ފުރަތަމަ ސަފްޙާ / ޚަބަރު / އެއްބަސްވުން އާކޮށް އޮބާމަޔަން އާސެނަލްގެ ސަޕޯޓަރުން ހެއްވާލައިފި

އެއްބަސްވުން އާކޮށް އޮބާމަޔަން އާސެނަލްގެ ސަޕޯޓަރުން ހެއްވާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 ސެޕްޓެމްބަރު 2020

އާސެނަލަށް ކުޅޭ ގޭބޮންގެ އިތުބާރު ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އެ ކްލަބުގެ އެއްބަސްވުން އާކޮށްފި އެވެ. ގިނަ މަޝްވަރާތަކަށް ފަހު އޮބާމިޔަންގެ އެއްބަސްވުން އާކުރިކަން އާސެނަލުން ހާމަކުރީ މިރެ އެވެ.

އޮބާމިޔަން އާސެނަލްގެ އެއްބަސްވުން އާކުރިކަން އިއުލާންކުރީ އެ ކްލަބުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ވަގުތުން ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ. 31 އަހަރުގެ ފޯވާޑް އާސެނަލާއެކު އެއްބަސްވީ އިތުރު ތިން ސީޒަނުގައި ކްލަބްގައި މަޑުކުރުމަށެވެ.

“މި ހާއްސަ ކްލަބްގައި މަޑުކުރަން ސޮއިކުރުމަކީ ޝައްކުގައި ހުންނަން ޖެހުނު ކަމެއް ނޫން. އާސެނަލަށް އަހަރެންގެ އިތުބާރު އެބައޮތް. މުޅި ޓީމު އެކުވެގެން ބޮޑެތި ކާމިޔާބީތަކެއް މި ޓީމަށް ހޯދޭނެ. އަހަރެން ގަބޫލުކުރާ ގޮތުގައި އާސެނަލްގެ މޮޅު ކުޅުން ކުރިއަށް އަދި އޮތީ” އާސެނަލްގެ އެއްބަސްވުން އާކުރިކަން ހާމަކުރުމަށް އާއްމުކުރި ވީޑިއޯގައި އޮބާމިޔަން ބުނެފައިވެ އެވެ.

އާސެނަލުން ވަނީ އޮބާމިޔަންގެ އެއްބަސްވުން އާކުރުމަށް މިދިޔަ މަސްތަކުގައި ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ. އެއްބަސްވުން އާކުރިއިރު މަޝްހޫރު އެހެން ކްލަބްތަކުން ދިޔައީ އޮބާމިޔަން އަށް ފާރަލަމުންނެވެ. އޮބާމިޔަންގެ ކުރީގެ އެއްބަސްވުން ހަމަވާގޮތަށް އޮތީ އަންނަ އަހަރުގެ ޖޫން މަހު އެވެ. އަދި ޖެނުއަރީ މަހު ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ އެކު އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު އޭރު އޮބާމިޔަން އަށް އޮތީ ފަހިވެފަ އެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 56 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވުމަށް ފަހު އޮބާމިޔަން ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 111 މެޗުގައި 72 ލަނޑު ޖަހައިފަ އެވެ. އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ފުލް ސީޒަނުގައި އޮބާމިޔަން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި 22 ލަނޑު ޖަހައި ރަން ބޫޓު ހޯދި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. މިދިޔަ ސީޒަނުގައި އާސެނަލަށް ކުޅުނު 44 މެޗުގައި އޮބާމިޔަން ވަނީ 29 ލަނޑު ޖަހައިފަ އެވެ. ލީގުގައި އާސެނަލްގެ ޖާޒީގައި ކުޅުނު 86 މެޗުގައި އޮބާމިޔަން ވަނީ 55 ލަނޑު ޖަހައި 12 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

އާ ސީޒަން ފެށުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ލިވަޕޫލް ބަލިކޮށް އާސެނަލުން ކާމިޔާބުކުރި މެޗުގައި އޮބާމިޔަން ވަނީ ލަނޑު ޖަހައިފަ އެވެ. އަދި މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީ އަތުން އާސެނަލް މޮޅުވި މެޗުގައި ވެސް އެ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އޭނާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިހާރު ފަށާފައިވާއިރު ލީގުގެ ފުރަތަމަ މެޗުގައި އާސެނަލުން 3-0 އިން ފުލަމް ބަލިކުރި މެޗުގައި ވެސް އޮބާމިޔަން ވަނީ ލަނޑު ޖަހައިފަ އެވެ.

2015 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އޮބާމިޔަން އަކީ މިހާރު އާސެނަލްގެ ކެޕްޓަނެވެ. އެ ކްލަބުގެ ކެޕްޓަންކަމުގެ މަގާމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮބާމިޔަން ހަމަޖެއްސީ ކުރީގެ ކޯޗު އުނާއި އެމެރީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!