ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް މާޝަލް އާރޓްސް ދަސްކޮށްދިނުމަށް ދޫކޮށްފި އެވެ. ޔޫތު މިނިސްޓްރީން ބުނީ މާޝަލް އާޓްސް ދަސްކޮށްދިނުމަށް ޖިމް ބޭނުންކުރުމުގެ ފުރުސަތު ދިނީ އެއްވެސް އަގެއް ނުނަގާ ގޮތަށް މިއަހަރުގެ ނިޔަލަށް ކަމަށެވެ.
މި އެއްބަސްވުމާއެކު އެތަނުގައި މާޝަލް އާރޓްސް ކިޔަވައި ދިނުމުގެ ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ.
ޖިމް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގަ އެވެ. މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު މަހުލޫފް އެއްބަސްވުމުގައި ސޮއިކުރެއްވިއިރު މާޝަލް އާރޓްސް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންގެ ނައިބް ރައީސް އަބްދުﷲ ފިރުޝާން އަލީ އެވެ.
ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަން އަކީ މާރޝަލް އާރޓްސްގެ ދިނުމުގައި އެހެން 6 އެސޯސިއޭޝަންއާ ގުޅިގެން އެ އެސޯސިއޭޝަންތައް ތަމްސީލްކުރާ ފަރާތެވެ. އެގޮތުން ދެން ހިމެނޭ އެސޯސިއޭޝަންތަކަކީ ޝާރކްސް މާޝަލް އާޓްސް އެކަޑަމީ، ކޫޑޯ މޯލްޑިވްސް، މޯލްޑިވްސް ޓައިކްވަންޑޯ ފެޑެރޭޝަން، މޯލްޑިވްސް އައިކިޑޯ އެސޯސިއޭޝަން، ކްރޭވް މެގާ އަދި މޯލްޑިވްސް ވޫޝޫ ފެޑެރޭޝަނެވެ.
މާޝަލް އާޓްސް އަކީ ރާއްޖޭގައި އެހާ އާއްމު ކުޅިވަރެއް ނޫނެވެ. އެކަމަކު މި ކުޅިވަރުގައި ރާއްޖޭގެ އެތުލީޓުން ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ ފެންވަރުގައި ވާދަކޮށް ކާމިޔާބީ ހޯދައިފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގައި ބޭއްވި 11 ވަނަ އިންވިޓޭޝަނަލް އަކްޝޭ ކުމާރް ޓޯނަމެންޓްގައި ބައިވެރިވެ ރާއްޖޭގެ ހުސައިން ޒިލާލް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ކުޑޯ މޯލްޑިވްސްގެ ފަރާތުން ދިން ދައުވަތަކަށް، އެ މުބާރާތަށް ޒިލާލް ދިޔައީ އޭނާ މާޝަލް އާޓްސް ދަސްކުރާ ޑޯޖާ، ޝިން އެޓެމި މޯލްޑިވްސްގެ ފަރާތުންނެވެ.