މެންޗެސްޓަރ ސިޓީން 65 މިލިއަން ޕައުންޑަށް ޕޯޗްގަލްގެ ބެންފީކާއަށް ކުޅެމުން އައި ޑިފެންޑަރު ރުބެން ޑިއަސް ގެނެސްފި އެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ޑިއަސް ސިޓީ އަށް ބަދަލުވީ ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގަ އެވެ.
ބެންފީކާއިން ޑިއަސް މެންޗެސްޓަރ ސިޓީއަށް ބަދަލުވިއިރު ސިޓީއަށް ކުޅެމުން އައި އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ ވަނީ 13.7 މިލިއަން ޕައުންޑަށް ބެންފީކާ އަށް ބަދަލުވެފަ އެވެ.
ޑިއަސް އަކީ މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި ސިޓީން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެ ޓީމުން ވަނީ ނެދަލޭންޑްސްގެ ޑިފެންޑަރެއް ކަމަށްވާ ނަތަން އަކޭ އާއި ސްޕެއިންގެ ފޯވާޑެއް ކަމަށްވާ ފެނަން ޓޯރޭސް ގެނެސްފަ އެވެ.
“މެންޗެސްޓަރ ސިޓީ ކަހަލަ ކުލަބަކަށް ބަދަލުވުމަކީ އަހަރެންނަން ދޫކޮށްލަން ކެރޭ ވަރަށްވުރެ މާ އާދަޔާހިލާފު ރަގަޅު ފުރުސަތެއް.. އެ މީހުން ހޯދައިފައިވާ ކާމިޔާބީތަކަށް އެކަނި ބަލާލިޔަސް އެކަން އެނގޭ. މިފަހުގެ އަހަރުތަކަށް ބަލާލާއިރު އެމީހުންނަކީ އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓްކުރަމުން އައި މީހުން. މިކަހަލަ ޓީމެއްގައި ހިމެނުމުގެ އިތުރުން އަހަރެން ކަހަލަ ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމުގެ ގާބިލްކަންހުރި ދުނިޔޭގެ ފެންވަރުގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް.” ސިޓީއަށް ސޮއިކުރުމަށްފަހު ނޫސްވެރިނމްނާ ވާހަކަދައްކަމުން ޑިއަސް ބުންޏެވެ.
ޑިއަސް ވަނީ ބެންފީކާ އަށް 113 މެޗު ކުޅެދިނުމުގެ އިތުރުން ޕޯޗްގަލްގެ ގައުމީ ޓީމަށް 19 މެޗު ކުޅެފަ އެވެ.