އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމަށް އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ކާމިޔާބުކުރެވިދާނެކަމަށް މެންޗެސްޓަރ ސިޓީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފި އެވެ.
އިނގިރޭސި ޓީމަށް ޑި ބްރޭނާ ތައުރީފްކޮށް ވާހަކަދެއްކީ މިރޭ ޔޫއެފާ ނޭޝަންސް ލީގުގައި އެ ގައުމާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި ބެލްޖިއަމް ނުކުންނަ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގަ އެވެ.
“ވަރަށް ޒުވާން ހުނަރުވެރި ބައިވަރު ކުޅުންތެރިންތަކަކާއެކު އެޓީމު ވަރަށް ޝައުގުވެރިވާނެ (ކުރިއަށް އޮތް މުބާރާތްތަކުގައި)” 29 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.
ބެލްޖިއަމް އާއި އިންގްލެންޑް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސެމީ ފައިނަލުން ދެ ޓީމު ބަލިވިއިރު ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ބެލްޖިއަމުން ވަނީ އިންގްލެންޑް ބަލިކޮށްފަ އެވެ. އޭގެ ކުރިން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ވެސް އިންގްލެންޑުގެ މައްޗަށް ކުރި ހޯދީ ބެލްޖިއަމެވެ.
އިންގްލެންޑަށް އެންމެ ފަހުން ލިބުނު ބޮޑު ކާމިޔާބީއަކީ 1966 އަހަރުގެ ވޯލްޑް ކަޕެވެ. އޭގެފަހުން އެޓީމަށް ތައްޓާ އެންމެ ގާތަށް ދެވުނީ އެންމެ ފަހުގެ ވޯލްޑް ކަޕްގަ އެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑި ބްރޭނާ ބުނީ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރުމުގެ ގާބިލްކަން އިންގްލެންޑް ޓީމުގައި އެބަހުރި ކަމަށާއި އެގޮތަށް އަމާޒުހިފައިފި ނަމަ އެކަން އިންގްލެންޑަށް ވެދާނެ ކަމަށެވެ.
“އަހަރެންނަށް ބުނާނީ ދެން އޮންނަ ޔޫރޯ އާއި ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ގާބިލްކަން އިންގްލެންޑް ޓީމުގައި އެބަހުއްޓޭ. ބައިވަރު ޓީމުތަކުން އެ މުބާރާތްތައް ކާމިޔާބުކުރަން ބޭނުންވާނެ. އެކަމަކު އިންގްލެންޑުގައި މިހާރު އޮތް ޓީމާއި، ބޮޑެތި ކްލަބްތަކަށް ކުޅޭ އެގައުމުގެ ކުޅުންތެރިންނަށް ބަލާނަމަ އެޓީމަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތް” ސިޓީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާ ބުންޏެވެ.
އިންގްލެންޑާ ދެކޮޅަށް މިރޭ ނުކުތުމުގެ ކުރިން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވެސް ވަނީ ކާމިޔާބީ ހޯދޭނެ ފެންވަރުގެ ޓީމެއް އިންގްލެންޑުގައި އެބައޮތް ކަމަށް އެއްބަސްވެފަ އެވެ.
“އެޓީމުގައި ތިބީ ދުނިޔޭގެ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް. އެކުޅުންތެރިންނާއެކު ކާމިޔާބީ ހޯދަން ވަގުތު ނަގާނެ. އެމީހުން ބޮޑު މުބާރާތެއްގެ ތަށި ނޫނީ ބޮޑު މުބާރާތަކުން ރަނގަޅު ނަތީޖާއެއް ހޯދާނެ” އިނގިރޭސި ކްލަބް ސްވާންސީ ސިޓީ އާއި ވިގަން އެތުލެޓިކް އަދި އެވަޓަން އަށް ކުރި އިރުޝާދުދިން ކޯޗު ބުންޏެވެ.
ދުނިޔޭގެ ރޭންކިންގެ އިންގްލެންޑް މިވަގުތު ހަތަރު ވަނައިގައި އޮތްއިރު ބެލްޖިއަމް އޮތީ އެއް ވަނައިގަ އެވެ. މިރޭގެ މެޗުގެ ކުރިން އިންގްލެންޑުން ވަނީ މީގެ ތިން ދުވަސް ކުރިން ވޭލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 3-0 އިން ކާމިޔާބުކޮށްފަ އެވެ. އެ މެޗުގައި އިންގްލެންޑުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ވިދާލައިފަ އެވެ. މެޗުގައި ގޯލު ޖެހި 23 އަހަރުގެ ޑޮމިނިކް ކެލްވަޓް-ލެވިން އަކީ މި ސީޒަނުގައި އެވަޓަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އިންގްލެންޑަށް ދެން ލަނޑު ޖަހައިދިނީ ވުލްވްސްގެ ޑިފެންޑަރު ކޮނޯ ކޯޑީ އާއި ސައުތެމްޓަންގެ ފޯވާޑް ޑެނީ އިންގްސް އެވެ. އަދި، އެސްޓަން ވިލާގެ ޖެކް ގްރީލިޝް ވަނީ ވޭލްސް މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިރޭގެ މެޗަށް ނުކުންނައިރު ބެލްޖިއަމަށް އޮތް ނުތަނަވަސް ކަމަކީ ފޯވާޑް ޑްރިސް މާޓެންސް އާއި އެޑެން ހަޒާޑަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.
އިންގްލެންޑާއި ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.