އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗު 1-4 އިން ކާމިޔާބުކޮށް ލީގުގައި އެ ޓީމު އެންމެ ފަހުން ޓޮޓެންހަމް ހޮޓްސްޕާސްއާ ވާދަކޮށް 1-6 އިން ބަލިވި މެޗުން ލިބުނު ބޮޑު މާޔޫސްކަމަށް ލުޔެއް ހޯދައިފި އެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުކާސަލް އިންނެވެ. މެޗުގައި ނިއުކާސަލް އަށް ލީޑު ލިބުނު ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަތުން މެޗުގެ ދެވަނަ މިނެޓްގައި ބައިކޮޅަށް ވަތް ލަނޑެކެވެ. އެކަމަކު ޔުނައިޓެޑަށް އިތުރު މައްސަލަތަކެއް ކުރިމަތި ނުވަނީސް މެޗުގެ 23 ވަނަ މިނެޓްގައި އެ ޓީމުގެ އަގުބޮޑު ޑިފެންޑަރު ހެރީ މެގުއާ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މިއީ މި ސީޒަނުގައި ރަގަޅު ފޯމަކަށް އަދި ނޭޅި ހުރި މެގުއާ ލިބޭނެ ބޮޑު އިތުބާރަކަށް ވާނެ ކަމުގައި ގަބޫލުކުރެވެ އެވެ. މެޗު އެނަލިސްޓުން ފާހަގަކުރާ ގޮތުގައި ރޭގެ މެޗުގައި މެގުއާގެ ފަރާތުން ފެނުނު ކުޅުމަކީ މި ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު އެންމެ ރަގަޅު ކުޅުމެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވުމާއި ހަމައަށް އެ ޓީމަށް ކުރިމަތިލާންޖެހުނީ ނުތަނަވަސްކަމާއެވެ. ވަކިން ހާއްސަ ގޮތެއްގައި މެޗުގެ 56 ވަނަ މިނެޓްގައި ނިއުކާސަލްގެ ކުޅުންތެރިއަކު ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޔުނައިޓެޑްގެ ޕޯޗްގަލް ތަރި ބްރޫނޯ ފެނާންޑޭޒް އަށް ކާމިޔާބުކުރެވޭގޮތް ނުވުމުން އެ ޓީމުގެ މާޔޫސްކަން އިތުރުވި އެވެ. މީގެ ކުރިން ޔުނައިޓެޑްގެ ޖޯޒީގައި ޖެހި ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބުކޮށްފައިވާ ފެނާންޑޭޒް ރޭ ޖެހި ޕެނަލްޓީ ނިއުކާސަލްގެ ގޯލްކީޕަރު ކާލް ޑާލޯ ވަނީ މަތަކޮށްފަ އެވެ.
ކަން މިހެން އޮއްވައި ޔުނައިޓެޑަށް މެޗުގައި އާ ދިރުމެއް ގެނެސްދިނީ ވެސް ފެނާންޑޭޒް އެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ފެނާންޑޭޒް ކާމިޔާބުކުރީ ނިއުކާސަލްގެ ގޯލުކީޕަރު ބީޓްކުރުމަށްފަހު އެވެ. ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އާރޮން ވެން ބިސާކާ އެވެ. މިއީ ވެން ބިސާކާ ޔުނައިޓެޑްގެ ޖޯޒީގައި ޖެހި ފުރަތަމަ ގޯލެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެތެރެއިން ހަވަނަ މިނެޓްގައި އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑެވެ.
މި ނަތީޖާ އާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ހަ ޕޮއިންޓާއެކު ޓޭބަލްގެ 14 ވަނައިގަ އެވެ.