ފުރަތަމަ ސަފްޙާ / ޚަބަރު / ކަވާނީ މެންޗެސްޓަރ ޔުނައިޓެޑަށް، އާސެނަލުން ގެނައީ ޕާޓޭ

ކަވާނީ މެންޗެސްޓަރ ޔުނައިޓެޑަށް، އާސެނަލުން ގެނައީ ޕާޓޭ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 6 އޮކްޓޫބަރު 2020

ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑުން އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ ގެ ސޮއި ހޯދި އިރު އާސެނަލުން 45 މިލިއަން ޕައުންޑަށް  ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ގެނެސްފި އެވެ.

ޔުނައިޓެޑަށް ރޭ ބަދަލުވި އުމުރުން 33 އަހަރުގެ ފޯވާޑް ކަވާނީ ވަނީ މިހާތަނަށް ކްލަބް ފެންވަރުގައި 556 މެޗު ކުޅެ 341 ގޯލު ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި ޕީއެސްޖީ އަށް ކުޅުނު 301 މެޗުގައި އޭނާ ޖަހާފައިވާ 200 ގޯލު ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ކަވާނީ ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 116 މެޗު ކުޅެ 50 ގޯލް ކާމިޔާބުކޮށްދީފަ އެވެ.

“މެންޗެސްޓަރ ޔުނައިޓެޑަކީ މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ އެންމެ ރަގަޅު އެއް ކުލަބް. މި ކުލަބަށް ބަދަލުވުމަކީ އަހަރެންނަށް ލިބޭ ފަހުރެއް. އަހަރެން މި ހުރީ މި އާދަޔާހިލާފު ކުލަބަށް ހިދުމަތްކޮށްދިނުމަށް ކެތްމަދުވެފައި. ފުޓްބޯޅައަށް ވަރަށް ޝައުގުވެރިކަން ހުންނަ އެތައް ސަޕޯޓަރުންނެއްގެ ކުރިމަތީގައި މީގެ ކުރިން އަހަރެން ކުޅެފިން. އަހަރެންނަށް އެނގޭ މެންޗެސްޓަރ އަށް ބަދަލުވުމަށްފަހު ވެސް އެކަން އޮންނާނީ އެހެންކަން. މިހާރު މިއޮތް ހާލަތު ބަދަލުވެ ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު ލިބޭ ދުވަހަކުން އޯލްޑް ޓްރެފޯޑްގެ މާހައުލު ތަޖްރިބާކޮށްލާ ހިތުން އަހަރެން މިހުރީ ކެތްމަދުވެފަ.” ޔުނައިޓެޑަށް ބަދަލުވުމަށްފަހު ކަވާނީ ބުނެފައިވެ އެވެ.

އާސެނަލުން ގެނައި ޕާޓޭ ކުރިން ކުޅެމުން އައީ އެތުލެޓިކޯ މެޑްރިޑަށެވެ. އުމުރުން 27 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގައި 35 މެޗު ކުޅެ ތިން ގޯލު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ލީގުގެ ތިންވަނަ މަގާމު ހޯދި އެތުލެޓިކޯ މެޑްރިޑަށް  2011 ވަނަ އަހަރު ބަދަލުވިފަހުން ޕާޓޭ ވަނީ އެ ޓީމަށް 188 މެޗު ކުޅެފައެވެ. ޕާޓޭ އާސެނަލަށް ބަދަލުވި އިރު އެ ޓީމަށް ކުޅެމުން އައި އުރުގުއޭގެ ލޫކަސް ޓޮރޭރާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ.

“ޕާޓޭ އަކީ ވަރަށް ގިނަ ގޮތްގޮތަށް ބޭނުންކުރެވޭނެ ވަރުގަދަ މިޑްފީލްޑަރެއް. އޭނާ އާސެނަލަށް އެ އަންނަނީ ސްޕެނިޝް ލީގުގައާއި ޗެމްޕިއަންސް ލީގުގައި އެތައް އަހަރަކު ކުޅެފައިވާ ޓީމަކުން ހޯދި ތަޖްރިބާ އާއެކު. ޕާޓޭ މެޗާ މެދު ވިސްނުން ބަހައްޓާ ގޮތާއި، މެޗަށް ކުރިމަތިލާ ގޮތާ މެދު އަހަރެމެން ވަރަށް ހިތްހަމަޖެހޭ. އޭނާ އަކީ ވިސްނުންތޫނު ކުޅުންތެރިއެއް. އަހަރެމެން މި އުއްމީދުކުރަނީ ޕާޓޭ ގެ ސަބަބުން އާސެނަލްގެ ޓީމު ބިނާކުރުމަށް އަހަރެމެން މިހާރު މިކުރާ މަސައްކަތަށް ކުރިއެރުން ލިބޭނެ ކަމަށް.” ޕާޓޭ އާ ގުޅޭ ގޮތުން ވާހަކަދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!