ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން ކުލަބަށް ހުށަހަޅައިފި

މެސީ ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން ކުލަބަށް ހުށަހަޅައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 25 އޮގަސްޓް 2020

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ފޯވާޑް ލިޔޮނަލް މެސީ މިފަހަރުގެ ހޫނު މޫސުމުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ އެ ކުލަބަށް ލިޔުން ހުށަހަޅައިފި އެވެ.

ބާސެލޯނާ އަށް އަންގާރަ ދުވަހު މެސީ  ފޮނުވި ފެކްސް އެއްގައި އޭނާ ބުނެފައިވަނީ އެއްވެސް ފީ އަކާ ނުލައި އޭނާ އަށް ކުލަބު ދޫކޮށްލެވޭ ގޮތަށް ބާސެލޯނާ އާއި އޭނާ އާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި އޮންނަ މާއްދާ ވަގުތުން ވަގުތަށް ތަންފީޒުކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެކަމަކު މެސީ އެހެން ބުނިއިރު އެ މާއްދާގައި ބުނާ ގޮތުން އޭނާ އަށް ހިލޭ ޓްރާންސްފަރ އެއްގައި ބާސެލޯނާ ދޫކޮށްލަން އޭނާއަށް ފުރުސަތު ލިބެނީ ކުލަބް ދޫކޮށްލަން ބޭނުންވާކަމަށް ބުނެ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކުލަބަށް ހުށަހަޅައިފައިވާ ނަމަ އެވެ. އެހެންކަމަށްވުމާއެކު މިއީ ގާނޫނީ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މެސީ އާއި ބާސެލޯނާ އާއި ދެމެދު ވަރުގަދަ ހަގުރާމަ އެއް ހިނގާނެ މައްސަލައެއް ކަމަށް މިހާރު ވަނީ ގަބޫލުކުރެވިފަ އެވެ.

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅައި ގޮސްފައިވާ ކަމަށް ބާސެލޯނާއިން ގަބޫލުކުރަމުން އައި ނަމަވެސް މެސީ އާއި އޭނާގެ ޓީމުން ދެކޭގޮތުގައި ކޮރޯނާވައިރަހާއި ގުޅިގެން ފުޓްބޯޅަ ސީޒަން އޯގަސްޓާއި ހަމައަށް ދިގުދެމިގެން ގޮސްފައިވާތީ އެއްބަސްވުމުގައިވާ މުއްދަތު ވެސް އޯގަސްޓާއި ހަމައަށް ފަސްވާން ޖެހޭނެ ކަނަށެވެ.

މެސީ ބާސެލޯނާ އަށް ކުޅެން ފަށައިފައިވަނީ 2004 ވަނަ އަހަރު އެވެ.  އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ ބާސެލޯނާ އަށް ހަތަރު ފަހަރެއްގެ މަތިން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ސީޒަން ނިމުމުން މެސީ ބާސެލޯނާ ދޫކޮށްލާނެ ކަމުގެ އަޑުތައް އެންމެ ގަދަވީ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ބަޔާން މިޔުނިކް އަތުން 2-8 އިން ބާސެލޯނާ ބަލިވުމާއެކު އެވެ.

ބާސެލޯނާ އިން ގަބޫލުކުރާ ގޮތަށް މެސީ އަށް ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އެހެން ކުލަބަކަށް ދެވޭގޮތަށް އެއްބަސްވުމުގައި އޮތް ފުރުސަތު މިހާރު ބަންދުވެފައިވާ ކަމަށް ގާނޫނީ ގޮތުން ކަނޑައަޅައިފި ނަމަ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން މެސީ އެހެން ކުލަބަކަށް ގެންދެވޭނީ 700 މިލިއަން ޔޫރޯ އޭނާ ގެންދާ ކުލަބަކުން ބާސެލޯނާ އަށް ދީފި ނަމަ އެވެ.

މެސީގެ ހުށަހެޅުމާއި ގުޅިގެން ބާސެލޯނާގެ ބޯޑް ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިވަގުތު މެސީ ބޭސެލޯނާ ދޫކޮށްދިޔުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ކުލަބްގެ މިހާރުގެ ރައީސް އިސްތިއުފާ ދިނުމަށްފަހު އާ ރައީސަކު ހޮވުމުގެ އިންތިހާބު އަވަސްކުރުމެވެ. މެސީ ކުލަބް ދޫކޮށްލަން ހުށަހެޅި ހަބަރާއެކު އެ ކުލަބްގެ ސަޕޯޓަރުން ވަނީ ބާސެލޯނާގެ ރަސްމީ ސްޓޭޑިއަމް ކައިރިއަށް އެއްވެ ކުލަބްގެ ބޯޑާއި ދެކޮޅަށް އަޑު އުފުލައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!