ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅުވީ މެޗު ނިމުނު ފަހުންނޭ ބުނި މީހުނަށް ޔުނައިޓެޑުން ޖަވާބު ދީފި

މޮޅުވީ މެޗު ނިމުނު ފަހުންނޭ ބުނި މީހުނަށް ޔުނައިޓެޑުން ޖަވާބު ދީފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 އޮކްޓޫބަރު 2020

އިނގިރޭސި ލީގް ކަޕުގެ ހަތަރުވަނަ ބުރުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ބްރައިޓަން އެންޑް ހޯވް އަލްބިއަން ގެ މައްޗަށް ހޯދި ފުރިހަމަ މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ޔުނައިޓެޑުން ބްރައިޓަންގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއަރ ލީގުގައި މި ދެޓީމް ބައްދަލުކުރި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް މޮޅުވީ މެޗު ނިންމާލަން ރެފްރީ ކަށިގަނޑު ގޮއްވި ފަހުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ލިބުނު ޕެނަލްޓީއަކުން 3-2 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށްގެންނެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފު ނިންމާލީ 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޔުނައިޓެޑަށް ލީޑު ނަގައިދިނީ މިޑްފީލްޑަރ ސްކޮޓް މެކްޓޮމިނޭ އެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން ހުއާން މަޓާ ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހާ ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. މީގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ގޯލް ޖަހާނޭ ފުރުސަތު ދެޓީމުގެ ކުޅުންތެރިންނަށް ވެސް ލިބިފައި ވެއެވެ. ޔުނައިޓެޑުގެ ފޯވަޑް އޮޑިއޮން އިގާލޯ ބްރައިޓަންގެ ކީޕަރު ޖޭސަން ސްޓީލް ކައިރިން ނައްޓާފައި ފޮނުވާލި ބޯޅަ ގޯލާ އަމާޒު ވެފައި ނުވާއިރު ބްރައިޓަން އަށް ކުޅޭ އިރާންގެ މިޑްފީލްޑަރ އަލީރިޒާ ޖަހަންބާޝް އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު ދިފާއުކުރީ ޔުނައިޓެޑުގެ ކީޕަރ ޑީން ހެންޑަސަން އެވެ.

ދެވަނަ ހާފުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ދެވަނަ ލަނޑު 73 ވަނަ މިނިޓުގައި ވެން ޑަ ބީކްގެ ޕާހަކުން ކާމިޔާބު ކޮށްދިނީ މަޓާ އެވެ. މި ލަނޑަކީ މަޓާ ޔުނައިޓެޑުގެ ޖޯޒީޖައި ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. ތިންވަނަ ލަނޑު  މެޗުނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ.

މެންޗެސްޓަރ ސިޓީ ވެސް ވަނީ 3-0 އިން ބާންލީގެ މައްޗަށް ކުރިހޯދާ، ލީގް ކަޕުގެ ކުއާޓާއަށް ދަތުރު ކޮށްފަ އެވެ. ރަހީމް ސްޓާލިން ސިޓީއަށް ދެ ލަނޑު ޖަހައިދިން އިރު އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ މިސީޒަނުގައި 23 މިލިއަން ޔޫރޯއަށް އެޓީމަށް އަލަށް ގެނައި ސްޕެއިންގެ ޒުވާން ފޯވަޑް ފެރަން ޓޮރޭޒް އެވެ.

މީގެ އިތުރުން އެވަޓަން ވެސް ވަނީ ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފަ އެވެ. އެވަޓަން އިން ވެސްޓް ހޭމް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އެވަޓަންއަށް ލަނޑުތައް ޖަހައިދިނީ ޑޮމިނިކް ކެލްވަޓް-ލެވިން އާއި ރިޗާލިސަން އެވެ. ޒުވާން އިނގިރޭސި ފޯވަޑް ކެލްވަޓް-ލެވިން ވަނީ މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. ވެސްޓް ހޭމްގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ރޮބަޓް ސްނޮޑްގްރާސް އެވެ. ވެސްޓް ހޭމް އިން ރޭގެ މެޗުން ބަލިވިއިރު އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލީގުގައި ވަރުގަދަ ވުލްވްސް 4-0 އިން ބަލިކޮށްފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!