ފުރަތަމަ ސަފްޙާ / ޚަބަރު / ތިޔަ ހީކުރާ ވަރަށްވުރެ ބާސެލޯނާ މޮޅު: ކޫމަން

ތިޔަ ހީކުރާ ވަރަށްވުރެ ބާސެލޯނާ މޮޅު: ކޫމަން

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 3 އޮކްޓޫބަރު 2020

ބާސެލޯނާއާ މެދު ބައެއް މީހުން ދަށްކޮށް ދެކުނަސް، ހީކުރާ ވަރަށްވުރެ ބާސެލޯނާ މޮޅުކަމަށް އެޓީމުގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ބުނެފި އެވެ. ކޫމަން މިހެން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯއާ ވާދަކޮށް 3-0 އިން މޮޅުވި މެޗަށްފަހު، އެޓީމަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުންނެވެ.

ސެލްޓާ އަތުން ރަށުން ބޭރުގައި ބާސެލޯނާ ކުރި ހޯދީ މެޗުގެ ފުރަތަމަ ލަނޑު ޒުވާން ފޯވާޑް އަންސޫ ފާޓީ ޖެހިއިރު ދެ ވަނަ ލަނޑަކީ ސެލްޓާގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެޓީމުގެ ފަހު ލަނޑު ޖެހީ ޑިފެންޑަރު ސާޖިއޯ ރޮބާޓޯ އެވެ. މެޗުގައި ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ކްލަމެންޓް ލެންގެލޭ އަށް ފުރަތަމަ ހާފުގެ ފަހުކޮޅު ރަތްކާޑު ދެއްކުމުން އެޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

އާ ސީޒަން ފެށިގެން މިހާރު ކުރިއަށްދާއިރު ބާސެލޯނާ އިން ވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ކޫމަންގެ ކޯޗުކަމުގައި އެޓީމު އާ ސީޒަނާ ކުރިމަތިލީ ޕްރީ ސީޒަންގައި ކުޅުނު ރަހްމަތްތެރިކަމުގެ ހުރިހާ މެޗުތަކެއް ވެސް ކާމިޔާބުކޮށްގެންނެވެ. ބާސެލޯނާ އަށް ފާޑުކިޔުން އަމާޒުވާން ފެށުނީ ގިނަ އަހަރުތަކަކަށް ފަހު މިދިޔަ ސީޒަނުގައި ތައްޓެއް ކާމިޔާބު ނުކުރެވުމާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 8-2 ގެ ލަދުވެތި ނަތީޖާއަކުން ބަލިވުމުންނެވެ.

“މިދިޔަ އަހަރު ވީގޮތާ މެދު އަހަރެންނަށް ހިޔާލުފާޅެއް ނުކުރެވޭނެ. މިތަނަށް އައި ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނަށް ފާހަގަކުރެވުނު ކުޅުންތެރިން ކާމިޔާބީ ބޭނުންވެފައިވާ ވަރު. ފަރިތަކުރުންތަކުގައި ކުޅުންތެރިން ފެންނަނީ ވަރަށް ވަރުގަދަކޮށް. މެޗުގައި ވެސް އެކަން ދައްކާ” މެޗަށް ފަހު ވާހަކަދައްކަމުން ކޫމަން ބުންޏެވެ.

ބާސެލޯނާގެ ކޯޗު ކޫމަން. އެޓީމާ މެދު ބައެއް މީހުން ދަށްކޮށް ދެކޭތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ބާސެލޯނާގެ ކޯޗުކަމަށް ކޫމަން ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުރި ކީކޭ ސެޓިއެންއާ އެކު ޓީމުގެ ނަތީޖާތައް ދަށްވެ އޭނާ މަގާމުން ވަކިކުރުމަށް ފަހު އެވެ. ބާސެލޯނާގެ ހުށަހެޅުން ކޫމަން ގަބޫލުކުރީ ނެދަލެންޑްސްގެ ކޯޗުކަމުގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަދި ދަނޑިވަޅެއްގަ އެވެ. ކޫމަން އަކީ ނެދަލެންޑްސް ލީގުގައި ކާމިޔާބީތައް ހޯދައި އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަން އަށް ވެސް އިރުޝާދު ދީފައިވާ ކޯޗެކެވެ. އޭނާ ބުނީ ކޯޗިންގައި ބާސެލޯނާއާ އެކު އޭނާއަށް ވަގުތު ބޭނުންވާކަމަށާއި، ޓީމު އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ.

“ކޮންމެ ކޯޗެއް ބޭނުންވާގޮތަށް އަހަރެންނަށް ވެސް މި ޓީމާއެކު ވަގުތު ބޭނުންވޭ. އެކަމަކު ބައެއް މީހުން ހީކުރާ ވަރަށްވުރެ މި ޓީމުގެ ފެންވަރު ރަނގަޅު. ދެ މެޗުން އަހަރެމެންނަށް ހަ ޕޮއިންޓް ވަނީ ލިބިފައި. ހަތް ލަނޑު ޖެހިއިރު ބައިކޮޅަށް ލަނޑެއް ނުވަދޭ. މީގެން އެނގެނީ ޓީމު ދަނީ ރަނގަޅު ދިމާއަކަށްކަން” ބާސެލޯނާއާ އެކު ކާމިޔާބީ ހޯދުމަށް އަމާޒު ހިފާފައިވާ ކޯޗު ބުންޏެވެ.

އާ ސީޒަނާ ކުރިމަތިލިއިރު ބާސެލޯނާގެ މުހިއްމު ބައެއް ކުޅުންތެރިން ވަނީ ކްލަބް ބަދަލުކޮށްފަ އެވެ. މިގޮތުން އެޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވިއިރު އިވާން ރަކިޓިޗް ގުޅުނީ ކުރީގެ ކްލަބް ސެވިއްޔާއާ އެވެ. އަދި، ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސަމޭޑޯ ވަނީ އިނގިރޭސި ކްލަބް ވުލްވްސްއާ ގުޅިފަ އެވެ. ބާސެލޯނާ އިން ސުއަރޭޒް ދޫކޮށްލުމުން ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ގެޓާފޭ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަދި ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ވިޔަރެއާލަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. މި ހަތަރު ޓީމުގެ ތެރެއިން ވެލެންސިއާ އާއި ވިޔަރެއާލް ހަތަރު މެޗު ކުޅެފައިވާއިރު ރެއާލާއި ގެޓާފޭ އިން ކުޅެފައިވަނީ ތިން މެޗެވެ. ސަތޭކަ ޕަސެންޓް ރެކޯޑާއެކު ބާސެލޯނާ މިވަގުތު އޮތީ ފަސް ވަނައިގަ އެވެ. ބާސެލޯނާގެ އިތުރުން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައިވާ އަނެއް ޓީމަކީ ސެވިއްޔާ އެވެ. އެޓީމު އޮތީ ހަ ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!