ފުރަތަމަ ސަފްޙާ / ޚަބަރު / އެއްވަނަ އަށް އަރަން ފުރުސަތު ލިބިފައި އޮއްވައި ބާސެލޯނާ ބަލިވެއްޖެ

އެއްވަނަ އަށް އަރަން ފުރުސަތު ލިބިފައި އޮއްވައި ބާސެލޯނާ ބަލިވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 އޮކްޓޫބަރު 2020

ސްޕެނިޝް ލީގުގައި ރޭ ގެޓާފޭ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ޓޭބަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ބާސެލޯނާ އަށް ގެއްލިއްޖެ އެވެ. މެޗުގެ ކުރިން، ޓޭބަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް އަމިއްލަ ރަށުގައި ކުޅުނު މެޗުން މެޗުން ބަލިވުމާއެކު ގެޓާފޭ ބަލިކޮށްގެން ބާސެލޯނާ އަށް ޓޭބަލްގެ އެއްވަނަ ހޯދުމުގެ ފުރުސަތު އޮތެވެ. އެކަމަކު ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ގެޓާފޭ އާ ވާދަކޮށް ކުޅުނު މެޗުން 0-1 އިން ވީ ބައްޔެވެ.

ރޭގެ މެޗަކީ މި ސީޒަނުގައި މިހާތަނށް ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގައި ގެޓާފޭ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖެއިމީ މަޓާ އެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ ފްރޭންކީ ޑި ޔޮންގް ގެޓާފޭގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. ރޭގެ މެޗުގައި ގެޓާފޭ އަށް ލީޑް ފުޅާކުރުމަށް މެޗު ނިމެން ވަރަށް ގާތްވެފައި ވަނިކޮށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ގެޓާފޭގެ ހުއާން ހެނާންޑޭޒް އަށް މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލުމުން ގޮސްޖެހުނީ ހުރަސް ދަނޑީގަ އެވެ.

އާ ކޯޗް ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ފުރަތަމަ ފަހަރަށް ބަލިވި މެޗުގައި ބާސެލޯނާ އަށްވެސް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ލިބުނު ފުރުސަތެއްގައި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ގޯލަށް ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތްއިރު އޭގެ ފަހުން، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަން އަށް ގޯލާ ވަރަށް ކައިރިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރޭގެ ނަތީޖާ އާއެކު ގެޓާފޭ ދިހަ ޕޮއިންޓާއެކު ޓޭބަލްގެ ދެވަނަ އަށް އެރިއިރު ބާސެލޯނާ އޮތީ ހަތް ޕޮއިންޓާއެކު ޓޭބަލްގެ ނުވަ ވަނައިގަ އެވެ. އަމިއްލަ ރަށުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން އެ ޓީމު ބަލިވި ނަމަވެސް 10 ޕޮއިންޓާއަކު ގޯލުގެ ތަފާތުން އަދިވެސް އެ ޓީމު އޮތީ އެއްވަނައިގަ އެވެ.

ސްޕެނިޝް ލީގުގެ ބޮޑު ދެ ބާރު ރޭ ބަލިވި އިރު ދެން ލީގުގައި މި ދެ ޓީމަށް އޮތީ އެއް ބަޔަކު އަނެއްބަޔަކާ ވާދަކުރާ މަޝްހޫރު އަލް ކްލަސިކޯ މެޗެވެ. އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗް އޮންނާނީ ބާސެލޯނާގެ ދަނޑުގައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!