ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލުން ދޫކޮށްލަން ނިންމި މެސްކޮޓްގެ ހަރަދުދޭން އޮޒިލް ނިންމައިފި

އާސެނަލުން ދޫކޮށްލަން ނިންމި މެސްކޮޓްގެ ހަރަދުދޭން އޮޒިލް ނިންމައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 7 އޮކްޓޫބަރު 2020

އާސެނަލްގެ ދަނޑުގައި މިދިޔަ 27 އަހަރު ހަރަކާތްތެރިވަމުން އައި މެސްކޮޓް އެ ކްލަބުން ދޫކޮށްލަން ނިންމާފައިވަނިކޮށް މެސުތު އޮޒިލް މެސްކޮޓްގެ ހަރަދުދޭން ހަވާލުވެއްޖެ އެވެ. އާސެނަލްގެ މެސްކޮޓްގެ ނަމަކީ “ގަނާސޯރަސް” އެވެ. އެ ކެރެކްޓަރ ދަނޑުމަތީގައި ދައްކުވަނީ ޖެރީ ކުއީ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާސެނަލުން ހަރަދުކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. މެސްކޮޓް ދޫކޮށްލަން އެ ކްލަބުން މިދިޔަ ހޯމަ ދުވަހު އިއުލާންކުރީ ޖުމްލަ 55 ފަރާތެއް ހިމެނޭ ގޮތަށެވެ. މެސްކޮޓް ދޫކޮށްލަން ނިންމުމާ އެކު ސޯޝަލް މީޑިއާގައި އެކަން ބޮޑު ބަހުސަކަށްވެ ބައެއް ކުޅުންތެރިން ވެސް އެކަމުގެ ނުތަނަވަސްކަން ފާޅުކުރި އެވެ. އެކަމަށް އިސްނަގައި އޮޒިލްގެ ސޯޝަލް މީޑިއާ އެކައުންޓް ތަކުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ މެސްކޮޓްގެ ހުރިހާ ހަރަދަކާ އޭނާ ހަވާލުވާނެކަމަށެވެ.

އޮޒިލް ބުނީ އާސެނަލްގައި އޭނާ ހުރިހާ ދުވަހަކު މެސްކޮޓްގެ ފުލް މުސާރަ އޭނާ ދޭނެކަމަށާއި ކްލަބްގެ ތާރީހާ ގުޅިފައިވާ މުހިއްމު މީހަކު ދޫކޮށްލަން ނިންމުމުން ދެރަވާ ކަމަށެވެ. އަދި، މެސްކޮޓްގެ ދައުރު އަދާކުރަމުން އަންނަ ކުއީ އަށް އެ ޒިންމާ އާސެނަލްގެ ދަނޑުގައި އަދާކުރުމުގެ ފުރުސަތު ދޭންބޭނުންވާކަމަށް އޮޒިލް ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ހާލަތު މެދުވެރިވުމުން ގިނަ ކްލަބްތަކަކުން ވަނީ މާލީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. މިގޮތުން އާސެނަލްގެ ފުރަތަމަ ޓީމުގެ ކުޅުންތެރިންނާއި ކޯޗު މިކޭލް އާޓެޓާ ހިމެނޭގޮތަށް މިދިޔަ އޭޕްރީލް މަހުގެ މުސާރައިން 12.5 އިންސައްތަ މުސާރައިން ކަނޑާފައިވެއެވެ. އަދި ކްލަބުގެ އެގްޒެކެޓިވް ޓީމުން ވަނީ ކުރިއަށް އޮތް 12 މަސްދުވަހު މުސާރައިގެ ތިންބައިކުޅަ އެއްބައި އުނިކުރަން އެއްބަސްވެފަ އެވެ.

އާސެނަލްގެ މެސްކޮޓްގެ ހަރަދާ އޮޒިލް ހަވާލުވުމުން އޭނާ އަށް މިހާރު އަންނަނީ ތައުރީފް އޮހެމުންނެވެ. 2013 ވަނަ އަހަރު ރެއާލް މެޑްރިޑުން އާސެނަލަށް ބަދަލުވުމަށް ފަހު އޮޒިލް ވަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެހެންނަމަވެސް ފަހަކަށް އައިސް އާސެނަލްގެ ޓީމުން އޮޒިލް އަށް އެއްވެސް ވަރަކަށް ފުރުސަތެއް ނުލިބެ އެވެ. އާސެނަލާ އެކު އޮޒިލް ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު ކޮންމެ ހަފްތާއަކު އޭނާ އަށް 35،000 ޕައުންޑް މުސާރައިގެ ގޮތުގައި ލިބެ އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ކުޅުން މެދުކަނޑާލިފަހުން އޮޒިލް އާސެނަލްގެ ޓީމުން ފެނިފައެއްނުވެ އެވެ. އާ ސީޒަން ފެށިގެން ކުރިއަށްދާއިރު އާސެނަލުން ކުޅުނު އެއްވެސް މެޗެއްގައި އޮޒިލް އަށް ފުރުސަތެއް ނުލިބެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!