މިހާރު ކުޅެމުން އަންނަ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން ބަލިވެއްޖެ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސްޕެއިން މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. ރޭ ޔޫކްރެއިން ގައި ކުޅުނު މެޗުން ސްޕެއިން ބަލިވީ 0-1 އިންނެވެ.
ރޭގެ މެޗުގައި ސްޕެއިން ކޮޅަށް ޔޫކްރެއިން އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިކްޓާ ސިގަންކޯވް އެވެ. މިއީ މި މެޗުގައި ޔޫކްރެއިން އަށް ލަނޑުޖަހަން ލިބުނު ހަމައެކަނި ރަގަޅު ފުރުސަތެވެ.
2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން އިން ކާމިޔާބުކުރި ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސްޕެއިން އިން 21 ހަމަލާ އެއް ޔޫކްރެއިންގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފައިވެ އެވެ. މެޗުގައި ސްޕެއިން އިން ޔޫކްރެއިންގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޫކްރެއިންގެ ގޯލްކީޕަރު ޖިއޮގީ ބުޝަން އެވެ.
2010 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކުރި ސްޕެއިން ރޭގެ ކުރިން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެއީ ކްރޮއޭޝިއާ އާ ވާދަކޮށް 2-3 އިން ބަލިވި މެޗެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ސްޕެއިން ހިމެނޭ ގްރޫޕްގެ އެއް ވަނައިގައި އަދިވެސް އޮތީ އެ ޓީމެވެ. ޔޫކްރެއިން އާއި ދެން އެ ގްރޫޕްގައި ހިމެނޭ އެއް ޓީމު ކަމަށްވާ ޖަރުމަނު އޮތީ ސްޕެއިން އަށްވުރެ އެއް ޕޮއިންޓް ފަހަތުގަ އެވެ. ޖަރުމަނުން ރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.