ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ 20 މިލިއަނަށް ލިވަޕޫލުން ތިއާގޯ ގެނެސްފި

އެންމެ 20 މިލިއަނަށް ލިވަޕޫލުން ތިއާގޯ ގެނެސްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 18 ސެޕްޓެމްބަރު 2020

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ތަށި ޖަރުމަނުގެ ބަޔާން މިޔުނިކަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓަރާ އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް މިރޭ ސޮއިކޮށްފި އެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އުމުރުން 29 އަހަރުގެ ތިއާގޯ ލިވަޕޫލަށް ބަދަލުވީ އެންމެ 20 މިލިއަން ޕައުންޑަށެވެ.

ޔޫރަޕްގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ލިވަޕޫލުން ތިއާގޯގެ ސޮއި ހޯދަން ހޭދަކުރި އަގަކީ ނިސްބަތުން ވަރަށް ހެޔޮ އަގެކެވެ. ތިއާގޯ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ހޯލްޑިންގް މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއަކަށްވެފައި އޭނާ އަކީ ކޮންމެ ކުލަބަކުންވެސް ބޭނުންވާނެ ކުޅުންތެރިއެއް ކަމަށް ވުމުގެ އިތުރުން މުޅި ކެރިއަރުގެވެސް އެންމެ ރަގަޅު ފޯމުގައި ހުއްޓާ 20 މިލިއަން ޕައުންޑަށް ތިއާގޯގެ ސޮއި ލިބުމަކީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބޭ ވަރަށް ބޮޑު ނަސީބެއް ކަމުގައި އެ ފަރާތްތަކުން ދެކެއެވެ.

މެންޗެސްޓަރ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާ ބާސެލޯނާގައި ހުރެފައި ބަޔާން މިޔުނިކަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ގެނައި ކުޅުންތެރިއަކީ ތިއާގޯ އެވެ. އޭރު ގާޑިއޯލާ ބުނެފައިވަނީ ތިއާގޯ ނޫން މީހަކު އޭނާ ބޭނުން ނުވާ ކަމަށެވެ.

ލިވަޕޫލަށް ސޮއިކުރުމަށްފަހު ތިއާގޯ ބުނެފައިވަނީ އެއީ އޭނާ ވަރަށް ކުރިއްސުރެ އުއްމީދުކުރަމުން އައި ކަމެއް ކަމަށެވެ.

“މިއީ ވަރަށް އާދަޔާހިލާފު އިހުސާސެއް ކުރެވޭ ވަގުތެއް. މި ވަގުތަށް އަހަރެން އިންތިޒާރުކުރަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ. އެހެންވެ، މިކަން ހަގީގަތަކަށް ވުމުން އަހަރެން މިހިރީ ވަރަށް އުފަލުން.” ލިވަޕޫލަށް ސޮއިކުރުމަށްފަހު ތިއާގޯ ބުނެފައިވެ އެވެ.

ތިއާގޯ ލިވަޕޫލްގައި ބޭނުންކުރާނީ ޖޯޒީ ނަންބަރު ހައެކެވެ. މިއީ ލިވަޕޫލުން މި ސީޒަނަށް އަލަށް ގެނައި ދެވަނަ ކުޅުންތެރިޔާ އެވެ. ލިވަޕޫލުން މީގެ ކުރިން ވަނީ ގްރީސްގެ އޮލިމްޕިއާކޯސް އަށް ކުޅެފައިވާ ޑިފެންޑަރު ކޮސްޓަސް ސިމިކަސް ގެނެސްފަ އެވެ.

ލިވަޕޫލުން 20 މިލިއަން ޕައުންޑަށް ތިއާގޯ ގެނައި އިރު އޭނާގެ ފީ ދައްކާގޮތަށް ހަމަޖައްސައިފައިވަނީ އިންސްޓޯލްމަންޓް އުސޫލުން މުޅި ކޮންޓްރެކްޓްގެ މުއްދަތަށް ބަހާލައިގެންނެވެ. އޭގެ އިތުރުން ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ހޯދާ ކާމިޔާބަށް ބަލައި ފަސް މިލިއަން ޕައުންޑް އިތުރަށް ލިވަޕޫލުން ބަޔާން އަށް ދައްކަން ޖެހޭނެ އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އިތުރުން ތިއާގޯ ވަނީ ބަޔާން މިޔުނިކުގައި ހޭދަކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި ހަތް ފަހަރު ލީގުތަށި ހޯދައި، ހަތަރު ފަހަރު ޖަރުމަނު ކަޕް ކާމިޔާބުކުރުމުގެ އިތުރުން ކުލަބު ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން ތިއާގޯ ވަނީ ބާސެލޯނާ އަށް ކުޅެ ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!