ފުރަތަމަ ސަފްޙާ / ޚަބަރު / އިޓަލީ – ނެދަލެންޑްސް އެއްވަރު، ޕޯޗުގަލް އާއި ފްރާންސް މޮޅުވެއްޖެ

އިޓަލީ – ނެދަލެންޑްސް އެއްވަރު، ޕޯޗުގަލް އާއި ފްރާންސް މޮޅުވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 އޮކްޓޫބަރު 2020

ޔޫއެފާ ނޭޝަންސް ލީގުގައި އިޓަލީ އާއި ނެދަލެންޑްސް ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު ޕޯޗުގަލް އާއި ފްރާންސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފި އެވެ. ޗެމްޕިއަން ޕޯޗުގަލް އަމިއްލަ ދަނޑުގައި 3-0 އިން ސްވިޑެން އަތުން މޮޅުވިއިރު ރަށުން ބޭރުގައި ކްރޮއޭޝިއާއާ ވާދަކޮށް ފްރާންސް މޮޅުވީ 2-1 އިންނެވެ.

ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ލޮރެންޒޯ ޕެލެގްރީނީގެ ލަނޑުން އިޓަލީން ވަނީ ލީޑު ނަގައިފަ އެވެ. މިއީ ނިކޯލޯ ބަރެއްލާގެ އެހީތެރިކަމާ އެކު ޕެލެގްރީނީ ޖެހި ލަނޑެކެވެ. އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އިޓަލީ ކޮޅަށް ރޭގެ މެޗުގައި ނެދަލެންޑްސްގެ ހަމައެކަނި ލަނޑު 25 ވަނަ މިނެޓުގައި ޖަހައިދިނީ މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް އެވެ. ވެން ޑެ ބީކްގެ ލަނޑަކީ ގައުމީ ޖާޒީގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. މިއީ ނެދަލެންޑްސްގެ ކޯޗުކަމާ ފްރޭންކް ޑީ ބޯ ހަވާލުވިފަހުން އެގައުމުން ޖެހި ފުރަތަމަ ލަނޑެވެ. އޭނާގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެ ދެ ވަނަ މެޗުން އެއްވަރުވިއިރު ގޯލެއް ޖެހިފައެއްނުވެ އެވެ. ރޭ މެޗުން ބަލިނުވެ ފަރުޖައްސާލުމާ އެކު އިޓަލީ މިހާރު ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 23 މެޗު ފުރިހަމަކޮށްފަ އެވެ.

ގްރޫޕް އޭގެ އެކެއްގެ އެއް ވަނައިގައި އޮތީ ރޭ ބޮޒްނިއާ އަތުން 3-0 އިން މޮޅުވި ޕޮލެންޑް އެވެ. ޕޮލެންޑްގެ ތިން ލަނޑުގެ ތެރެއިން ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ ކަރޮލް ލިނެޓީ އެވެ. ރޭގެ ދެ ލަނޑާ އެކު ލެވަންޑޮސްކީ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 63 އަށް އަރައިފަ އެވެ.

މި ގްރޫޕްގެ ކޮންމެ ޓީމަކުން ހަތަރު މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތް ޕޮލެންޑް ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް އިޓަލީ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތުގައި ދެ ވަނަ ހޯދި ނެދަލެންޑްސް އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ބޮޒްނިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ނޭޝަންސް ލީގުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު އޮންޓުއަން ގްރީޒްމަންގެ ގޯލުން ފްރާންސް ވަނީ ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ ކުރިން އެވަޓަން އަށް ކުޅުނު ފޯވާޑް ނިކޮލާ ވްލަސިޗް އެވެ. ފްރާންސް މޮޅުވި ގޯލު މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް 21 އަހަރުގެ އެމްބާޕޭ ޖަހައިދިން 16 ވަނަ ލަނޑެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ ރޮނާލްޑޯ ސެލްފް އައިސޮލޭޝަނުގައި ހުރެގެން ޕޯޗުގަލްގެ ޓީމަށް ތަރުހީބު ދެނީ

ފްރާންސް ހިމެނޭ ގްރޫޕްގައި ޕޯޗުގަލުން ރޭ ފަސޭހަ މޮޅެއް ހޯދީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. މެޗުގައި އެޓީމުގެ ދެ ލަނޑު ލިވަޕޫލްގެ ފޯވާޑް ޑިއޯޖޯ ޖޯޓާ ޖެހިއިރު އަނެއް ލަނޑު ޖެހީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ.

މި ގްރޫޕުގައި ކޮންމެ ޓީމަކުން ހަތަރު މެޗު ކުޅެފައިވާއިރު އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި އޮތް ފްރާންސަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި ސްވިޑެން އޮތީ ޕޮއިންޓެއް ނުލިބި އެވެ. މި ގްރޫޕުން އެއް ވަނަ ހޯދައި ފައިނަލް ބުރުން ފުރުސަތު ހޯދާ ޓީމެއް ކަށަވަރުވާނީ އަންނަ މަހު ކުޅޭ މެޗުތަކަށް ފަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!