ފުރަތަމަ ސަފްޙާ / ޚަބަރު / ސަޕޯޓަރުން ކުރިމަތީ ޕޯޗުގަލް އާއި ސްޕެއިން މެޗު އެއްވަރު

ސަޕޯޓަރުން ކުރިމަތީ ޕޯޗުގަލް އާއި ސްޕެއިން މެޗު އެއްވަރު

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 8 އޮކްޓޫބަރު 2020

ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންގެ އަލްވަލާދޭ ސްޓޭޑިއަމްގައި ސަޕޯޓަރުން ވައްދައިގެން ރޭ ސްޕެއިންއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ. ކޮވިޑް-19 ގެ ހާލަތަށް ބަލައި 50،000 ސަޕޯޓަރުންގެ ދަނޑަށް ރޭ ވަނީ 2500 ސަޕޯޓަރުން ވައްދައިފަ އެވެ.

ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ކުރިން ކޮންމެ މީހެއްގެ ހުން ވަކިން ބަލައި އެމީހެއްގެ ސިއްހީ ހާލަތު ބަލާފައިވެ އެވެ. ކޮވިޑް-19 ގެ ހާލަތު އެއްކޮށް ރަނގަޅު ނުވިނަމަވެސް ބައެއް ގައުމުތަކުގައި ކުޅޭ ކްލަބް މެޗުތަކުގައި ވެސް މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް ސަޕޯޓަރުންނަށް ފުރުސަތުދެމުންނެވެ.

ރޭގެ މެޗަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ސްޕެއިން އާއި ޕޯޗުގަލް ވާދަކޮށް 3-3 އިން އެއްވަރުވިފަހުން މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. އެ މެޗާ ހިލާފަށް ރޭގެ މެޗު ފެނުނީ ދެޓީމުގެ ފަރާތުން ވެސް އެޓޭކުތައް މަދު މެޗެއްގެ ގޮތުގަ އެވެ.

މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރެނާޓޯ ސަންޗޭޒް ފޮނުވާލި ހަމަލާތަކެއް ގޯލުގެ ހުރަސް ދަނޑިއާ ވަނީ އަމާޒުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިން އިން ކުޅުނު އިރު ލީޑްސް ޔުނައިޓެޑަށް ކުޅޭ ސްޕެއިންގެ ފޯވާޑް ރޮޑްރީގޯ އާއި އާރުބީ ލައިޕްޒިގްގެ ޑެނީ އޮލްމޯ ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލްކީޕަރު ރުއީ ޕެޓްރީސިއޯގެ އަތަށެވެ.

ރޭގެ މެޗުގައި ވުލްވްސްގެ އެޑަމާ ޓްރައޮރޭ ވަނީ ފުރަތަމަ ފަހަރަށް ސްޕެއިންގެ ސީނިއާ ޓީމުގައި ކުޅެފަ އެވެ. އެޑަމާ ސްޕެއިން އަށް ބަދަލުވީ އުފަން ގައުމު މާލީގެ ގައުމީ ޓީމުން ވެސް އޭނާ އަށް ފުރުސަތު ލިބިފައިވަނިކޮށެވެ.  މެޗުގައި ސްޕެއިންގެ ގޯލު ބެލެހެއްޓި ޗެލްސީގެ ކެޕާ އަރިޒަބަލާގާ ވަނީ ޕޯޗުގަލްގެ ޔާއޯ ފީލިކް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުއްޓުވައިފަ އެވެ. ސްޕެއިނަށް ރޭ 173 ވަނަ މެޗު ކުޅެދިން ސާޖިއޯ ރާމޯސް މެޗުގެ ފަހުކޮޅު ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާގޮތެއްނުވި އެވެ.

މި ދެޓީމު ވެސް ދެން ނުކުންނާނީ ހަފްތާ ބަންދުގައި ކުޅޭ ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކަށެވެ. ހޮނިހިރު ދުވަހު ސްޕެއިން އިން އަމިއްލަ ދަނޑުގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުންނައިރު އާދީއްތަ ދުވަހު ޕޯޗުގަލް ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.

އެކުވެރިކަމުގެ ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު ޖަރުމަނުން އަމިއްލަ ދަނޑުގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އިޓަލީ އިން އަމިއްލަ ދަނޑުގައި 6-0 އިން މޯލްޑޯވާ ބަލިކުރިއިރު ފްރާންސް ވަނީ އަމިއްލަ ގައުމުގައި 7-1 އިން ޔޫކްރޭން ބަލިކޮށްފަ އެވެ. އެކަމަކު ފްރޭންކް ޑި ބޯގެ ކޯޗުކަމުގައި ނެދަލެންޑްސް އިން ކުޅުނު ފުރަތަމަ މެޗުގައި ރޭ އަމިއްލަ ގައުމުގައި މެކްސިކޯއާ ވާދަކޮށް 1-0 އިން ވަނީ ބަލިވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!