ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އަށް އިތުރު ކުޅުންތެރިން ނުގެނެވުނީ މާލީ ހާލަތު ގޯސްވުމުން: ކޫމަން

ބާސެލޯނާ އަށް އިތުރު ކުޅުންތެރިން ނުގެނެވުނީ މާލީ ހާލަތު ގޯސްވުމުން: ކޫމަން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 އޮކްޓޫބަރު 2020

ކްލަބުގެ މާލީ ހާލަތު ދަށްވުމަކީ އިތުރު ކުޅުންތެރިން ގެންނަން އޭނާ އަށް ކުރިމަތިވި ހުރަހެއް ކަމަށް ބާސެލޯނާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފި އެވެ.

ޔޫރަޕްގެ ޓްރާންސްފާ ބާޒާރު މި މަހުގެ ފަސް ވަނަ ދުވަހު ހަމަވެފައިވާއިރު ބާސެލޯނާގައި މިދިޔަ އަހަރުތަކުގައި މުހިއްމު ދައުރެއް އަދާކުރި ބައެއް ކުޅުންތެރިން ވަނީ ކްލަބް ބަދަލުކޮށްފަ އެވެ. އޭގެތެރޭގައި ލުއިސް ސުއަރޭޒް، އަރްތޫރު، އާޓޫރޯ ވިޑާލް އަދި އިވާން ރަކިޓިޗް ހިމެނެ އެވެ. އެ ކްލަބާ ގުޅުނު އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ އަރްތޫރު ޔުވެންޓަސް އަށް ދޫކޮށްލުމަށް ފަހު މިދިޔަ ޖޫން މަހު އެޓީމަށް ގެނައި 30 އަހަރުގެ މިރަލެމް ޕިޔަނިކެވެ. މީގެ އިތުރުން އެ ކްލަބަށް މި ސީޒަނުގައި ވަނީ ޒުވާން ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ އެމެރިކާގެ 19 އަހަރުގެ ޑިފެންޑަރު ސާޖީނިއޯ ޑެސްޓް އާއި ޕޯޗުގަލްގެ 20 އަހަރުގެ ފޯވާޑް ފްރަންސިސްކޯ ޓްރިންކާއޯ އާއި ސްޕެއިންގެ 17 އަހަރުގެ މިޑްފީލްޑަރު ޕެޑްރީގެ އިތުރުން ބްރެޒިލަށް އުފަން 22 އަހަރުގެ ސެންޓްރަލް މިޑްފީލްޑަރު މަތިއެސް ފެނާންޑޭޒް އެވެ.

ބާސެލޯނާ އިން އެންމެ ފަހުން އާއްމުކުރި މާލީ ހިސާބުތައް ދައްކާގޮތުން ކްލަބަށް ލިބުނު ގެއްލުމުގެ އަދަދު 97 މިލިއަން ޔޫރޯ އަށް އަރަ އެވެ. އަދި، އެ ކްލަބުގެ ރެވެނިއު އިން 203 ޔޫރޯ ދަށްވެފައިވާކަމަށް ވަނީ ހާމަކޮށްފަ އެވެ. އެހެން ކްލަބްތަކެކޭ އެއްގޮތަށް ބާސެލޯނާގެ މާލީ ހާލަތު ދަށްވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް ކޮރޯނާވައިރަސް ޕެންޑަމިކް އެވެ.

“ބާސެލޯނާގައި އޮތް ޓީމު ރަނގަޅު. ޓީމުގައި ތިބި ކުޅުންތެރިންނާ މެދު އަހަރެން ހިތްހަމަޖެހޭ” ބާސެލޯނާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ކޫމަން ބުންޏެވެ.

ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ބާސެލޯނާ އިން ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރީ ލިޔޯނަށް ކުޅޭ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއީ އެވެ. އެކަމަކު ފަހު ވަގުތު އެ ޑީލް ބާސެލޯނާ އަށް ފުރިހަމަކުރެވޭ ގޮތެއްނުވި އެވެ.

“ޓީމު އިތުރަށް ވަރުގަދަކުރަން ކުރި މަސައްކަތުން ބައެއް މަގާމްތަކަށް ކުޅުންތެރިން ހޯދުނު. އެކަމަކު ބައެއް މަގާމްތައް ބޭނުންވި ގޮތަށް ވަރުގަދައެއް ނުކުރެވުނު. އެއީ ކްލަބުގެ މާލީ ހާލަތުގެ ސަބަބުން. އެކަން ގަބޫލުކޮށް އަހަރެމެންނަށް އޮތީ މަސައްކަތްކުރުން” ބާސެލޯނާ އިން އިތުރު ކުޅުންތެރިން ނުގެނެވުނު ސަބަބު ހާމަކުރަމުން ކޫމަން ބުންޏެވެ.

ބާސެލޯނާ އިން މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. މި މެޗުތަކުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ސްޕެއިންގެ 17 އަހަރުގެ ފޯވާޑް އަންސޫ ފާޓީ އެވެ. ކޫމަން ވެސް ވަނީ ފާޓީ މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމަށް ތައުރީފްކޮށްފަ އެވެ. ފާޓީ ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ތިން މެޗުގައި ތިން ލަނޑު ޖަހައިދީފަ އެވެ. ފާޓީގެ ފޯމް ރަނގަޅުވުމަކީ ކުޅުންތެރިން ނުނެގެނެވުމުގެ ބޮލުގައި ރިހުމަށް ކޫމަން އަށް އޮތް ފަރުވާއެކެވެ.

“މިހާތަނަށް ފާޓީ އެދަނީ އޭނާ އަށް ދެއްކޭނެ އެންމެ މޮޅު ކުޅުމެއް ދައްކަމުން. މި ދައްކަނީ 17 އަހަރުގެ ކުޅުންތެރިއެއްގެ ވާހަކަ. އެ އުމުރުގައި އެންމެ މަތީ ފަންތީގައި ޖެހިޖެހިގެން ތިން މެޗު ކުޅުމުން އެނގެނީ އެއީ ވަރަށް މޮޅު ކުޅުންތެރިއެއްކަން” ފާޓީ އަށް ތައުރީފްކުރަމުން ކޫމަން ބުންޏެވެ.

ބާސެލޯނާގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު ފާޓީ އަށް މިހާރު ވަނީ ސްޕެއިންގެ ސީނިއާ ޓީމުން ވެސް ފުރުސަތު ލިބިފަ އެވެ. އަދި، ސީނިއާ ޓީމުގައި ކުޅެ ފާޓީ މިހާރު ވަނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދީފަ އެވެ. ކޫމަން ބުނީ ފާޓީ ދަސްކުރަންޖެހޭ ގިނަކަންކަން އަދިވެސް ހުންނާނެ ކަމަށާއި، އޭނާގެ ފަރާތުން ފާޓީގެ ކުރިއެރުމަށް ހުރިހާ އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

“ފާޓީ މިހާރު އެހެރީ ގައުމީ ޓީމުގައި. މިވަގުތު އެފެންވަރުގެ ގައުމީ ޓީމެއްގައި ހިމެނިގެން ކުޅޭ 17 އަހަރުގެ އެހެން ކުޅުންތެރިއަކު ދުނިޔެއަކު ނުހުންނާނެ” ކޫމަން ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!