ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ދެ ވަނަ ގްރޫޕްގައި ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް އަތުން ރޭ އިންގްލެންޑް މޮޅުވެއްޖެ އެވެ. އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެޓީމުން ބެލްޖިއަމް ބަލިކުރީ 2-1 އިންނެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި ބެލްޖިއަމް އޮތް އިރު އިންގްލެންޑް މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. ބެލްޖިއަމާ ދެކޮޅަށް އިންގްލެންޑުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗާއި މުބާރާތުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުންނެވެ. ވާދަވެރި މެޗެއްގައި އިންގްލެންޑަށް އެންމެ ފަހުން ބެލްޖިއަމް ބަލިކުރެވުނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ.
ރޭގެ މެޗުގެ ކުރީކޮޅު އިންގްލެންޑުން ރަނގަޅަށް ކުޅެމުން ދަނިކޮށް ބެލްޖިއަމުން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ ލީޑު ނަގައިފަ އެވެ. ރޮމެލޫ ލުކާކޫގެ ޕެނަލްޓީން ލީޑު ނެގުމަށް ފަހު ފުރަތަމަ ހާފުގެ ބާކީ ބައިގައި މޮޅަށް ކުޅެ ބެލްޖިއަމުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކުން މާކަސް ރަޝްފާޑް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރޭގެ މެޗަކީ އިންގްލެންޑް ޓީމަށް ޖެހިޖެހިގެން ރަޝްފާޑް ލަނޑު ޖަހައިދިން ހަތަރު ވަނަ މެޗެވެ. މެޗުގެ ދެ ވަނަ ހާފުގައި އިންގްލެންޑުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފަ އެވެ. މެޗުގައި އިންގްލެންޑް މޮޅުވި ލަނޑު 64 ވަނަ މިނެޓުގައި ޖެހީ ޗެލްސީގެ މޭސަން މައުންޓް އެވެ. އޭރިޔާ ބޭރުން މައުންޓް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ބެލްޖިއަމަށް ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ޑިފެންޑަރު ޓޮބީ އަލްޑަވެއިރެލްޑްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮހެވެ.
މިއީ 2018 ވަނަ އަހަރުގެ ނޮވްމެބަރު މަހު ސްވިޒަލެންޑް އަތުން ބަލިވި ފަހުން ބެލްޖިއަމް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ކުޅުނު 47 މެޗުގެ ތެރެއިން ބެލްޖިއަމް ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.
މެޗަށް ފަހު އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މޮޅާ އެކު ހަމަޖެހިލައިގެން ނުތިބޭނެ ކަމަށާއި، ރަނގަޅު ކުރަންވީ ކަންތައްތައް މެޗުން ފާހަގަވެފައިވާކަމަށެވެ. އެކަމަކު މުހިއްމު މޮޅެއް ލިބުމަކީ ކުރިއަށް ހުރި މެޗުތަކަށް ލިބުނު އުއްމީދެއް ކަމަށް ސައުތުގޭޓް ބުންޏެވެ.
“އެންމެ މަތީ ފެންވަރުގެ މެޗެއް މި ކުޅުނީ. އަހަރެމެންގެ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. މިކަހަލަ ބޮޑު މެޗެއްގައި ނުކުމެ އެ ކުޅުންތެރިން ނަތީޖާ ނެރެފި” ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުނު އިންގްލެންޑް ޓީމުގެ ކޯޗު މެޗަށް ފަހު ބުންޏެވެ.
މޮޅާ އެކު އިންގްލެންޑް ވަނީ ނޭޝަންސް ލީގުގައި އެޓީމު ހިމެނޭ ގްރޫޕްގެ އެއް ވަނަ އަށް އަރައިފަ އެވެ. ތިން މެޗުން ލިބުނު ހަތް ޕޮއިންޓާ އެކު އިންގްލެންޑް އެއް ވަނައިގައި އޮތްއިރު ބެލްޖިއަމް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓް ލިބިގެންނެވެ. ތިން ވަނައިގައި އޮތް ޑެންމާކަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް އައިސްލެންޑަށް ޕޮއިންޓެއް ނުލިބެ އެވެ.
ނޭޝަންސް ލީގުގައި މި ގްރޫޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެދުވަހު އަމިއްލަ ދަނޑުގައި އިންގްލެންޑުން ޑެންމާކާ ދެކޮޅަށް ނުކުންނައިރު ރަށުން ބޭރުގައި ބެލްޖިއަމް ނުކުންނާނީ އައިސްލެންޑާ ދެކޮޅަށެވެ.