ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސްޕަޓިސް) ގެ ކޯޗުކަމަށް ތަކުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) ހަމަޖައްސައިފި އެވެ.
ސަސްޕަޓިސްގެ ކޯޗުކަމަށް ނާދު ހަމަޖެއްސިކަން އެ ކްލަބުން އިއުލާންކުރީ މިއަދު އެވެ. ސަސްޕަޓިސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ މިއަހަރުގެ ކުރީކޮޅު އޮތް ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި އެޓީމު ބަލިވީ ކްލަބް ވެލެންސިއާ އަތުންނެވެ.
ނާދު އެންމެފަހުން އިރުޝާދުދިނީ ސަސްޕަޓިސް ވެސް ވާދަކުރި ދެ ވަނަ ޑިވިޝަނުގައި ކުޅުނު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށެވެ. އޭގެކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަށް އިރުޝާދުދީ އެޓީމަށް ލޯ މެޑަލް ނާދު ހޯދައިދިނެވެ. އެއީ އަންހެން ފުޓްބޯޅަ ޓީމަށް ސަރަހައްދީ މުބާރާތަކުން ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
އުމުރުފުރާގެ ގައުމީ ޓީމުތަކާއި ޔޫތު ޓީމުތަކަށް އިރުޝާދު ދިނުމުގެ އިތުރުން ނާދު އަކީ ރާއްޖޭގެ ތިން ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށް ވެސް އިރުޝާދު ދީފައިވާ ކޯޗެކެވެ. ނާދުގެ ކޯޗުކަމުގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ 2017 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކާމިޔާބުކޮށްފަ އެވެ. އަދި، މިދިޔަ އަހަރުގެ ކުރީކޮޅު އޮތް އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ނާދު ވަނީ ދަ ގްރާންޑް ސްޕޯޓްސް ކްލަބް (ދަ ގްރާންޑޭ) ގެ ޔޫތު ޓީމަށް އިރުޝާދުދީފަ އެވެ.
ފުރަތަމަ ޑިވިޝަނުގެ ކޯޗިން ކެރިއަރުގައި ނާދު ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ބީޖީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކޯޗުކަން ކޮށްދީފަ އެވެ. މި ޓީމުތަކުގެ ތެރެއިން އެންމެ ފަހުން ނާދު ފެނުނީ ވިކްޓްރީގެ ކޯޗުގެ ގޮތުގަ އެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އޭވައިއެލް އިން ވަނީ ނާދުގެ ކޯޗުކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ސަސްޕަޓިސް އިން ކުރަމުން އަންނައިރު އެޓީމުގެ އަމާޒަކީ ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލުމެވެ. އެ އަމާޒަށް ދިއުމަށް އެޓީމުން އަންނަނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައި ތިބި ކުޅުންތެރިންނާއެކު ރަނގަޅު ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ސަސްޕަޓިސް އިން ބުނީ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ހޯދިއިރު ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް އަންނަ ސީޒަނުގައި ވެސް އެޓީމަށް ކުޅޭނެ ކަމަށެވެ.
ސަސްޕަޓިސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ތިން ވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި އަހަރުތަކެއް ހޭދަކުރުމަށް ފަހު އެވެ. ތިން ވަނަ ޑިވިޝަނުގައި ތިން އަހަރު ކުޅުނުއިރު މިއަހަރު އޮތް ދެ ވަނަ ޑިވިޝަން މުބާރާތުން ފުރުސަތު ހޯދީ ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދައިގެންނެވެ.
ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބުމުން ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެ ކްލަބުން އަންނީ ކޮފީ ޝޮޕެއް ވެސް ހިންގަމުންނެވެ. މީގެ ކުރިން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުން ބުނީ ވިޔަފާރީގެ ތެރެއިން ކްލަބް ކުރިއަށް ގެންދެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އެ ކްލަބުން މަސައްކަތްކުރާނީ ކެތްތެރިކަމާއެކު ފަހަރަކު ހަރުފަތެއް ގިރާކުރުމަށް ކަމަށެވެ. ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން އަންނަ ޑިސެމްބަރު މަހު ފެށުމަށް އެފްއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.