ފުރަތަމަ ސަފްޙާ / ޚަބަރު / އިންގްލެންޑް ބަލިވިއިރު، ބެލްޖިއަމް އަލުން އެއް ވަނަ އަށް

އިންގްލެންޑް ބަލިވިއިރު، ބެލްޖިއަމް އަލުން އެއް ވަނަ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 އޮކްޓޫބަރު 2020

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ އިންގްލެންޑް އަމިއްލަ ދަނޑުގައި ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލިވިއިރު ރަށުން ބޭރުގައި 2-1 އިން އައިސްލެންޑް ބަލިކޮށް ބެލްޖިއަމް އަލުން ގްރޫޕްގެ އެއް ވަނަ އަށް އަރައިފި އެވެ.

ގްރޫޕް އޭގެ ދެ ވަނަ ގްރޫޕްގައި ކޮންމެ ޓީމަކުން ހަތަރު މެޗު ކުޅެފައިވާއިރު އެއް ވަނައިގައި ބެލްޖިއަމް އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ޑެންމާކުން މިހާރު ވަނީ އިންގްލެންޑާ އެއްވަރަށް ހަތް ޕޮއިންޓް ހޯދައި ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އިންގްލެންޑް ހަތް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ފުލުގައި އޮތް އައިސްލެންޑަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ގްރޫޕްގެ އެއް ވަނަ ހޯދައިގެން އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު އިންގްލެންޑަށް ވަނީ ހަނިވެފަ އެވެ. ގްރޫޕްގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ދެ މެޗެވެ. ރޭގެ ބައްޔަކީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 50 މެޗުގެ ތެރެއިން އިންގްލެންޑް ބަލިވި ތިން ވަނަ މެޗެވެ. އިންގްލެންޑާ ހިލާފަށް ފަހަކަށް އައިސް ޑެންމާކް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން އެގައުމުން ކުޅުނު ބައިނަލްއަގްވާމީ 40 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. އަދި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ނުވަ މެޗު އެޓީމުން ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

ހެރީ ކޭން ފުރަތަމަ އެގާރައިގައި ހިމަނައިގެން ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑަށް މައްސަލަތައް ކުރިމަތިވީ 31 ވަނަ މިނެޓުގައި ޑިފެންޑަރު ހެރީ މެގުއާ އަށް ރަތް ކާޑު ދެއްކުމުންނެވެ. މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރަށް ސްޕެއިންގެ ރެފްރީ ޖީސުސް ގިލް މަންޒާނޯ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ ޑެންމާކްގެ ކަސްޕާ ޑޮލްބާގަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އޭގެކުރިން މެގުއާ އަށް ރީނދޫ ކާޑު ދެއްކީ ފޯވާޑް ޔޫސުފް ޕޮލްސަން އަށް ފައުލް ކުރުމުންނެވެ. މެގުއާގެ ރަތް ކާޑަކީ އިންގްލެންޑް ކުޅުންތެރިއަކަށް މެޗެއްގައި ދެ ވަނަ އަށް އެންމެ އަވަހަށް ދެއްކި ރަތް ކާޑެވެ. އެންމެ އަވަހަށް ރަތް ކާޑު ދައްކާފައިވަނީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔޫކްރޭންއާ ދެކޮޅަށް ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ގޯލްކީޕަރު ރޮބް ގްރީން އަށެވެ.

ރޭގެ މެޗުގެ 35 ވަނަ މިނެޓުގައި ޑެންމާކަށް ލީޑު ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން އިންޓަ މިލާނަށް ކުޅޭ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން އެވެ. މިއީ އިންގްލެންޑުގެ ކައިލް ވޯކާ ޑެންމާކްގެ ތޯމަސް ޑިލަނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އެރިކްސަން ގައުމީ ޓީމަށް 100 ވަނަ މެޗު ރޭ ކުޅެދިންއިރު މިއީ ގައުމީ ޖާޒީގައި އޭނާ ކާމިޔާބުކުރި 34 ވަނަ ގޯލެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރަން އިންގްލެންޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު ޑެންމާކްގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މިގޮތުން ޗެލްސީގެ މޭސަން މައުންޓް ބޮލުން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ރެފްރީ މަންޒާނޯއާ ހިނގި ކުރިމަތިލުމެއްގައި އިންގްލެންޑްގެ ޑިފެންޑަރު ރީސް ޖޭމްސް އަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ނުކުޅެ އެވެ. އިންގްލެންޑް އަތުން 2-1 އިން ބަލިވި މެޗުގައި އަނިޔާވުމުން ޑި ބްރާނާ ވަނީ އެނބުރި މެންޗެސްޓަރ އަށް ގޮސްފަ އެވެ. ޑި ބްރޭނާގެ އިތުރުން އަނިޔާގައި ތިބި އެޑެން ހަޒާޑާއި ޑްރިސް މާޓެންސް ރޭގެ މެޗުގައި ވެސް ނުފެނެ އެވެ. މެޗުގައި ބެލްޖިއަމްގެ ދެ ލަނޑު ވެސް ޖަހައިދިނީ އިންޓަ މިލާނުގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. ނުވަ ވަނަ މިނެޓުގައި ލުކާކޫ ފުރަތަމަ ލަނޑު ޖެހިއިރު ގައުމީ ޓީމަށް އޭނާގެ 55 ވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގައި އައިސްލެންޑްގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޖަހައިދިނީ ސައެވާސަން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!