ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާން މިޔުނިކުން ޔޫެއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފި

ބަޔާން މިޔުނިކުން ޔޫެއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 ސެޕްޓެމްބަރު 2020

މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާ ބަލިކޮށް ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބުކުރި ބަޔާން މިޔުނިކުން ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފި އެވެ. އެއް މެޗުގެ ގޮތުގައި ކުޅޭ މި މުބާރާތުގައި ރޭ ބަޔާން މިޔުނިކުން ސެވިއްޔާގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ.

ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓް ގައި ރޭ 20,000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ ސެވިއްޔާ އިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސެވިއްޔާއަށް ލީޑު ލިބުނު ގޯލު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާގެ ލޫކަސް އޮކަމްޕޮސް އެވެ. މިއީ ސެވިއްޔާ އަށް މިހާރު ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ފޯވާޑް އިވާން ރަކިޓިޗަށް ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލަބާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

ސެވިއްޔާ އިން ލީޑު ނަގައިފައި ވަނިކޮށް ބަޔާން އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 34 ވަނަ މިނެޓްގައި ޖަރުމަނުގެ ފޯވާޑް ލިއޯން ގޮރެޒްކާ އެވެ. މިއީ ބަޔާންގެ ނުރައްކާތެރި ފޯވާޑް ޕޮލެންޑްގެ ރޮބަޓް ލެވޮންޑޮސްކީ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ.

ކޯވިޑް 19 އާ ގުޅިގެން ޔޫރަޕްގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމަށްފަހު މިދިޔަ އޯގަސްޓް މަހު އަލުން ފެށި ފަހުން ފުރަތަމަ ފަހަރަށް ސަޕޯޓަރުން ވައްދައިގެން ކުޅުނު ޔޫއެފާ މުބާރާތުގެ މެޗުގެ ފަހު ހާފު ފަށައިގެން ހަ ވަނަ މިނެޓްގައި ބަޔާން އިން ލީޑު ނެގުމާ ވަރަށް ގާތަށް ދިޔަ އެވެ. މިފަހަރުގެ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ސިޓީން ބަޔާން މިޔުނިކަށް ބަދަލުވި ޖަރުމަނުގެ ފޯވާޑް ލިރޯއި ސާނޭ ދިން ބޯޅައެއް ލެވޮންޑޮސްކީ ގޯލުގެ ތެރެއަށް ވައްދާލި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމައިފައި ވަނީ ސާނޭ އެ ބޯޅަ ދިން އިރު ލެވަންޑޮސްކީ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ. އޭގެ ފަހުން ސާނޭ ވެސް ސެވިއްޔާގެ ގޯލަށް ބޯޅަ އެއް ވައްދާލި އެވެ. އެކަމަކު ރެފްރީ ނިންމައިފައިވަނީ ހަމަލާ އުފެއްދުމުގެ ތެރޭގައި ސެވިއްޔާގެ ކުޅުންތެރިއަކަށް ލެވޮންޑޮސްކީ ފައުލްކޮށްފައިވާ ކަމަށެވެ.

ރޭގެ މެޗުގެ ފަހު ހާފުގައި ބަޔާން އިން ސެވިއްޔާގެ ގޯލަށް އެތައް ފަހަރެއްގެ މަތިން ނުރައްކާކުރި ނަމަވެސް މެޗުގެ ފަހު ހާފުގައި ލަނޑުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ސެވިއްޔާ އަށެވެ. ސެވިއްޔާއިން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔޫސެފް އެން ނެސީރީ އަށް މެޗު ނިމެން ގާތްވެފައި ވަނިކޮށް ލީޑް ނަގަން ލިބުނު ރަނުގެ ފުރުސަތު ބޭކާރުވީ ނެސީރީ ޖެހި ބޯޅަ ބަޔާން ގެ ގޯލްކީޕަރު މެނުއަލް ނބޯޔާ މަތަކުރުމުންނެވެ. އޭރު ނެސީރީ އާ ގޯލާ ދެމެދު ހުރަހަކަށް ހުރީ ނޯޔާ އެކަންޏެވެ.

މެޗުން ބަޔާން މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފު ނިމިނިމި އޮއްވައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސްޕެއިންގެ ހަވީ މާޓިނޭޒް އެވެ. މާޓިނޭޒް ވަނީ 2013 ވަނަ އަހަރު ބަޔާން އިން ސުޕަރ ކަޕް ކާމިޔާބުކުރި އިރު އެ މެޗުގައި ވެސް ގޯލް ޖަހައިފަ އެވެ.

ރޭގެ މެޗުން ބަޔާން މޮޅުވުމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން މެޗަކުން ބަލިނުވެ ހަމަކުރި މެޗުގެ އަދަދު 32 އަށް އެރީ އެވެ. އަނެއްކޮޅުން ރޭގެ މެޗުން ބަލިވުމާއެކު އެއްވެސް މެޗަކުން ބަލިނުވެ ރެއާ ހަމައަށް 21 މެޗު ހަމަކޮށްފައިވާ ސެވިއްޔާގެ އަންބީޓުން ރަން ނިމުނީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!