ފުރަތަމަ ސަފްޙާ / ޚަބަރު / ފަރޭ އާއި ނިޒާމް ޔުނައިޓެޑް ވިކްޓްރީ އަށް ސޮއި ކޮށްފި

ފަރޭ އާއި ނިޒާމް ޔުނައިޓެޑް ވިކްޓްރީ އަށް ސޮއި ކޮށްފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 21 އޮގަސްޓް 2020

މިދިޔަ ސީޒަނުގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބުން ފެނުނު ތަޖުރިބާކާރު ކުޅުންތެރިޔާ ފަރުހާދު އިސްމާއީލް (ފަރޭ) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ފެނުނު އަހްމަދު ނިޒާމް (ނިޒާމްބެ) ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑް ވިކްޓްރީއާ ގުޅިއްޖެ އެވެ.

2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެންމެ މަތީފަންތީގެ ފުޓްބޯޅައިގައި ކުޅެމުން އަންނަ ފަރޭ އަކީ މިދިޔަ 17 ވަރަކަށް އަހަރުތެރޭ ފުރަތަމަ ޑިވިޝަނުގެ ނުވަ ކްލަބަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ނުވަ ކްލަބްގެ ތެރޭގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްތައް ވެސް ހިމެނެ އެވެ. 35 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ގައުމީ ޓީމުގައި ވެސް ހަތަރު އަހަރު ހޭދަކޮށްފަ އެވެ. ކުޅުމާ އެއްވަރަށް ފަރޭ ފާހަގަކުރެވެނީ ކޯޗިންގައި ވެސް ބައިވެރިވާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ރަށު ޓީމު ނިލަންދޫން ލީގުގައި ވާދަކުރިއިރު ފަރޭ ވަނީ ކޯޗިން ޓީމުގައި ހިމެނިފަ އެވެ. އަދި، މިދިޔަ ސީޒަނުގައި ފަރޭ ވަނީ ޓީމުގައި ހިމެނި ޕްލެޔާސް ކޯޗެއްގެ ދައުރު ރަށު ޓީމުގައި އަދާކޮށްފަ އެވެ.

ނިލަންދޫ ޓީމުގެ އިތުރުން ފަރޭ ވަނީ ކްލަބް ގްރީން ސްޓްރީޓްސް ތިން ވަނަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމަށް އިރުޝާދުދީފަ އެވެ. ފަރޭގެ ކޯޗުކަމުގައި ގްރީން ސްޓްރީޓްސް ދެ ވަނަ ޑިވިޝަނަށް ކޮލިފައިވިއިރު 2018 ވަނަ އަހަރު ފަރޭ ވަނީ ރޮކް ސްޓްރީޓް ކްލަބަށް ތިން ވަނަ ޑިވިޝަން ކާމިޔާބުކޮށްދީ އެޓީމު ވެސް ދެ ވަނަ ޑިވިޝަނަށް ކޮލިފައިކޮށްދީފަ އެވެ.

ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ފަރޭ އަކީ ގައުމީ ފެންވަރުގެ ވޮލީ މުބާރާތްތަކުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ފުޓްބޯޅައިން ބްރޭކެއް ނަގާ ފަހަރުތަކުގައި ފަރޭ ފެންނަނީ ވޮލީބޯޅައިގެންނެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ބަދަލުވި ބ. ފެހެންދޫ އަށް އުފަން ފޯވާޑް ނިޒާމްބެ އަކީ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް މުހިއްމު ލަނޑުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ. ދަ ގްރާންޑޭ އިން ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ރަނގަޅުކުރިއިރު އޭނާގެ ހިއްސާ ބޮޑެވެ. އެކަމަކު ޓީމުގެ ފޯމުގެ ދަށްވެ ނިޒާމްބެގެ ފޯމު ވެސް ސީޒަނުގެ ފަހުކޮޅު ގެއްލުނެވެ.

ނިޒާމްބެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް ތައާރަފް ވެގެންދިޔައީ 2010 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އިންނެވެ. އެ ކްލަބަށް ކުޅުމަށް ފަހު ނިޒާމްބެ ވަނީ 2011 ވަނަ އަހަރު ކްލަބް އީގަލްސް އަށް ކުޅުމަށް ފަހު ޖެހިގެން އައި އަހަރު އަނެއްކާ ވީބީ އަށް ބަދަލުވެފަ އެވެ. ހަތަރު އަހަރު ދުވަހު ފުރަތަމަ ޑިވިޝަނުން ފެނުމަށް ފަހު ނިޒާމްގެ ދެން ފެނުނީ ދެ ވަނަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބާއެކު އެވެ. އެ ކްލަބް ދެ ވަނަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް ޖެހިގެން އައި އަހަރު ފުރަތަމަ ޑިވިޝަނުގައި ނިޒާމްބެ ވަނީ ޓީސީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޓީސީ އަށް ކުޅުމަށް ފަހު 2017 ވަނަ އަހަރު ކްލަބް ގްރީން ސްޓްރީޓްސް އަށް ނިޒާމްބެ ކުޅުނުއިރު 2018 ވަނަ އަހަރު އޭނާ ފެނުނީ މާޒިޔާ އިންނެވެ. އެ އަހަރު މާޒިޔާއާ އެކު މާލޭ ލީގު ކާމިޔާބު ކުރުމަށް ފަހު ސީޒަނުގެ ފަހުކޮޅު ފެށި ދިވެހި ޕްރިމިއާ ލީގުގައި ނިޒާމްބެ ފެނުނީ މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވި އުފަންރަށް ފެހެންދޫ އިންނެވެ.

ނިޒާމްބެ ވަނީ މީގެ ކުރިން ޒުވާން ގައުމީ ޓީމުގައި ހިމެނި ބައެއް މެޗުތައް ކުޅުމުގެ އިތުރުން ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.

ޔުނައިޓެޑް ވިކްޓްރީ އިން ފަރޭ އާއި ނިޒާމްބެގެ ސޮއި ހޯދިއިރު އެހެން ކްލަބްތަކުން ވެސް އަންނަނީ އާ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ އާ ސީޒަން ފެށުމަށް އެފްއޭއެމުން ތާވަލްކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!