ފުރަތަމަ ސަފްޙާ / ޚަބަރު / ވެން ޑަ ބީކް ޔުނައިޓެޑަށް ސޮއިކޮށްފި

ވެން ޑަ ބީކް ޔުނައިޓެޑަށް ސޮއިކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 2 ސެޕްޓެމްބަރު 2020

ނެދަލެންޑްސްގެ އަޔަކްސް އިން ވިދާލައި ބޮޑެތި ކްލަބްތަކުން ފާރަލަމުން ދިޔަ ޑޮނީ ވެން ޑަ ބީކް މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

23 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވީ 40 މިލިއަން ޕައުންޑަށެވެ. މީގެ ތެރެއިން ފަސް މިލިއަން ޕައުންޑް ދައްކާނީ އެއްބަސްވުމުގައި ހިމެނޭ ފަސް އަހަރަށް ބަހާލައިގެންނެވެ.

2015 ވަނަ އަހަރު އަޔަކްސް އަށް ބަދަލުވުމަށް ފަހު ވެން ޑަ ބީކް ވަނީ ސީނިއާ ޓީމަށް 175 މެޗު ކުޅެދީ 41 ލަނޑު ޖަހައިފަ އެވެ. އަދި، 19-2018 ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔަކްސް ކުރި ދަތުރުގައި އަޔަކްސްގެ މެދުތެރޭގައި ވެން ޑަ ބީކް ވަނީ މޮޅު ކުޅުމެއް ދައްކައި މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ވެން ޑަ ބީކް ވަނީ އަޔަކްސް އަށް 10 ލަނޑު ޖަހައިދީ ހަތް ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ.

މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ވެން ޑަ ބީކް ހޯދުމަށް ޔޫރަޕްގެ މަޝްހޫރު އެހެން ކްލަބްތަކުން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ހޯދުމަށް އެންމެ ބުރަކޮށް މަސައްކަތްކުރި އެއް ކްލަބަކީ ރެއާލް މެޑްރިޑެވެ. އަދި، ބާސެލޯނާ އިން ވެސް ވެން ޑަ ބީކް އަށް ޝައުގުވެރިވާކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ވެން ޑަ ބީކް ބުނީ ކާމިޔާބު ތާރީހެއް އޮތް ކްލަބަކަށް ބަދަލުވާން ފުރުސަތު ލިބުމުން ކުރެވުނު އިހުސާސް ބުނެދޭން ނޭނގޭ ކަމަށާއި، ދުނިޔޭގެ ފުޓްބޯޅައިގައި ޔުނައިޓެޑަށް ވުރެ މަތީ ފަންތީގެ ކްލަބެއް ނެތް ކަމަށެވެ.

“މި ޓީމުގައި އެބަތިބި ދުނިޔޭގައި ތިބި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިން. އަހަރެންނަށް ޔަގީން އެ ކުޅުންތެރިންގެ ކިބައިން އަހަރެންނަށް ކަންކަން ދަސްވާނެކަން އަދި އަހަރެންނާއެކު ޓީމު އިތުރަށް ވަރުގަދަވާނެކަން” ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ވެން ޑަ ބީކް ބުންޏެވެ.

ވެން ޑަ ބީކް އަކީ އާ ސީޒަނަށް ޔުނައިޓެޑުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާ ޔުނައިޓެޑުން އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިންނަށް ވެސް ފާރަލަމުންނެވެ. އެގޮތުން އެޓީމުން އެންމެ ޝައުގުވެރިވާ ކުޅުންތެރިއަކީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް ޖޭޑަން ސަންޗޯ އެވެ. އެކަމަކު ސަންޗޯ ވިއްކަން ޑޯޓްމަންޑުން ކިޔާ އަގު ބޮޑުވުމުން އެ މަޝްވަރާ މިވަގުތު އޮތީ ހުއްޓިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގު މި މަހުގެ 12 ވަނަ ދުވަހު ފަށާއިރު ޔުނައިޓެޑުން ލީގުގައި ކުޅޭ ފުރަތަމަ މެޗު މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށެވެ.

ޓްރާންސްފާގެ އެހެން ހަބަރުތަކަށް ބަލާއިރު ރެއާލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް ހޯދުމާ ގާތަށް އިނގިރޭސި ކްލަބް އެވަޓަން އިން ޖެހިލާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމޭސް އެވަޓަން އަށް ގެނައުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކުރިން ރެއާލް މެޑްރިޑާއި ބަޔާން މިއުނިކްގައި އޭނާ އަށް އިރުޝާދުދިން އެވަޓަންގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ އެވެ. 20 މިލިއަން ޕައުންޑަށް ހަމޭސްގެ ސޮއި މި ހަފްތާ ނިމުމުގެ ކުރިން އެވަޓަން އިން ހޯދާނެކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!