ފުރަތަމަ ސަފްޙާ / ޚަބަރު / ހިތާ ދެކޮޅަށް ބާސެލޯނާއިން ސުއަރޭޒް އެތުލެޓިކޯ އަށް ދޫކޮށްލަނީ

ހިތާ ދެކޮޅަށް ބާސެލޯނާއިން ސުއަރޭޒް އެތުލެޓިކޯ އަށް ދޫކޮށްލަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 23 ސެޕްޓެމްބަރު 2020

ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑިރަޑަށް ވިއްކާލަން އެ ކުލަބުން އެއްބަސްވެއްޖެ އެވެ. ބާސެލޯނާ އިން 33 އަހަރުގެ ފޯވާޑް އެތުލެޓިކޯ އަށް ބަދަލުވާން ހުއްދަ މިދިނީ އެހެން ކުލަބަކަށް އޭނާ ފޮނުވާލަން އެ ކުލަބުން މަސައްކަތްކުރަމުން އައި ވަގުތެއްގަ އެވެ.

2014 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ލިވަޕޫލުން 74 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ބަދަލުވި ސުއަރޭޒް އެތުލެޓިކޯ އަށް ފޮނުވާލުމަކީ ބާސެލޯނާ އިން ފުރަތަމަ ބޭނުންވި ގޮތެއް ނޫނެވެ. އެހެން ނަމަވެސް ޕާސްޕޯޓްގެ މައްސަލައަކާ ހެދި އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން ސުއަރޭޒް ކުރި މަސައްކަތް ނާކާމިޔާބުވުމާއި، ސުއަރޭޒްގެ އޭޖެންޓްގެ ފަރާތުން ބާސެލޯނާއަށް ކުރިމަތިވި ފިއްތުންތަކާ ހުރެ ސްޕެއިންއަށް ނިސްބަތްވާ ވާދަވެރި ކުލަބަކަށް ސުއަރޭޒް ދޫނުކުރަން ބާސެދެލޯނާ އިން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކުރަން އެ ކުލަބަށް އެންމެ ފަހުން މަޖުބޫރުވީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެތުލެޓިކޯ އަށް ސުއަރޭޒް ބަދަލުވަނީ ބާސެލޯނާގައި މިހާރު އޭނާ އަށް ލިބެމުން އަންނަ މުސާރައިގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އެތުލެޓިކޯ އިން ދޭގޮތަށް އެއްބަސްވެގެންނެވެ. ބާސެލޯނާގައި ސުއަރޭޒް އަށް އަހަރަކު 30 މިލިއަން ޔޫރޯ އާމްދަނީގެ ގޮތުގައި ލިބެ އެވެ.

ބާސެލޯނާގައި ސުއަރޭޒް ހޭދަކުރި ހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 283 މެޗު ކުޅެ 198 ގޯލް ޖަހައިދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގާއި، ކުލަބް ވޯލްޑް ކަޕް ހޯދައިދިނުމުގެ އިތުރުން ހަތަރު ލީގް ޓައިޓްލް އާއި، ހަތަރު އެފްއޭ ކަޕް ބާސެލޯނާ އަށް ކާމިޔާބުކޮށްދޭން އެހީތެރިވެދީފަ އެވެ. އަދި، އޭނާ ވަނީ މީގެ އަހަރުތަކެއް ކުރިން ޔޫރަޕްގެ އެންމެ ވަރުގަދަ ފޯވާޑްލައިންގެ ގޮތުގައި ބެލެވުނު ބާސެލޯނާގެ ފޯވާޑްލައިންގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕީއެސްޖީ އަށް މިހާރު ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ އާ އެކު ކުޅެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!