“ޓުވާޑްސް ފިއުޗާ” އެފްއޭއެމް ފައިނޭންޝިއަލް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައި އެފްއޭއެމުން ކްލަބްތަކާއެކު އެގްރީމަންޓްގައި އިއްޔެ ސޮއިކޮށްފި އެވެ.
މާލީ އެހީތެރިކަން ފޯރުކޮށްދީ ކްލަބްތައް އިތުރަށް ހަރުދަނާ ކުރުމަކީ ދާދިފަހުން އެފްއޭއެމްގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލްގެ ވައުދެކެވެ. މި ވައުދުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާއެކު ވީ އެއްބަސްވުމުގައި އަހަރެއްގެ މައްޗަށް ކޮންމެ ކްލަބަކަށް ތިން މިލިއަނެއްހާ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް މި ފައިސާ ދޭގޮތަށް ހަމަޖެހިފައިވަނީ ކްލަބްގެ ހުރިހާ ކަމެއް އެކުލެވޭނޭހެން މޮނިޓަރ ކުރެވޭ އުސޫލެއްގެ ދަށުންނެވެ.
ކްލަބްތަކަށް ފައިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ މިއީ ބައްސާމް މި ދައުރުގައި ކްލަބްތަކަށް ކޮށްދޭން ވައުދުވި ކަންތައްތަކުގެ ތެރެއިން ކުރަން ނިންމި ކަމެއް ކަމަށާއި، މި އެގްރީމެންޓުގެ ދަށުން ކްލަބްތައް ހަރުދަނާ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.
“މީގެ ކުރީގައި ސަރުކާރުން ވަރަށް ބޮޑު އެހީއެއް ކްލަބްތައް ހިންގުމަށް ވެދެމުން ދިޔަ. މިހާރު މި އެގްރީމެންޓްގެ ދަށުން އެފްއޭއެމްގެ ފަރާތުން ކްލަބްތަކަށް ތިން މިލިއަނެއްހާ ރުފިޔާ މުޅި އަހަރު ދުވަހުގެ ފުޓްބޯޅައިގެ އެކި ހަރަކާތްތަކަށް ލިބިގެންދާނެ. އެހެންނަމަވެސް މި ފައިސާ މި ބިނާވެގެންދަނީ ހަމަ ކްލަބް ހިންގުމަށް ހަރުދަނާކުރަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ކުރުމަށް” ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި އިންޓަވިއުގައި ޖަވާ ވިދާޅުވި އެވެ.
ކްލަބްތަކާއެކު ވީ މި އެގްރީމަންޓުގައި މައިގަނޑު ހަތް އަސާސެއް ވަނީ ހިމަނައިފަ އެވެ. އަދި ފައިސާ ބަހާލައިގެން ކްލަބްތަކުން ހަރަދުކުރަން ޖެހޭނީ އެގްރީމެންޓުގައިވާ ހަތް އަސާސަށް ބަލައިގެންނެވެ. އޭގެތެރޭގައި ހިމެނެނީ ކްލަބް ލައިސަންސިން، އެކެޑަމީ އެންޑް ޔޫތު ޑިވެލޮޕްމެންޓް، ކްލަބް މެނޭޖްމަންޓް، ކްލަބް ފައިނޭންޝިއަލް ރިޕޯޓް، ސީނިއާ ވިމެންސް އެކްޓިވިޓީސް، ސީއެސްއާރު އެކްޓިވިޓީސް އަދި ޕްރޮމޯޝަނަލް އެކްޓިވިޓީސް އެވެ.

ރާއްޖޭގެ ކްލަބްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލީ ދަތިކަމުގެ އިތުރުން ވިޔަފާރީގެ ތެރެއިން ކްލަބްތައް ހިންގުމުގެ ގާބިލްކަން ނެތުމެވެ. ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ތެރެއިން ވިޔަފާރީގެ ތެރެއިން ހަރުދަނާ ގޮތެއްގައި ހިންގަމުން އަންނަނީ އެންމެ ކްލަބެކެވެ. އެފްއޭއެމުން އެކުލަވާލި އެގްރީމެންޓުގައި ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވެގެން ކުރިއަށް ދެވޭނެ ގޮތްތަކެއް ވަނީ އެކުލަވާލައިފަ އެވެ. ޖަވާ ވިދާޅުވީ ކްލަބްތަކަށް ގިނަ އެހީތަކެއް މި އެގްރީމެންޓުގެ ސަބަބުން ލިބޭނެކަމަށެވެ.
