ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކްލަބް ވެލެންސިއާ ޓީމުގެ ކޯޗަކަށް އަހުމަދު އާތިފް (އާތީ) ހަމަޖައްސައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އެ ކްލަބަށް ގެނެސްފި އެވެ. މީގެ އިތުރުން ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސް އަށް ކުޅުނު ރާއްޖޭގެ ޒުވާން މިޑްފީލްޑަރު އިސްމާއީލް ޒާން އާމިރު ވެސް ވެލެންސިއާ އަށް ބަދަލުވެފައިވާކަން އެ ކްލަބުން މިއަދު ވަނީ ހާމަކޮށްފަ އެވެ.
އާ ކޯޗާއި ދެ ކުޅުންތެރިން ވެލެންސިއާއާ ގުޅުނުކަން ހާމަކުރިއިރު މިއީ އެ ކްލަބުގެ 41 ވަނަ އަހަރީ ދުވަހެވެ. 1979 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު އުފެދުނު ވެލެންސިއާ އަކީ މިދިޔަ ސާޅީހަކަށް އަހަރުތެރޭ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ އެއް ކްލަބެވެ. ވެލެންސިއާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބްތައް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ނުފެންނާނެ އެވެ. މާލީ މައްސަލަތަކާއި ގުޅިގެން ނިއު ރޭޑިއަންޓް ވުޖޫދުން ގެއްލިފައިވާއިރު މިދިޔަ ސީޒަނުގައި ވިކްޓްރީ ވަނީ ރެލިގޭޓްވެފަ އެވެ.
???????? 16th October 1979. VALENCIA born on this Day. HAPPY ANIVERSARY. ???? 41years of making dreams come true. ????????. pic.twitter.com/1BugtIA6Gt
— Club Valencia (@ClubValencia) October 15, 2020
ވެލެންސިއާ ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވީ 2018 ވަނަ އަހަރު އެވެ. އެޓީމު ފުރަތަމަ ޑިވިޝަނުން އަލުން ފުރުސަތު ހޯދީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ. އެޓީމުގެ ކޯޗަކަށް ހަމަޖެއްސި އާތީ ވަނީ މިދިޔަ ސީޒަނުގެ ވަކި ހިސާބަކަށް ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދީފަ އެވެ. އޭގެކުރިން އާތީ ވަނީ 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ އަށް ކޯޗުކޮށްދީ އެޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިދީފަ އެވެ. ޔުނައިޓެޑް ވިކްޓްރީ ދޫކޮށްލުމަށް ފަހު އާތީ ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.
???????? We're delighted to Announce Mohamed Athif as our head Coach for upcoming season 20/21.???? We will start our pre Season training tomorrow evening. @MihaaruSport @avasmv @sunbrk @VaguthuOnline @raajjemv pic.twitter.com/0Pxd0WCRLK
— Club Valencia (@ClubValencia) October 16, 2020
ނ. މާފަރަށް އުފަން 33 އަހަރުގެ އަކްރަމް އެނބުރި ކްލަބް ވެލެންސިއާ އަށް ބަދަލުވިއިރު މިދިޔަ ސީޒަނުގައި އޭނާ ކުޅުނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. މީގެ ކުރިން އަކްރަމް ވަނީ 2006 ވަނަ އަހަރުގެ އިތުރުން 2013، 2015 އަދި 2016 ވަނަ އަހަރު ވެސް ވެލެންސިއާ އަށް ކުޅެފަ އެވެ. ޓީސީ އާއި ވެލެންސިއާގެ އިތުރުން އަކްރަމް ވަނީ، ނިއު ރޭޑިއަންޓް، ވީބީ ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އަށް ކުޅެފަ އެވެ.
2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ އަކްރަމަކީ ރާއްޖޭން ފުޓްބޯޅައިގެ ދެ ރަން މެޑަލް ހޯދިއިރު ވެސް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. މި ދެކާމިޔާބީގެ ތެރެއިން 2018 ވަނަ އަހަރު ރާއްޖޭން ރަން މެޑަލް ހޯދީ އަކްރަމްގެ ކެޕްޓަންކަމުގަ އެވެ.
ވެލެންސިއާ އަށް ބަދަލުވި ޒާން އަކީ އަހަރުތަކެއް ވަންދެން ޔޫރަޕްގެ އެކި ޑިވިޝަންތަކުގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. ޒާން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމުގައި ހިމެނި މެޗުތައް ކުޅެފަ އެވެ. މެންޗެސްޓަރ އާއި ސްޕެއިންގެ ލެވަންޓޭގައި ފުޓްބޯޅައިގެ ތަމްރީނުތައް ފުރިހަމަކުރި ޒާން މިހާރު އަންނަނީ “އާ ޖީލަކަށް” ނަމުގައި ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުންނެވެ.
????????Welcome back Aku & Zaan???????? pic.twitter.com/c1gWHBE7yO
— Club Valencia (@ClubValencia) October 16, 2020
ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރާއިރު ވެލެންސިއާ ވަރުގަދަކުރަން އިތުރު ކުޅުންތެރިން ހޯދާނެކަމަށް ބެލެވެ އެވެ. އަދި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ކުރިއަށް ސީޒަނުގައި އެޓީމުން ފެންނާނެކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި ކޯޗު އާތީގެ އިރުޝާދުގެ ދަށުން ވެލެންސިއާ އިން މާދަމާ ފަރިތަކުރުންތައް ފަށާނެ އެވެ.
ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މާޒިޔާގެ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައި އެޓީމުން މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓިސް) ގެ ކޯޗަކަށް އަހުމަދު ނާޝިދު (ނާދު) ހަމަޖެއްސިއިރު ކްލަބް އީގަލްސް އަށް އިރުޝާދުދޭނީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އެވެ. ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އާއި ލީގުގެ ދެ ވަނަ ހޯދި އީގަލްސް އެވެ.