އަހަރަށްފަހު ލިވަޕޫލަށް ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލަށް އަލަށް ގެނައި ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ އަށްވެސް ވަނީ އަނިޔާވެފަ އެވެ. ތިއާގޯ އާއި ވެން ޑައިކްގެ އަނިޔާގެ ތަފްސީލް އެނގޭނީ ސްކޭން އެއް ހެދުމަށް ފަހުގައި ކަމަށް އެނގިފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!