ފުރަތަމަ ސަފްޙާ / ޚަބަރު / ޒަމާނީ ބަދަލާ އެކު އެކުވެނި ދުވާ ޓްރެކް ޖުމްހޫރީ ދުވަހަށް ނިންމަނީ

ޒަމާނީ ބަދަލާ އެކު އެކުވެނި ދުވާ ޓްރެކް ޖުމްހޫރީ ދުވަހަށް ނިންމަނީ

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 4 އޮކްޓޫބަރު 2020

މާލޭ އެކުވެނި ދުވާ ޓްރެކް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ޖުމްހޫރީ ދުވަހަށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. ނޮވެމްބަރު 11 އަށް މަސައްކަތް ނިންމާލަން މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގަ އެވެ.

މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ އެކުވެނި ދުވާ ޓްރެކް ތަރައްގީކޮށް ބޭނުންކުރަން ފެށީ 1996 ވަނަ އަހަރު އެވެ. 24 އަހަރު ފަހުން ދުވާ ޓްރެކް ޒަމާނީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. ޖޫން 22 ދުވަހު ފެށި މި މަސައްކަތް ނިމޭއިރު އެތަނުގައި އޮންނާނީ ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެވެ.

“އެކުވެނި ދުވާ ޓްރެކް ސިންތެޓިކް އަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. އަޅުގަނޑުމެން މަސައްކަތް މިކުރަނީ ނޮވެމްބަރު 11 އަށް އިރާދަކުރެއްވިއްޔާ ނިންމަން” މަހްލޫފް މިއަދު ކުރެއްވި ޓްވީޓުގަ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ޓްރެކް ނިމުމުން ކްރިކެޓް، އެތުލެޓިކްސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓްރެކް މީގެކުރިން ބޭނުންކުރަމުން ދިޔަ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.

Ekuveni dhuvaa track synthetic ah badhalukurumuge masahkaiy dhanee baarah kuriah.

Alhugandumen masahkaiy mikuranee Nov 11 ah iraadhakureviyyaa ninman.

Cricket,Athletics & dhulhaheyo sikhathehgai thibumah mi track beynun kuramun gendhevi faraaiythakah bodu faseyhathakeh libeyne. pic.twitter.com/f5oYra1XY3

— Ahmed Mahloof (@AhmedMahloof) August 21, 2020

ދުވާ ޓްރެކަކީ އާއްމުން ކަސްރަތު ކުރުމަށް ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން އެތަނުގައި ކްރިކެޓް ކުޅުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިވެންޓުތައް ވެސް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޓްރެކުގައި ކަސްރަތުކުރުމާއި ދުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވީ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރުން ވާރޭ ވެހުމުން އެތަނުގައި ފެންބޮޑުވާތީ އެވެ.

ޓްރެކަށް ޒަމާނީ ބަދަލެއް ގެނައުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ކުޅިވަރުގެ ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ފުޓްސަލް ދަނޑުތަކާއި ޓާފް ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުން ހިމެނެ އެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ވަކި ކުޅިވަރަކަށް ނުބަލައި ހުރިހާ އެތުލީޓުންނަށް ފަސޭހަވާނޭހެން ކުޅިވަރުގެ ޕްރޮޖެކްޓްތައް މުޅި ރާއްޖޭގައި ހިންގުން ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!