ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލަށް ބްރެޒިލްގެ ޑިފެންޑަރެއް، ރަކިޓިޗް އެނބުރި ސެވިއްޔާ އަށް

އާސެނަލަށް ބްރެޒިލްގެ ޑިފެންޑަރެއް، ރަކިޓިޗް އެނބުރި ސެވިއްޔާ އަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 ސެޕްޓެމްބަރު 2020

ފްރާންސްގެ ލީލް ގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް މަގާލޭޝްގެ ސޮއި އާސެނަލުން ހޯދިއިރު ބާސެލޯނާގެ ކްރޮއޭޝިއާ މިޑްފީލްޑަރު އިވާން ރަކިޓިޗް އެނބުރި ސެވިއްޔާ އަށް ބަދަލުވެއްޖެ އެވެ.

22 އަހަރުގެ ގެބްރިއެލް އަކީ އާސެނަލުން މި ސީޒަނުގައި ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. އެޓީމުން ފުރަތަމަ ގެނައީ މިދިޔަ އަހަރުތަކުގައި ޗެލްސީ އަށް ކުޅުނު ބްރެޒިލްގެ ވިލިއަން އެވެ. ވިލިއަން ހިލޭ ޓްރާންސްފާއެއްގައި ގެނައި އިރު ގެބްރިއަލް ގެންނަން އާސެނަލުން ވަނީ 26 މިލިއަން ޔޫރޯ ހަރަދުކޮށްފަ އެވެ. ގެބްރިއެލް އާސެނަލަށް ބަދަލުވީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ކަމަށް ކްލަބުން ވަނީ ބުނެފަ އެވެ.

ގެބްރިއެލްގެ ސޮއި ހޯދުމަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ގެބްރިއެލްގެ ކިބައިގައި ޑިފެންޑަރެއްގެ ގިނަ ހުނަރުތައް އެބަހުރި ކަމަށެވެ. ގެބްރިއެލް އާސެނަލާ ގުޅުމުން ޓީމުގެ ޑިފެންސާއި ޓީމުގެ އެއްބައިވަންތަކަން އިތުރަށް ރަނގަޅުވާނެކަމަށް އާޓެޓާ ބުންޏެވެ.

2017 ވަނަ އަހަރު ބްރެޒިލްގެ އަވާއީ އިން ލީލް އަށް ބަދަލުވުމަށް ފަހު ގެބްރިއެލް ވަނީ ލޯނު އުސޫލުން ފްރާންސްގެ ދެ ވަނަ ޑިވިޝަނުގެ ޓީމަކާއި ކްރޮއޭޝިއާގެ ޑީނަމޯ ޒާގްރެބަށް ކުޅެފަ އެވެ. ލީލްގެ ސީނިއާ ޓީމުން 2018 ވަނަ އަހަރު ފުރުސަތު ހޯދި ގެބްރިއެލް އެންމެ ބޮޑަށް ވިދާލީ މިދިޔަ ސީޒަނުގަ އެވެ. ފްރެންޗް ލީގުގެ ހަތަރު ވަނަ ލީލް އިން ހޯދިއިރު ޑިފެންސުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ގެބްރިއެލް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ލީލް އިން ކުޅުނު ހަ މެޗުގައި ވެސް ކުޅެފަ އެވެ. ގެބްރިއެލް ފަހަތުގައި ހުރެގެން މިދިޔަ ސީޒަނުގެ ޑޮމެސްޓިކް މުބާރާތްތަކުން ލީލް ކޮޅަށް 27 ލަނޑު ވަން އިރު އެޓީމަށް ވުރެ މަދުން ލަނޑު ވަދެފައިވަނީ ޕީއެސްޖީ އާއި ރެންސް އަދި ރެއިމްސް ކޮޅަށެވެ. ކޮވިޑް-19 ގެ ސަބަބުން ފްރާންސްގެ ލީގު ހުއްޓާލުމާ ހަމައަށް ގެބްރިއެލް ވަނީ އެޓީމު ކުޅުނު 28 މެޗުގެ ތެރެއިން 24 މެޗުގައި ކުޅެފަ އެވެ.

އާސެނަލްގެ އިތުރުން ގެބްރިއެލް ހޯދުމުގެ ރޭހުގައި އިޓަލީގެ ނަޕޯލީ ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ނަޕޯލީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ވެސް ގެބްރިއެލް އަށް ކޮންމެވެސް ވަރަކަށް ޝައުގުވެރިކަން ފާޅުކުރިކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ބާސެލޯނާ ދޫކޮށް ސެވިއްޔާ އަށް ބަދަލުވި ރަކިޓިޗް. ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދި

ބާސެލޯނާ ދޫކޮށް 32 އަހަރުގެ ރަކިޓިޗް ކުރީގެ ކްލަބަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ރަކިޓިޗް ވިއްކާލައިގެން ބާސެލޯނާ އަށް 1.5 މިލިއަން ޔޫރޯ ލިބޭއިރު ރަކިޓިޗް ސެވިއްޔާގައި ދައްކާ ކުޅުމަށް ބަލައި އިތުރު ނުވަ މިލިއަން ޔޫރޯ ލިބޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ބުނެފަ އެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އަކީ ބާސެލޯނާ އަށް ބަދަލުވުމުގެ ކުރިން ރަކިޓިޗް ކުޅުނު ޓީމެވެ. ޖެނުއަރީ 2011 އިން ފެށިގެން 2014 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ސެވިއްޔާ އަށް ކުޅުނުއިރު ރަކިޓިޗް ވަނީ ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އެދުވަސްވަރު ސެވިއްޔާ ސަޕޯޓަރުންގެ އެންމެ ބޮޑު ލޯތްބެއް ހޯދި ކުޅުންތެރިއަކީ ވެސް ރަކިޓިޗެވެ.

ބާސެލޯނާގައި ހޭދަކުރި ހަ އަހަރު ދުވަހު ރަކިޓިޗް ވަނީ މޮޅު ކުޅުމެއް ދައްކައި 13 ތަށި އެ ކްލަބާއެކު ހޯދައިފަ އެވެ. ރަކިޓިޗް ބާސެލޯނާ ދޫކޮށްލަން ނިންމީ ފަހަކަށް އައިސް ބާސެލޯނާގެ ފުރަތަމަ އެގާރައިން އޭނާ އަށް ފުރުސަތު ނުލިބެން ފެށުމުންނެވެ. ކުޅުމުގެ ފުރުސަތު އެކަށީގެންވާރަވަށް ނުލިބޭތީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ރަކިޓިޗް ވަނީ ކުރިން ހާމަކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!