ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ އަށް ލަނޑެއް ނުޖެހުން ޑެޝޯމްޕްސް އަށް ވީ އުފަލަކަށް

ރޮނާލްޑޯ އަށް ލަނޑެއް ނުޖެހުން ޑެޝޯމްޕްސް އަށް ވީ އުފަލަކަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 12 އޮކްޓޫބަރު 2020

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ޖެހިޔަ ނުދީ ފްރާންސަށް ހިފަހައްޓާލެވުމަކީ އުފަލެއް ކަމަށާއި، އެކަމަކު ފްރާންސް ޓީމަށް އެންމެ ރަނގަޅު ކުޅުން ނުދެއްކޭ ކަމަށް އެގައުމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ. އަމިއްލަ ދަނޑުގައި ޕޯޗުގަލްއާ ދެކޮޅަށް ފްރާންސުން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މެޗަށް ނުކުތްއިރު މި ދެޓީމަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ މޮޅު ދެ ޓީމެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަންކަން ފްރާންސް ބަލިކޮށް ޕޯޗުގަލް ކާމިޔާބު ކުރިއިރު މިދިޔަ އަހަރު ޕޯޗުގަލުން ވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް ވެސް ކާމިޔާބުކޮށްފަ އެވެ. އަނެއްކޮޅުން ފްރާންސަކީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ދުނިޔޭގެ ޗެމްޕިއަން ޓީމެވެ.

ރޭގެ މެޗަކީ 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގެ ފަހުން މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. މެޗުގައި ދެޓީމުގެ ފަރާތުން ފެނުނީ މަދު ހަމަލާތަކެކެވެ. އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ރޭގެ މެޗަށް ވަން 1000 ސަޕޯޓަރުން ވަނީ މެޗު ނިމެންދެން ފްރާންސް ޓީމަށް ހިތްވަރުދީފަ އެވެ.

“އިދިކޮޅު ޓީމުގެ ފެންވަރަށް ބަލާފަ އަހަރެމެން ދުރާލާ ތައްޔާރުވީން. އަހަރެމެންނަށް މި މެޗުން ރޮނާލްޑޯ ނުފެނެޔޭ ވެސް ބުނެވިދާނެ” ރޮނާލްޑޯ ހިފަހައްޓާލެވުމުގެ ހިތްހަމަޖެހުން އޮތްކަން ހާމަކުރަމުން ޑެޝޯމްޕްސް ބުންޏެވެ.

މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅުނުއިރު ފްރާންސްގެ ގޯލަށް ނުރައްކާވާގޮތަށް ރޮނާލްޑޯ އަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މެޗުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ވާތުފައިން ފޮނުވާލި ބާރު ބޯޅު ގޯލުގެ ކަނަށް އަމާޒުވަނިކޮށް ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ. ރޮނާލްޑޯ ބައިނަލްއަގްވާމީ ކެރިއަރުގައި 101 ލަނޑު ޖަހާފައިވާއިރު ފްރާންސް ކޮޅަށް މިހާތަނަށް ގޯލެއް ޖެހިފައެއްނުވެ އެވެ.

ޑެޝޯމްޕްސް ބުނީ ފްރާންސް ޓީމަށް އެއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށާއި، މުހިއްމު ވަގުތުތަކުގައި ކުރިއަށް ކުޅުނު ކުޅުންތެރިން އަތުން މުހިއްމު ޕާސްތަކެއް ގެއްލުނު ކަމަށެވެ.

“އެޓޭކަށް ދާއިރު މެޗުގައި ފެނުނީ އުނދަގޫކޮށް. ކުޅުންތެރިންގެ މޫވްމެންޓް އެންމެ ރަނގަޅަކަށް ނުފެނުނު. އަނެއްކާ މުހިއްމު ބައެއް ޕާސްތައް ދާންވާ ހިސާބަށް ނުދިޔަ. މެޗެއް ކާމިޔާބު ކުރުމަށް މިއަށް ވުރެ ރަނގަޅަށް ފްރާންސަށް ކުޅެވޭނެ” މަދު ހަމަލާތަކެއް ފެނުނު މެޗަށް ފަހު ޑެޝޯމްޕްސް ބުންޏެވެ.

މެޗުގައި ފްރާންސްގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ 21 އަހަރުގެ ކިލިއަން އެމްބާޕޭ އެވެ. އެކަމަކު އެމްބާޕޭ ފޮނުވާލި އެ ހަމަލާ ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީސިއޯ ވަނީ މަތަކޮށްފަ އެވެ. ފްރާންސްގައި މަޝްހޫރު ކުޅުންތެރިން ހިފެހެއްޓުމުގައި ޕޯޗުގަލްގެ ޑިފެންސްގައި ތިބި ކުޅުންތެރިން ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗަށް ފަހު ޑެޝޯމްޕްސް ވަނީ ދެޓީމުގެ ކުޅުންތެރިން ވެސް ޑިފެންސުގައި ދެއްކި ކުޅުމަށް ތައުރީފްކޮށްފަ އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތް ޕޯޗުގަލް އާއި ދެ ވަނައިގައި ފްރާންސަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ސްވިޑެން އަށް ޕޮއިންޓެއް ނުލިބެ އެވެ. ސްވިޑެންއާ ދެކޮޅަށް ކްރޮއޭޝިއާ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވީ 2-1 އިންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މަޝްހޫރު އިޓަލީ އާއި ނެދަލެންޑްސް އަދި ވޭލްސް ކުޅުނު މެޗުތައް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ވޭލްސް އިން ރަށުން ބޭރުގައި ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ކުޅުނުއިރު ރޮނާލްޑޯ ކޫމަންގެ ކޯޗުކަމުގައި ނެދަލެންޑްސް އެއްވަރުވީ ބޮޒްނިއާއާ ވާދަކޮށެވެ. އިޓަލީ އިން ރަށުން ބޭރުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!