2022 ވަނަ އަހަރު އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެމެރިކާ ސަރަހައްދުގެ ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި 5-0 އިން ބޮލީވިއާ ބަލިކޮށްފި އެވެ.
މިއީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްތެރޭ ބްރެޒިލުން ކުޅުނު ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ ކުރިން އެޓީމުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެކުވެރިކަމުގެ އެ މެޗުގައި ބްރެޒިލުން ވަނީ 3-0 އިން ސައުތު ކޮރެއާ ބަލިކޮށްފަ އެވެ. ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މާޗް މަހު ކުޅެން ހަމަޖެހިފައި އޮތުމަށް ފަހު އޮކްޓޫބަރު މަހަށް ފަސްކުރީ ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑުވުމުންނެވެ.
އަމިއްލަ ދަނޑުގައި ރޭގެ މެޗުގައި ބްރެޒިލުން ޖެހި ފަސް ގޯލުގެ ތެރެއިން ލިވަޕޫލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ ބޮލީވިއާގެ ހޯސޭ ކަރަސްކޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ފިރްމީނޯގެ އިތުރުން ބްރެޒިލަށް ގޯލު ކާމިޔާބުކޮށްދިނީ ޕީއެސްޖީ އަށް ކުޅޭ މާކީނިއޯސް އާއި ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯ އެވެ.
ރޭގެ މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް ނޭމާ ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އެ މެޗަކީ ބްރެޒިލްގެ ޖާޒީގައި ނޭމާ ކުޅުނު 102 ވަނަ މެޗެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އިން ރޭ ވަނީ 3-0 އިން ވެނިޒުއޭލާ ބަލިކޮށްފަ އެވެ. މެޗުގައި ކޮލަމްބިއާގެ ލުއިސް މުރިއެލް ދެ ގޯލު ޖެހިއިރު އަނެއް ލަނޑު ޖެހީ ޑުވާން ޒަޕާޓާ އެވެ.
10 ގައުމު ހިމެނޭ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ ދެ ލެގުގެ މެޗުތަކަށް ފަހު އެންމެ ކުރި ހޯދާ ހަތަރު ގައުމަށެވެ. ފަސް ވަނަ ޓީމާއި ހަ ވަނަ ޓީމު ވާދަކުރާނީ ޕްލޭއޮފްގަ އެވެ. ފުރަތަމަ މެޗުތައް ނިމުނުއިރު ބްރެޒިލް، ކޮލަމްބިއާ، އުރުގުއޭ އަދި އާޖެންޓީނާ ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ކޮލިފައިންގައި އާޖެންޓީނާ އިން 1-0 އިން އިކުއެޑޯ ބަލިކުރިއިރު ޗިލީއާ ވާދަކޮށް އުރުގުއޭ މޮޅުވީ 2-1 އިންނެވެ.
މި ސަރަހައްދުގެ ކޮލިފައިން މެޗުތައް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އެރޭ ބްރެޒިލުން ރަށުން ބޭރުގައި ޕެރޫއާ ދެކޮޅަށް ނުކުންނައިރު ބޮލީވިއާގެ ދަނޑުގައި އެޓީމު ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.