އިނގިރޭސި ލީގު ކަޕްގައި ރޭ ލީގު ވަން ގެ ކުލަބެއް ކަމަށްވާ ލިންކޮން ސިޓީ އާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރުމުން މުބާރާތުގެ ހަތަރު ވަނަ ބުރުގައި އެ ޓީމާއި އާސެނަލް ބައްދަލުކުރަން ޖެހިއްޖެ އެވެ. ރޭ ރަށުން ބޭރުގައި ލިންކޮން ސިޓީގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 2-7 އިންނެވެ.
ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ހަތް ލަނޑުހެ ތެރެއިން ހަތަރު ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ލިވަޕޫލަށް މެޗުގައި ގޯލު ހުޅުވައިދިން ލަނޑު ނުވަ ވަނަ މިނެޓުގައި ޝަގީރީ ކާމިޔާބުކޮށްދިންއިރު އޭގެ ނުވަ މިނެޓް ފަހުން މެޗުގެ ދެވަނަ ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ޓަކުމީ މިނަމީނޯ އެވެ. މެޗުގައި ލިވަޕޫލުން ފުރަތަމަ ހާފުގައި ޖެހި އަނެއް ދެ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އުމުރުން 19 އަހަރުގެ މިޑްފީލްދަރު ކާޓިސް ޖޯންސް އެވެ.
ފުރަތަމަ ހާފުގައި ހަތަރު ލަނޑުގެ ލީޑެއް ނެގުމެއްފަހު ލިވަޕޫލުން ފަހު ހާފު ފެށީވެސް ލަނޑަކުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން މިނަމީނޯ އެވެ. ލިވަޕޫލުން ޖެހި ހަވަނަ ގޯލް މެޗުގެ 65 ވަނަ މިނެޓުގައި މާކޯ ގްރޫޖިކް ކާމިޔާބުކޮށްދިން އިރު ފަހު ގޯލު ކާމިޔާބުކޮށްދީފައިވަނީ މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ޑިވޮކް އޮރިގީ އެވެ. މެޗުގައި ލިންކޮން ސިޓީން ޖެހި ދެ ލަނޑު ޖަހައިފައިވަނީ މެޗުގެ 60 އަދި 66 ވަނަ މިނެޓްގަ އެވެ.
ހަތަރުވަނަ ބުރުގައި ލިވަޕޫލާ އާސެނަލް ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެ އެވެ. މި މެޗުގެ ކުރިން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައިވެސް މި ދެ ޓީމު ވާދަކުރާނެ އެވެ. އާސެނަލް އާއި ލިވަޕޫލް އެންމެ ފަހުން ބައްދަލުކުރި ދެ ފަހަރުވެސް އާސެނަލް އިން ކުރި ހޯދައިފައިވާއިރު އާސެނަލްގެ ކޯޗެއްގެ ގޮތުގައި މިކެލް އާޓެޓާ ހުއްޓާ ލިވަޕޫލަށް އަދި އާސެނަލްގެ މައްޗަށް ކުރި ހޯދިފައެއް ނުވެ އެވެ.