ފުރަތަމަ ސަފްޙާ / ޚަބަރު / އޭއެފްސީ ކަޕް ކެންސަލް ކުރާނެކަމަށް ބެލެވެން ފަށައިފި

އޭއެފްސީ ކަޕް ކެންސަލް ކުރާނެކަމަށް ބެލެވެން ފަށައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 30 އޮގަސްޓް 2020

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލައިފައިވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތި، ކެންސަލް ކުރާނެކަމަށް ބެލެވެން ފަށައިފި އެވެ.

އޭއެފްސީ ކަޕް ކެންސަލް ކުރާނެކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ދިނީ އިންޑިއާ އާއި ބަންގްލަދޭޝްގެ  ބައެއް ނޫސްތަކުންނެވެ. އޭގެފަހުން ރާއްޖޭގެ ބައެއް މީޑިއާތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ހާލަތަށް ބަލާއިރު މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށެވެ.

ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ވާހަކަދައްވަމުން ބައްސާމް ވިދާޅުވީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕް މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭ ގޮތަށް ހަމަޖެހުނު ނަމަވެސް އެހެން ގްރޫޕްތަކުގެ މެޗުތައް ކުޅޭނެ ދަނޑެއް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވުމާއެކު މި މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެއެފްސީ ކަޕްގައި ރާއްޖޭގެ ދެ ކްލަބް ހިމެނެނީ ދެކުނު އޭޝިއާ އަށް ނިސްބަތްވާ ގްރޫޕް އީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުއާ ކިންގްސް އާއި އިންޑިއާގެ ޗެންނާއި ސިޓީ އެވެ. މި ހަތަރު ޓީމު ވެސް މިހާރު ވަނީ އެއް މެޗު ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަޝުންދުރާ ކިންގްސް އަތުން ޓީސީ 5-1 އިން ބަލިވިއިރު ރަށުން ބޭރުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކޮވިޑް-19 އާ ގުޅިގެން ނިއުޓްރަލް ދަނޑަކަށް މެޗުތައް ބަދަލުކޮށް ރާއްޖޭގައި މެޗުތައް ކުޅެން ޝެޑިއުލްކޮށްފައިވަނީ އޮކްޓޫބަރު 23 އިން ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި، މެޗުތައް ކުރިއަށް ގެންދާނެ ތާރީހުތައް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އޭއެފްސީ ކަޕް ކެންސަލް ކުރުމާމެދު އޭއެފްސީން ރަސްމީކޮށް ގޮތެއް ނިންމާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ބައްދަލުވުމަށް ފަހުގައި ކަމަށް ބެލެވެ އެވެ.

އޭއެފްސީ ކަޕް ކުޅެވޭނެ ކަމުގެ އުއްމީދު ފަނޑުވެފައިވާއިރު މިއީ މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖޭގެ ކްލަބްތަކަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އަހަރެވެ. ރާއްޖޭގެ ދެ ކްލަބަކުން އެއް ގްރޫޕެއްގައި ފުރަތަމަ ފަހަރު ވާދަކުރާއިރު ގަލޮޅު ދަނޑުގައި ބާކީ މެޗުތައް ކުޅޭގޮތަށް ހަމަޖެހިގެން ދިއުމަކީ މާޒިޔާ އާއި ޓީސީ އަށް ލިބުނު އިތުރު އުއްމީދެކެވެ.

އޭއެފްސީ މެޗުތަކަށް ތައްޔާރުވުމުގެ މާޒިޔާގެ ކޯޗުކަމަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސައި، މަޝްހޫރު ބައެއް ކުޅުންތެރިންނާއެކު ޓީމު އިތުރަށް ވަރުގަދަކޮށް މާޒިޔާ އިން މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އެޓީމު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވީ ކޮލިފައިންގެ ދެ ބުރުގައި ހަތަރު މެޗު ކުޅުމަށް ފަހު އެވެ. ގްރޫޕް ސްޓޭޖުން މާޒިޔާ ފުރުސަތު ހޯދީ ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޓީސީން ވެސް އަންނަނީ ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން އޭއެފްސީ ކަޕްގެ ލިސްޓަށް އިތުރުކޮށް ފަރިތަކުރުންތައް ފަށަން ތައްޔާރުވަމުންނެވެ. މުބާރާތް ކެންސަލްކޮށްފި ނަމަ މި ދެ ކްލަބަށް ވެސް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!