ފުރަތަމަ ސަފްޙާ / ޚަބަރު / 9 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކޮށްފި

9 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 30 ސެޕްޓެމްބަރު 2020

ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމަށް ނިންމާފައިވާ ޓާފް ދަނޑުގެ ތެރެއިން 9 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

އިއްޔެ ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަރް ހަވާލު ކޮށްފައި ވަނީ މެލޭޝިއާގެ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޙުލޫފެވެ.

ޓާފް އަޅަން އިއްޔެ ހަވާލުކުރެވުނު ނުވަ ރަށުގެ ތެރޭގައި ހިމެނެނީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީގެ ރަށެކެވެ. އައްޑޫ ސިޓީ އިން ޓާފް އަޅާނެ ރަށެއް ކަނޑައެޅިގެންދާނީ ޓެންޑަރ ބޯޑާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މިނިސްޓަރ މަޙުލޫފް ވަނީ ވިދާޅުވެފަ އެވެ. މި ނުވަ ރަށުގެ ދަނޑުގައި ޓާފް އެޅުމަށްހަވާލު ކޮށްފައި ވަނީ 30،851،212.02 ރުފިޔާ އަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޙުލޫފް ވިދާޅުވީ މިހާތަނަށް އައިއިރު 40 ދަނޑެއްގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައި ވާއިރު، މިއަހަރުގެ ނިޔަލަށް 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެތެރޭގައި ހިމެނޭ 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިޔަށް އޮތް ތިން އަހަރުދުވަހުގެ ތެރޭ ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަގީން ކަން އެބައޮތްކަމަށް ވެސް މިނިސްޓަރ މަޙުލޫފް ވިދާޅުވިއެވެ.

މި ނުވަ ރަށުގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ހަވާލުކުރިއިރު، ހޯމަ ދުވަހު ވަނީ 13 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ހަވާލު ކޮށްފަ އެވެ.

އިތުރު 13 ފުޓުބޯޅަ ދަނޑެއްގައި ޓާފް އަޅަން ބަޔަކާ ހަވާލު ކޮށްފި

ސަރުކާރުން އަތޮޅުތެރޭގައި ތަރައްގީ ކުރާ ޓާފް ދަނޑުތަކުގެ ތެރެއިން މިހާތަނަށް ވަނީ ފަސް ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާ ނިންމާލައިފަ އެވެ. އެއީ ފ. ނިލަންދޫ އާއި  ނ. ހޮޅުދޫ އާއި ކެނދިކުޅުދޫގެ އިތުރުން ތ. ވިލުފުށްޓާއި ރ. އަލިފުށީގެ ފުޓުބޯޅަ ދަނޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!