ކޮވިޑް-19 ގެ އުސޫލަކާ ހިލާފުވުމުގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑްގެ މޭސަން ގްރީންވުޑާއި މެންޗެސްޓަރ ސިޓީގެ ފިލް ފޯޑެން އިނގިރޭސި ގައުމީ ޓީމުން ބާކީކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުން 18 އަހަރުގެ ގްރީންވުޑާއި 20 އަހަރުގެ ފޯޑެން އިނގިރޭސި ޓީމުން ބާކީކުރީ ޔޫއެފާ ނޭޝަންސް ލީގުގައި ރަށުން ބޭރުގައި ހޮނިހިރު ދުވަހު އައިސްލެންޑް އަތުން އިންގްލެންޑް 1-0 އިން މޮޅުވި މެޗަށް ފަހު ގައުމީ ޓީމު ތިބޭ ހޮޓަލުގެ ކޮޓަރިއަށް އަންހެން ކުދިންތަކެއް ވެއްދި މައްސަލައިގަ އެވެ. ކުޅުންތެރިން ތިބޭ ހޮޓަލަށް އަންހެން ކުދިންތަކެއް ވެއްދިކަން ފަޅާއެރީ އެތަނުން ކުއްޖަކު ސްނެޕްޗެޓަށް ލީ ވީޑިއޯއަކުން ގްރީންވުޑާއި ފޯޑެން ފެނުމުންނެވެ.
އައިސްލެންޑުގައި އާއްމުކޮށްފައިވާ ސެލްފް އައިސޮލޭޝަން ގަވާއިދުގައި ބުނެފައިވަނީ ކުޅުންތެރިން ތިބޭ ހޮޓަލުން ބޭރަށް ނުކުތުން މަނާކޮށް އިތުރު އެއްވެސް މީހަކާ ބައްދަލު ނުކުރެވޭނެކަމަށެވެ. އަދި، މެޗު ކުޅުމަށް ގައުމީ ޓީމުތައް ދަނޑަށް ދިއުމަށް ވެސް ހާއްސަ ހުއްދައެއް ނަގަންޖެހެ އެވެ. މި އުސޫލުގައި ބުނެފައިވާގޮތުން މެޗުގެ ކުރިން ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމާއި ފަސް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަންޖެހޭނެ އެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވިޔަސް ޓީމުން ބޭރުން އެއްވެސް މީހަކާ ބައްދަލުކުރުން ވަނީ މަނާކޮށްފަ އެވެ.
މި ކުޅުންތެރިން ގައުމީ ޓީމުން ބާކީކުރިކަން އިއުލާންކުރީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް އެވެ. ސައުތުގޭޓް ބުނީ ގްރީންވުޑާއި ފޯޑެން ޓީމުން ބާކީކުރުމުން މާދަމާރާ ޔޫއެފާ ނޭޝަންސް ލީގުގައި އިންގްލެންޑުން ރަށުން ބޭރުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި އެކުޅުންތެރިން ނުފެންނާނެ ކަމަށެވެ.
“ވަރަށް ކުއްލި ގޮތަކަށް ނިންމަން ޖެހުނީ ދެ ކުޅުންތެރިންނާ މެދު އަމަލުކުރާނެ ގޮތް. ޒުވާން ކުޅުންތެރިންވީމަ ބައެއް ކަންކަމުގައި އެކަހަލަ ކަމެއް ވެދާނެ. އެކަމުގައި އަހަރެމެން ވާނީ އޮންނަ އުސޫލުން އަމަލުކޮށްފަ. އެކުޅުންތެރިންގެ އުމުރު އަހަރެންނަށް އިނގޭ. އެކަމަކު މުޅި ދުނިޔެ ބޮޑު ޕެންޑަމިކެއް ތަޖުރިބާކުރަމުންދާއިރު ހިނގި ކަންތަކަށް އަދަބު ލިބެންޖެހޭ. ޓީމުން ބާކީވީމަ އެ ދެކުޅުންތެރިން އަނބުރާ ދާނީ އިންގްލެންޑަށް” މާދަމާ ރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައުތުގޭޓް ބުންޏެވެ.
ފޯޑެން އާއި ގްރީންވުޑަށް އިނގިރޭސި ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ސީނިއާ ޓީމުން އަލަށް ފުރުސަތު ލިބި މިދިޔަ ހޮނިހިރު ދުވަހު އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މި ދެކުޅުންތެރިން ވެސް ވަނީ ކުޅެފަ އެވެ. އެކަމަކު އަހްލާގީ މައްސަލައެއްގައި ޓީމުން ބާކީކުރުމުން މި ދެކުޅުންތެރިންގެ ކުރިމަގާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ސައުތުގޭޓް ބުނީ ކުރިއަށް އޮތް ތަނުގައި މި ދެކުޅުންތެރިން ގައުމީ ޓީމުގައި ކުޅޭނެތޯ ނިންމަން އަދި މާ އަވަސް ކަމަށެވެ.
ގްރީންވުޑް ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް 17 ލަނޑު ޖަހައިދީފަ އެވެ. ސީޒަނުގެ ފަހުކޮޅު ޔުނައިޓެޑްގެ ފޯވާޑްލައިންގައި މޮޅު ކުޅުމެއް ދައްކައި ގްރީންވުޑް ވަނީ ޔުނައިޓެޑް ޓީމުގެ ފުރަތަމަ އެގާރައިގައި ބަރާބަރަށް ހިމެނިފަ އެވެ. ފޯޑެން ވެސް ވަނީ މިދިޔަ ސީޒަނުގައި ސިޓީ ޓީމުގައި މޮޅު ކުޅުމެއް ދައްކައި ސީޒަނުގެ ފަހުކޮޅު ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.