“ހާއްސަކޮށް ފައިނޭންޝިއަލީ ކްލަބްތަކަށް މި ލިބޭ އެހީގެ އިތުރަށް ބިޒްނެސް މޮޑެލް އަކަށް ކްލަބްތައް ހިންގުން ބަދަލުކުރުމާއި އަދި ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ވަރަށް ގިނަ ކަންތައްތަކެއް މި އެގްރީމެންޓްގައި ހިމެނިފައިވާނެ” ޖަވާ ވިދާޅުވި އެވެ.
ބިޒްނެސް މޮޑެލް އަކަށް ކްލަބްތައް ބަދަލުކުރުމުގެ ވިސްނުން އެފްއޭއެމްގެ ހުރިއިރު އެފްއޭއެމްގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން ކްލަބްތަކަށް އިތުރު އެހީތަކެއް ލިބިގެންދާނެކަމަށް ޖަވާ ވިދާޅުވި އެވެ. އެފްއޭއެމްގެ 20 ބުރީގެ އާ އިމާރާތް އަޅަން ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުންޏާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެފްއޭއެމްގެ އިމާރާތް ނިމުމުން ކްލަބްތަކަށް އެ އިމާރާތުން ފައިސާ ލިބޭނެ މަގުތައް ފަހިވެގެން ދާނެކަމަށް ޖަވާ ވިދާޅުވި އެވެ. ޖަވާ ވިދާޅުވީ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓަކުން ހެދޭ އިމާރާތްތަކުން ކްލަބްތަކުގެ އާމްދަނީ އިތުރުކުރުމަށް އިތުރު ޖާގަތައް ލިބިގެންދާނެ ކަމަށެވެ.
މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓި ރާއްޖޭގެ ފުޓްބޯޅަ ކްލަބްތައް އޮތީ އުނދަގޫ ހާލަތެއްގަ އެވެ. ކްލަބްތަކަށް މީގެ ކުރިން ފައިސާ ދެމުން އައީ ކުންފުނިތައް މެދުވެރިވެގެން ސަރުކާރުން ވީ އެއްބަސްވުމެއްގެ ދަށުންނެވެ. 2017 ވަނަ އަހަރު ސަރުކާރުން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ކޮންމެ ކްލަބަކަށް ވަނީ ތިން މިލިއަން ރުފިޔާ ދީފަ އެވެ. އެސްއޯއީގެ ތެރެއިން އޭރު އެއްބަސްވީ ސަރުކާރުގެ ހިއްސާ އޮންނަ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދު ކުރުމަށެވެ. އެހެންނަމަވެސް ދެ އަހަރެއްހާ ދުވަހު ކްލަބްތަކަށް އެތައް މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް ކްލަބްތަކުގެ މާލީ ހާލަތު ރަނގަޅުވެފައެއްނުވެ އެވެ. އަދި، އެ ފައިސާ ގިނަ ކްލަބްތަކަށް ރަނގަޅަށް މެނޭޖް ކުރެވިފައެއްނުވެ އެވެ.
އެސްއޯއީގެ މުއްދަތު ހަމަވުމުން ކްލަބްތަކަށް ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން މެދުކަނޑާލީ 2018 ވަނަ އަހަރު އެވެ. ފައިސާ ދިނުން މެދުކަނޑާލިއިރު ކްލަބްތަކުން އޭރު ތިބީ ސަރުކާރު މެދުވެރިކޮށް އެ ފައިސާ ލިބޭނެކަމުގެ އުއްމީދުގަ އެވެ. އެހެންނަމަވެސް ފައިސާ ހަމަނުޖެހުމުން ކުޅުންތެރިންނަށް މުސާރަ ދިނުމާއި ކްލަބްތަކުގެ އެހެނިހެން ހަރަދުތައް ފޫބެއްދޭ ގޮތެއްނުވި އެވެ. އޭގެފަހުން ކްލަބްތަކަށް އެފްއޭއެމުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށް އެފްއޭއެމުން ވަނީ މިދިޔަ އޭޕްރީލް މަހު ފުޓްބޯޅަ ސީޒަން ނިންމާލައިފަ އެވެ. އާ ސީޒަން ފަށަން އެފްއޭއެމުން މިހާރު ޝެޑިއުލްކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ. ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ކްލަބްތަކުން މަސައްކަތް ކުރަމުން އަންނައިރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމެވެ. އެކަމަކު ކްލަބްތަކާއެކު އިއްޔެ ވީ އެއްބަސްވުމާއެކު މާލީ ގޮތުން ލުޔެއް ލިބި ކްލަބްތަކުގެ ހިންގުން އިތުރަށް ހަރުދަނާވާނެކަމަށް ބެލެވެ އެވެ.