ފުރަތަމަ ސަފްޙާ / ޚަބަރު / އިތުރު 13 ފުޓުބޯޅަ ދަނޑެއްގައި ޓާފް އަޅަން ބަޔަކާ ހަވާލު ކޮށްފި

އިތުރު 13 ފުޓުބޯޅަ ދަނޑެއްގައި ޓާފް އަޅަން ބަޔަކާ ހަވާލު ކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 28 ސެޕްޓެމްބަރު 2020

ސަރުކާރުން މުޅި ރާއްޖޭގައި 100 ފުޓުބޯޅަ ދަނޑު އެޅުމަށް ފެށި މަޝްރޫއާ ގުޅިގެން އިތުރު 13 ރަށެއްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.

ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއެކު ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޒުބައިރެވެ.

މިނިސްޓްރީން ވީއޭއެމްކޯ އާ މިއަދު ހަވާލުކުރެވުނު 13 ރަށް ވަނީ ފަސް ސަރަހައްދަކަށް ބަހާލާފަ އެވެ. ފުރަތަމަ ސަރަހައްދުގައި ހިމެނެނީ ށ. ފުނަދޫ އާއި ށ. ފޯކައިދޫ އަދި ށ. މިލަންދޫ އެވެ. ދެވަނަ ސަރަހައްދުގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫ އެވެ. ތިންވަނަ ސަރަހައްދުގައި ޅ. އޮޅުވެލިފުށްޓާއި ރ، ދުވާފަރު އަދި ރ. މާކުރަތު ހިމެނޭއިރު، ހަތަރުވަނަ ސަރަހައްދުގައި ހިމެނެނީކ. ގުޅި، ކ. ގުރައިދޫ އަދި ކ. މާފުށްޓެވެ. ފަސްވަނަ ސަރަހައްދުގައި ހިމެނެނީ އއ. ރަސްދޫ އާއި ވ. ކެޔޮދޫ އެވެ. މި 13 ރަށުގައި ޓާފް އެޅުމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ވީއޭއެމްކޯ އަށް ހަވާލު ކުރެވިފައި ވަނީ 38،214،943.03 ރުފިޔާއަށެވެ. އަދި އެއްބަސްވުމުގައި ވާގޮތުން ކޮންމެ ސަރަހައްދެއްގެ މަސައްކަތް ވެސް 120 ދުވަސް ތެރޭ ނިންމަން ޖެހޭނެއެވެ.

ސަރުކާރުން އަތޮޅުތެރޭގައި ތަރައްގީ ކުރާ ދަނޑުތަކުގެ ތެރެއިން މިހާތަނަށް ވަނީ ފަސް ރަށެއްގެ ޓާފް ދަނޑު އަޅާ ނިންމާލައިފަ އެވެ. އެއީ ފ. ނިލަންދޫ އާއި  ނ. ހޮޅުދޫ އާއި ކެނދިކުޅުދޫގެ އިތުރުން ތ. ވިލުފުށްޓާއި ރ. އަލިފުށީގެ ފުޓުބޯޅަ ދަނޑެވެ. މިއަދު ޓާފް އަޅަން ހަވާލުކުރެވުނު 13 ރަށުގެ ދަނޑުތަކާ އެކު އަންނަ އަހަރުގެ ނިޔަލަށް ފަންސާހާ ގާތްކުރާ އަދަދަކަށް ދަނޑުތައް ނިންމާލެވޭނެ ކަމަށް މިނިސްޓަރ މަހުލޫފް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު އެޅިގެންދާ ޓާފް ދަނޑުތަކަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ “އެޕްރޫވްޑް” ދަނޑުތަކަކަށް ވުމާއެކު، ދަނޑުގެ ކޮމްޕްލީޓް ސެޓަޕެއް ހެދޭ ހިސާބުން، މާލެއާއި އައްޑޫގެ އިތުރުން މި ރަށްރަށުގައި ވެސް ބައިނަލްއަގުވާމީ މެޗްތައް ކުޅެވޭނޭކަން މަހުލޫފް ފާހަގަ ކުރެއްވި އެވެ.

ޓާފް ދަނޑުތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާއިރު އަތޮޅުތެރޭގައި 20 ފުޓުބޯޅަ ދަނޑެއް އެޅުމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެފްއޭއެމްގެ މި ޕްރޮޖެކްޓުގެ ދަށުން ކޮރެއާގެ ސަކައިވިންގް ގްލޯބަލް އާއެކު މިދިޔަ އަހަރު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ފަހު ސަރުކާރާއި އެފްއޭއެމްގެ އަމާޒަކީ މިހާރު ފޯރި ކެނޑިފައިވާ ރާއްޖޭގެ ފުރަތަމަ ޑިވިޝަން ފުޓުބޯޅަ މުޅި ރާއްޖެއަށް ފުޅާ ކުރުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!