ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެން އައީ ހަތަރު ވަނަ ހޯދާކަށް ނޫން، ތަށި ހޯދަން: ލަމްޕާޑް

އަހަރެން އައީ ހަތަރު ވަނަ ހޯދާކަށް ނޫން، ތަށި ހޯދަން: ލަމްޕާޑް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 11 ސެޕްޓެމްބަރު 2020

ޗެލްސީގެ ކޯޗްކަމާއި ހަވާޅުވީ ޕްރެޝަރާ ކުރިމަތިލައި ކާމިޔާބު ހޯދަން ކަމަށް މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗްކަމުގެ މަގާމާއި ހަވާލުވި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

ރަޝިޔާގެ ބިލިޔަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީ ގަތްފަހުން އެ ޓީމު ވަނީ ކުޅުންތެރިން ގަތުމަށް އެންމެ ބޮޑު ހޭދައެއް ކުރާ ޔޫރަޕްގެ ޓީމުތަކުގެ ތެރޭގައި ހިމެނިފަ އެވެ. އާ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ކުޅުންތެރިން ގެނައުމަށްޓަކައި ޗެލްސީން މިހާތަނަށް 200 މިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު އެ ކުލަބުން ވަނީ އަލަށް ހަ ކުޅުންތެރިއަކު ގެނެސްފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ޗެލްސީގެ ކޯޗްކަމާއި އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ލަމްޕާޑް ހަވާލުވި އިރު ޗެލްސީ އަށް އޮތީ ޓްރާންސްފަރ ބޭން އަކާއި ކުރިމަތިލާންޖެހިފަ އެވެ. މިދިޔަ ސީޒަން ޗެލްސީން ލީގުގެ ހަތަރު ވަނައިގައި ނިންމާލި އިރު އެ ޓީމުން ވަނީ އެފްއޭ ކަޕްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ޒުވާން ކުޅުންތެރިން ގަތުމުގައި ޗެލްސީން ފީފާގެ ގަވައިދާއި ހިލާފުވި ކަމަށް ނިންމައި ޓްރާންސްފާ ބާޒާރުގައި ޗެލްސީ އަށް ކުޅުންތެރިން ނުގަނެވޭ ގޮތް ހެދުމުން އެކަޑެމީގެ ބައެއް ކުޅުންތެރިން މިދިޔަ ސީޒަނުގައި ކުޅުނު ޓީމުގައި ހިމަނަން ލަމްޕާޑަށް މަޖުބޫރުވި އެވެ. ކޯޗް ލަމްޕާޑް ގަބޫލުކުރާ ގޮތުގައި މިފަހަރު އަލަށް ގެނައި ކުޅުންތެރިންނާ އެކު ޗެލްސީން ބޮޑު ތަފާތެއް ފެންނާ އެވެ.

“އަހަރެން މި މަގާމަށް އައީ ހަތަރުވަނަ އަށް ވާދަކުރާކަށް ނޫން. އަދި އެކަޑެމީ ކުޅުންތެރިން ގޮވައިގެން މިކަން ކުރާކަށް ވެސް ނޫން. އަހަރެން އައީ ތަށި ހޯދަން. މިދިޔަ އަހަރު އަހަރެމެންނަށް ކުޅުންތެރިން ގެނެވޭ ގޮތެއް ނުވި. އެކަމަކު މިފަހަރު ކްލަބުން ނިންމީ ކުޅުންތެރިން ގެންނަން. މި ކުޅުންތެރިންގެ ސަބަބުން ޓީމުގެ މޫނުމަތި ބަދަލުވެއްޖެ. އަހަރެމެން މިތިބީ މަސައްކަތަށް ތައްޔާރަށް.” ލަމްޕާޑް ބުނެފައިވެ އެވެ.

“މިދިޔަ އަހަރު ހަތަރު ވަނައިގައި ނިންމާލެވުމުން އަހަރެމެން ވަރަށް އުފާވި. މިދިޔަ އަހަރު ވެސް އަހަރެންނަށް ޕްރެޝަރު އޮތް. އެކަން ނޫސްވެރިންނަށް ނޭނގެންޏާ އެއީ އަހަރެން ހައިރާންވާ ކަމެއް. ޕްރެޝަރާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެއް.” ލަމްޕާޑް އިތުރަށް ބުނެފައިވެ އެވެ.

މިފަހަރު ޗެލްސީ އަށް އަލަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކި ޖަރުމަނު ލީގުގައި ކުރިން ކުޅެމުންއައި ކައި ހަވާޓްސް އާއި ޓީމޯ ވާނާ ގެ އިތުރުން އަޔަކްސް އެމްސްޓަޑަމް އަށް ކުޅުނު މޮރޮކޯގެ ހަކިމް ޒިޔެޗް އާއި ޕީއެސްޖީއަށް ކުޅެފައިވާ ބްރެޒިލްގެ ތިއާގޯ ސިލްވާ އެވެ.  މިކުޅުންތެރިންނާ އެކު ޗެލްސީން މިފަހަރު ބޮޑު ކާމިޔާބެއް ހޯދަން ސަޕޯޓަރުންވެސް އުއްމީދުކުރާނެ ކަމަށް ގަބޫލުކުރެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!