ފުރަތަމަ ސަފްޙާ / ޚަބަރު / ހާލުގައި ޖެހިފައި އޮތް ޕީއެސްޖީ ފުރަތަމަ މެޗުން ބަލިވެއްޖެ

ހާލުގައި ޖެހިފައި އޮތް ޕީއެސްޖީ ފުރަތަމަ މެޗުން ބަލިވެއްޖެ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 11 ސެޕްޓެމްބަރު 2020

ހަތް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލުގައި ޖެހިފައި އޮތް ޕީއެސްޖީ އިން ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓްވި ލެންސް އަތުން ރޭ 1-0 އިން ބަލިވެއްޖެ އެވެ.

ޕީއެސްޖީގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވުމާއެކު ރޭގެ މެޗު ކުޅެވޭނެ ކަމާމެދު އޮތީ ޝައްކު އުފެދިފަ އެވެ. ކޮވިޑް ޖެހުނު ހަތް ކުޅުންތެރިންގެ ތެރޭގައި ކިލިއަން އެމްބާޕޭ އާއި ނޭމާ އާއި ޑި މާރިއާގެ އިތުރުން މާކީނިއޯސް އަދި މައުރޯ އިކާޑީ ހިމެނެ އެވެ.

ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު އަލުން ލީގުގައި ވާދަކުރަން ފެށި ލެންސްގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖަހައިދިނީ އިގްނާޓިއުސް ގަނާގޯ އެވެ. މިއީ ޕީއެސްޖީގެ ގޯލު ރޭ ބެލެހެއްޓި އުމުރުން 20 އަހަރުގެ ކީޕަރު މާކިން ބުލްކާ އަށް ހެދުނު ގޯހަކުން ޖެހި ލަނޑެކެވެ. ބުލްކާ އަކީ ޕީއެސްޖީގެ ތިން ވަނަ ކީޕަރެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ފުރިހަމަކޮށްފައެއްނުވެ އެވެ. އާ ސީޒަން ފަށައިގެން މިހާރު ކުރިއަށްދާއިރު މެޗުތަކަށް ވަކި އަދަދަކަށް ސަޕޯޓަރުން ވެއްދުމުގެ ހުއްދަ ވަނީ ދީފަ އެވެ. ރޭގެ މެޗަށް ލެންސްގެ 5000 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.

ޕީއެސްޖީ އިން ވަނީ މިދިޔަ ތިން ސީޒަނުގެ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި މިދިޔަ އަށް ސީޒަނުގެ ތެރެއިން އެޓީމަށް ލީގު ޗެމްޕިއަންކަން ނުލިބުނީ އެންމެ ސީޒަނެއްގަ އެވެ. މިދިޔަ ސީޒަން ކެންސަލް ކުރުމަށް ފަހު ޕީއެސްޖީ އަށް ޗެމްޕިއަންކަން ލިބުނުއިރު އެއް ވަނައިގައި އެޓީމު އޮތީ 12 ޕޮއިންޓުގެ ލީޑެއްގަ އެވެ.

ލީގުގައި ޕީއެސްޖީ އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ މާސޭއާ ދެކޮޅަށެވެ. މި މެޗުގައި ވެސް މިވަގުތު އައިސޮލޭޝަނުގައި ތިބި ޕީއެސްޖީގެ ކުޅުންތެރިން ފެނުމުގެ ފުރުސަތު ކުޑަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާ ނީސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!