ފުރަތަމަ ސަފްޙާ / ޚަބަރު / ލީޑްސްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން: ގާޑިއޯލާ

ލީޑްސްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން: ގާޑިއޯލާ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 4 އޮކްޓޫބަރު 2020

ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އޭނާގެ ޓީމުގެ ކުޅުންތެރިން މެޗުގައި ހިތްވަރު ކުރިކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. އިނގިރޭސި ލީގުގައި ރޭ ސިޓީ އިން ރަށުން ބޭރުގައި ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި މޮޅު ކުޅުމެއް ދައްކައި ސިޓީ އިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެޓީމުގެ ހަމައެކަނި ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ރަހީމް ސްޓާލިން އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ލީޑްސް އިން ކުޅުން ރަނގަޅުކުރިއިރު ދެ ވަނަ ހާފުގައި ވެސް އެޓީމުން ވަނީ ސިޓީ އަށް ނުރައްކާކޮށްފަ އެވެ. ސިޓީގެ ގޯލްކީޕަރު އެޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލީޑްސް އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ސްޕެއިންގެ ފޯވާޑް ރޮޑްރީގޯ އެވެ.

“އަހަރެމެންގެ މިޑްފީލްޑަރުންގެ ފަހަތުގައި އެޓީމުގެ ބައިވަރު ކުޅުންތެރިން ތިބި. އެމީހުންގެ ތިބި ފެންވަރު ރަނގަޅު ކުޅުންތެރިންނާއެކު އެޓޭކުތައް އެހާ އަވަސް. ލީޑްސްއާ ދެކޮޅަށް ކުޅުމަކީ ފަސޭހަކަމެއް ނޫން. މި ސީޒަނުގައި އަދި މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕްގައި އެޓީމާ ދެކޮޅަށް ކުޅުނު ޓީމުތަކަށް ވެސް އެނގޭނެ އެކަން” ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ކުޅެމުން އަންނަ ލީޑްސް އަށް ތައުރީފް ކުރަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ރަނގަޅު ޕްރީ ސީޒަނެއް ނުހެދި މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގައި ތިބުމަކީ އެޓީމަށް އޮތް ގޮންޖެހުމެއް ނަމަވެސް މެޗުގައި މުޅި ޓީމުން ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ. މެޗަށް ނުކުތްއިރު ސިޓީގެ އެއް ވަނަ ފޯވާޑް ސާޖިއޯ އަގުއޭރޯ އާއި އިލްކާއީ ގުންޑޮގާން އަދި ގެބްރިއަލް ޖިސޫސް ހުރީ އަނިޔާގަ އެވެ. އެކަމަކު ކޮވިޑް-19 އިން ރަނގަޅުވުމަށް ފަހު ޑިފެންޑަރު އައިމެރިކް ލަޕޯޓް އާއި ދާދިފަހުން ބެންފީކާ އިން ސިޓީ އަށް ބަދަލުވި ޑިފެންޑަރު ރުބެން ޑިއާސް ރޭގެ މެޗުގައި ވަނީ ކުޅެފަ އެވެ.

“ޓީމު އޮތް ހާލަތަށް ބަލައި (ޕްރީ ސީޒަނެއް ނުހެދުމާއި ބައިވަރު ކުޅުންތެރިން އަނިޔާގައި ތިބުން) މުޅި ޓީމުން ދެއްކި ކުޅުން ފާހަގަކުރަން. ނަސީބުދެރަކަމުން އަހަރެމެންނަށް މޮޅު ނުވެވުނީ. ފުރަތަމަ ހާފުގައި އެޓީމަށް ފުރުސަތެއް ލިބުމުގެ ކުރިން މެޗު ނިންމާލެވޭ ވަރަށް އަހަރެމެންނަށް ފުރުސަތުތައް ލިބުނު” މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ލީޑްސް އަތުން ލިބުނު ޕޮއިންޓާ އެކު ތިން މެޗު ސިޓީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ލީގުގައި ކުޅުން ތިން މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ ހަމައެކަނި ވުލްވްސް އަތުންނެވެ. ސިޓީ މިވަގުތު އޮތީ ލީގުގެ 11 ވަނައިގަ އެވެ.

ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ އިން ވަނީ އަމިއްލަ ދަނޑުގައި 4-0 އިން ކްރިސްޓަލް ޕެލޭސް ބަލިކޮށްފަ އެވެ. މެޗުގައި އެޓީމުގެ ހަތަރު ލަނޑުގެ ތެރެއިން ޖޯޖީނިއޯ ދެ ލަނޑު ޖެހީ ލިބުނު ޕެނަލްޓީތަކުންނެވެ. އަނެއް ލަނޑުތައް ޖެހީ ލެސްޓާ ސިޓީ އިން ޗެލްސީ އަށް ބަދަލުވި ޑިފެންޑަރު ބެން ޗިލްވެލް އާއި ކާޓް ޒޫމާ އެވެ. ރޭ އެވަޓަން އިން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ބްރައިޓަން ބަލިކޮށް ލީގުގައި ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. މެޗުގައި ހަމޭސް ރޮޑްރިގޭޒް ދެ ލަނޑު ޖެހިއިރު އަނެއް ލަނޑުތައް ޖަހައިދިނީ ޔެރީ މިނާ އާއި ފޯވާޑް ޑޮމިނިކް ކެލްވާޓް-ލެވިން އެވެ. ރޭ މެންދަމު ކުޅު މެޗުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ބާންލީ ބަލިކޮށްފަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާ އެވަޓަން އެވެ. ދެ ވަނަ އާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ލިވަޕޫލަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ރޭ ހޯދި ޕޮއިންޓްތަކާއެކު ޗެލްސީ އާއި ލީޑްސް ވަނީ ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ.

ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އާސެނަލުން އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗު ހަވީރު ހައެއް ޖަހާއިރު ފަށާއިރު މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރޭގަނޑު 8:30 ގަ އެވެ. އޭގެފަހުން އޮންނާނީ އެސްޓަން ވިލާ އާއި ޗެމްޕިއަން ލިވަޕޫލް ވާދަކުރާ މެޗެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!