ޔޫރޮޕާ ލީގަށް ކޮލިފައިވުމަށް ޓޮޓެންހަމް ހޮޓްސްޕާސް އިން ރޭ ކުޅުނު މެޗު ކާމިޔާބުކުރި އިރު މެޗު ކުޅުނު ދަނޑުގައި ޖަހާފައި ހުރި ގޯލު ކުޑަވެގެން އެ ޓީމުގެ ކޯޗް ހޯސޭ މޮރީނިއޯ ޝަކުވާކޮށްފި އެވެ. ރޭ ނޯތު މެސެޑޯނިއާގެ ސްކެންޑިއާ އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗަށް ނުކުތުމުގެ ކުރިން މޮރީނިއޯ ޔޫއެފާގެ އޮފިޝަލުންނަށް ހުށަހެޅި ޝަކުވާ އަކީ ރަގަޅު ޝަކުވާ އެއްކަން އެފަރާތުން ވަނީ ޔަގީންވެސް ކޮށްދީފަ އެވެ.
“މެޗު ފެށުމުގެ ކުރިން ދިމާވީ ވަރަށް މަޖާ ކަމެއް. އަހަރެންގެ ޓީމުގެ ގޯލްކީޕަރުން ބުނީ ދަނޑުގައި ހުރި ގޯލްތައް ކުޑަކަމަށް. އަހަރެން އަމިއްލައަށް ގޮސް ބެލުމުންވެސް އެކަން ފާހަގަވި. ގޯލްކީޕަރުންނަކީ އެތައް ގަޑިއިރެއް ގޯލުގައި ތިބޭ ބައެއް. އެމީހުންނަށް އެނގޭނެ ގޯލުގެ މިންތައް ރަގަޅު ނޫނިއްޔާ. އަހަރެންނަކީ ގޯލްކީޕަރެއް ނޫން. އެކަމަކު އެންމެ ކުޑައިރުއްސުރެ ފެށިގެން އަހަރެންނަށް ފުޓްބޯޅަ އެނގޭ. އަހަރެން ގޯލާ ހަމައަށް ގޮސް އަތް ހިއްލާުމުން ވަގުތުން އެނގިއްޖެ ކޮންމެވެސް ގޯހެއް އުޅޭކަން.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ.
“ފަހުން ޔޫއެފާގެ ވަފުދާ އެ ވާހަކަ ހިއްސާކުރުމުން އެނގުނީ ގޯލްގެ މިން ފަސް ސެންޓމީޓަރު ކުޑަކަން. އެހެންވެ އަހަރެމެން ޑިމާންޑްކުރިން އަސްލު ސައިޒުގެ ގޯލަށް ބަދަލުކުރަން.” މޮރީނިއޯ އިތުރަށް ބުންޏެވެ.
ދަނޑުގައި ޖަހާފައިހުރި ގޯލުގެ ސައިޒު ކުޑަވި ނަމަވެސް މެޗުގައި އަނެއްކޮޅުން ވާދަކުރި ސްކެންޑިއާ އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ޔޫއެފާއިން އަޅަން ގަސްދުކޮށްފައެއް ނުވެއެވެ. އޭގެ ސަބަބަކަށްވީ ރޭ މެޗު ކުޅުނު ނޯތު މެސެޑޯނިއާގެ ސްކޮޕްޖޭ ސްޓޭޑިއަމް އަކީ ސްކެންޑިއާގެ އަމިއްލަ ސްޓޭޑިއަމް އަށް ނުވުމެވެ. ސްކެންޑިއާ އަށް މި ސްޓޭޑިއަމް ބޭނުންކުރަން ޖެހުނީ އެ ކުލަބްގެ އަމިއްލަ ސްޓޭޑިއަމްވެސް ޔޫއެފާގެ މިންގަނޑުތަކަށް ނުފެތޭތީ އެބެ. ރޭގެ މެޗު ފެށީ ހުންނަންޖެހޭ އަސްލު މިންގަނޑަށް ގޯލް ސައިޒް ބަދަލުކުރުމަށްފަހު އެވެ.
ރޭ ސްކެންޑިއާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ. ރޭގެ މެޗުގައި ޓޮޓެންހަމަށް ގޯލްތައް ކާމިޔާބުކޮށްދިނީ އެރިކް ލަމޭލާ އާއި ސޮންގެ އިތުރުން ހެރީ ކޭން އެވެ.