އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކޮޅަށް އެސްޓަން ވިލާ އިން މިރޭ 7 ލަނޑު ޖަހައިފި އެވެ. އަމިއްލަ ދަނޑުގައި ލިވަޕޫލް ސިއްސުވާލައި އެސްޓަން ވިލާ އިން ކުރި ހޯދީ 7-2 އިންނެވެ.
ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވިއިރު މެންޗެސްޓަރ ޔުނައިޓެޑް މިރޭ ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 6-1 އިން ބަލިވެފަ އެވެ. މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި އެއް ދުވަހެއްގައި ޔުނައިޓެޑާއި ލިވަޕޫލް ކޮޅަށް 6 ލަނޑު ވަން ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 57 އަހަރުތެރޭ ލިވަޕޫލް ކޮޅަށް ލީގުގައި ހަތް ލަނޑު ވަން ފުރަތަމަ ފަހަރެވެ. 1963 ވަނަ އަހަރުގެ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ލިވަޕޫލް 7-2 އިންނެވެ.
މެޗަށް ނުކުތްއިރު ލިވަޕޫލްގެ ތިއާގޯ އަލްކަންޓަރާ އާއި ސަޑިއޯ މާނޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ތިބީ އައިސޮލޭޝަނުގަ އެވެ. އަދި އަނިޔާގެ ސަބަބުން އެލިސަން ބެކާގެ ބަދަލުގައި ލިވަޕޫލްގެ ގޯލު މިރޭ ބެލެހެއްޓީ އެޑްރިއަން އެވެ. މުހިއްމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
މެޗު ފަށައިގެން އެޑްރިއަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ މެޗުގައި ހެޓްރިކް ހެދި އޮލީ ވަޓްކިންސް އެވެ. އޭގެފަހުން ވަޓްކިންސް އެސްޓަން ވިލާ އަށް ދެ ވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ލަނޑުން ފަރަގު ވަނީ ކުޑަވެފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެސްޓަން ވިލާ އިން ވަނީ އިތުރު ދެ ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލައިފަ އެވެ. މި ހާފުގައި ވަޓްކިންސް ހެޓްރިކް ފުރިހަމަ ކުރިއިރު އަނެއް ލަނޑު ޖެހީ ޖޯން މެގިން އެވެ.
ދެ ވަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ އިތުރު ތިން ލަނޑު ޖަހައިފަ އެވެ. މީގެ ތެރެއިން އެއް ލަނޑު ރޮސް ބާކްލީ ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޖެކް ގްރީލިޝް އެވެ. ބާކްލީ އަކީ ޗެލްސީގައި ހުރެފައި ލޯނު އުސޫލުން ދާދިފަހުން އެސްޓަން ވިލާ އަށް ބަދަލުވި ކުޅުންތެރިއެކެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު ވެސް ޖަހައިދިނީ ސަލާހް އެވެ.
ލީގުގައި ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާ އެކު ލިވަޕޫލް މިވަގުތު އޮތީ ފަސް ވަނައިގަ އެވެ. އެސްޓަން ވިލާ އިން ކުޅުނު ފުރަތަމަ ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާ އެކު ވަނީ ދެ ވަނަ އަށް އަރައިފަ އެވެ. ބައިނަލްއަގްވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމަށް ފަހު އަލުން ފަށާއިރު ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ނުކުންނައިރު އެސްޓަން ވިލާ ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.