ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ 1-0 އިން ބަލިކޮށް ޔޫއެފާ ޗެންޕިއަންސް ލީގުގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ޖަރުމަނުގެ ބަޔާން މިއުނިކުން ހޯދައިފި އެވެ.
ބަޔާނުން މި ސީޒަނުގެ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މުޅި މުބާރާތުގައި އެޓީމުން ވަނީ 43 ލަނޑު ޖަހައިފަ އެވެ. އަނެއްކޮޅުން މިއީ ޕީއެސްޖީ އިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެކަމަކު ފައިނަލުން ބަލިވުމުން މުބާރާތް ކާމިޔާބުކުރަން އެޓީމަށް މިވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފަ އެވެ.
ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު 17 ވަނަ މިނެޓުގައި ތަނަވަސްކުރީ ޕީއެސްޖީ އިންނެވެ. ކިލިއަން އެމްބާޕޭ ހުސްކޮށްލާފައި އޭރިޔާ ތެރެއަށް ދުވި ނޭމާ އަށް ދިން ބޯޅަ އޭނާ ތިރިތިރިން ފޮނުވާލުމުން ބަޔާންގެ ތަޖުރިބާކާރު ގޯލްކީޕަރު މަނުއެލް ނޯޔާ ވަނީ އެބޯޅަ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ނޯޔާ މަތަކުރި ބޯޅަ ނޭމާ އަށް ދެ ވަނަ ފަހަރަށް ލިބުމުން މަސައްކަތްކުރީ އޭރިޔާ ތެރޭގައި ހުރި އެންހަލް ޑި މާރިއާ އަށް ދޭށެވެ. އެކަމަކު އެ ބޯޅަ ވެސް ނޯޔާ ވަނީ ފައިން މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭރިޔާ ތެރެއިން ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފަ އެވެ. މެޗުގައި ދެން ފެނުނީ ޕީއެސްޖީގެ ހަމަލާއެކެވެ. 23 ވަނަ މިނެޓުގައި އެންޑަ ހެރޭރާ ޑި މާރިއާ އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ. އޭގެ މިނެޓެއް ފަހުން ބަޔާންގެ ޑިފެންޑަރު ޖިރޯމް ބޯޓެން އަށް އަނިޔާވެގެން ބަދަލުގައި ނިކްލަސް ސޫލޭ ވަނީ ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ހާފުގައި ބޯޓެން އަށަް އަނިޔާވެގެން ފަރުވާދެނީ. އަނިޔާގެ ސަބަބުން ބޯޓެން ބަދަލުކުރި
ބަޔާނުން ޕީއެސްޖީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ދެ ވަނަ ހަމަލާ، ލެވަންޑޮސްކީ ބޮލުން ޖެހުމުން ގޯލްކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފަ އެވެ. ލެވަންޑޮސްކީގެ ދެ ހަމަލާގެ އިތުރުން ނުރައްކާތެރި ބޯޅައެއް ޕީއެސްޖީގެ ގޯލާ އަމާޒުކޮށް މި ހާފުގައި ބަޔާނަށް ފޮނުވާލެވިފައެއްނުވެ އެވެ. އޭގެ ބަދަލުގައި ފުރަތަމަ ހާފުގެ ފަހުކޮޅު ޕީއެސްޖީ އިން ދިޔައީ ބަޔާންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ޕީއެސްޖީގެ ހެރޭރާ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ޕީއެސްޖީ އަށް ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ފުރަތަމަ ހާފް ނިމެން މިނެޓެކަށް ވެފައިވަނިކޮށް އެމްބާޕޭ އަށެވެ. އެކަމަކު އޭރިޔާ ތެރެއިން އެމްބާޕޭ ފޮނުވާލި ބޯޅައިގައި ބާރެއް ނެތި ދިޔައީ ކީޕަރު ނޯޔާގެ އަތަށެވެ. އެމްބާޕޭގެ ހަމަލާއަށް ފަހު ފުރަތަމަ ހާފުގެ ފަހުވަގުތު ބަޔާންގެ ކިންގްސްލީ ކޯމާން އަށް ޕީއެސްޖީގެ ތީލޯ ކޭރާ ފައުލްކުރި ކަމަށް ބުނެ ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމައިފަ އެވެ.
ބަޔާނުން މެޗުގައި ލީޑު ނެގި ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ކުރިން ޕީއެސްޖީ އަށް ކުޅުނު ކޯމާން އެވެ. ކޯމާން މި ލަނޑު ޖެހީ ޖޯޝުއާ ކިމިޗް ނަގައިދިން ހުރަހަކުން ބޮލުންނެވެ. މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ކޯމާން ފޮނުވާލި އިތުރު ހަމަލާއެއް ގޯލަށް ވަންނަން ދަނިކޮށް ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ހުއްޓުވައިފަ އެވެ. ކޯމާންގެ ލަނޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެ ކްލަބުން ޖެހި 500 ވަނަ ލަނޑެވެ. ބަޔާނަށް ވުރެ ގިނައިން ޗެމްޕިއަންސް ލީގުގައި ލަނޑު ޖަހާފައިވަނީ ބާސެލޯނާ އާއި ރެއާލް މެޑްރިޑެވެ.
މެޗުން ބަލިވާން ދިއުމާއެކު ޕީއެސްޖީން ވަނީ ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކޮށްފަ އެވެ. މި ހާފުގައި އެޓީމަށް ލަނޑު ޖަހާނެ އެންމެ ފުރުސަތު ލިބުނީ 70 ވަނަ މިނެޓުގައި މާކީނިއޯސް އަށެވެ. ޑި މާރިއާ ހުސްކޮށްލާފައި މާކީނިއޯސް އަށް ދިން ބޯޅަ ފޮނުވާލުމުން ކީޕަރު ނޯޔާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ނޭމާ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ފޯވާޑް ޗުޕޯ މޯޓިންގެ ފައިގައި ލައްވާލާގޮތެއްނުވި އެވެ.
ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ 13 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑެވެ. ތަށީގެ ގޮތުން ދެ ވަނައިގައި އޮތީ ހަތް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީގެ އޭސީ މިލާނެވެ. މިރޭގެ ތައްޓާއެކު ބަޔާން މިހާރު ވަނީ ކުރިން ހަ ތައްޓާއެކު އޮތް ލިވަޕޫލާ އަރައި ހަމަކޮށްފަ އެވެ. ބަޔާން އާއި ލިވަޕޫލުން ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބުކޮށްފައިވާއިރު ބާސެލޯނާ އަށް މި ތަށި ލިބިފައިވަނީ ފަސް ފަހަރު އެވެ. ބަޔާނުން މީގެ ކުރިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދީ 1974، 1975، 1976، 2001 އަދި 2013 ވަނަ އަހަރު އެވެ. އަދި އެޓީމުން ވަނީ މުބާރާތުގެ ރަނަރަޕް މަގާމް ފަސް ފަހަރު ހޯދައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން ކުޅުނީ ޕޯޗުގަލްގެ ލިސްބަންގައި މިނީ މުބާރާތެއްގެ ގޮތުގަ އެވެ. އެހެން ސީޒަންތަކާ ހިލާފަށް ކުއާޓާ އިން ފެށިގެން ކުޅުނީ އެއް ލެގްގެ ނޮކްއައުޓް މެޗުތަކެކެވެ.