ފުރަތަމަ ސަފްޙާ / ޚަބަރު / ބަޔާން މިޔުނކް 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ބަޔާން މިޔުނކް 11 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 20 އޮގަސްޓް 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ފްރާންސްގެ އޮލިމްޕިކް ލިޔޯން ބަލިކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ޕޯޗްގަލްގެ ލިސްބަންގައި ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗުގައި ރޭ ބަޔާން އިން ލިޔޯންގެ މައްޗަށް ކުރި ހޯދީ 0-3 އިންނެވެ.

ބަޔާން މިޔުނިކަކީ މިފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު މިހާރު ގަބޫލުކުރާ ޓީމެވެ. މުބާރާތުގެ ގަދަ 16 ގައި 1-7 ގެ އެގްރިގޭޓް ނަތީޖާއިން ޗެލްސީ  ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލްގައި 2-8 އިން ބާސެލޯނާ ބަލިކޮށްފައިވުމަކީ މީގެ އެއް ސަބަބެވެ. މީގެ އިތުރުން މި ސީޒަނުގައި ބަޔާން މިޔުނިކުގެ ފޯމްވެސް ތަފާތެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް އެ ޓީމުން ބަލިނުވެ 29 މެޗު ހަމަކޮށްފައިވާއިރު ރޭގެ މެޗަކީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ބަޔާން މިޔުނިކުން ކާމިޔާބުކުރި 10 ވަނަ މެޗެވެ. މީގެ ކުރިން 2012 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބަޔާން އިން ޖެހިޖެހިގެން މޮޅުވި މެޗުގެ އަދަދު މިފަހަރުގެ އަދަދާއި އެއްވަރުކޮށްފައިވާ އިރު މި ރިކޯޑް އޮތް އަނެއް ޓީމަކީ ރެއާލް މެޑްރިޑެވެ. ރެއާލުންވެސް ވަނީ 2014 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ދިހަ މެޗު ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗު ބަޔާން އިން ފަސޭހަކަމާއެކު ކާމިޔާބުކުރި ނަމަވެސް މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ޓީމުތަކުގެ ތެރޭގައި ހިމެނުނު ޔުވެންޓަސް އާއި މެންޗެސްޓަރ ސިޓީ މުބާރާތުން ކަޓުވާލުމަށްފަހު ސެމީ އާ ހަމައަށް އައި ލިޔޯންގެ ފަރާތުން މެޗުގެ ފުރަތަމަ 15 މިނެޓްގެ ތެރޭގައި ފެނުނީ ވަރުގަދަ ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ލީޑް ނަގަން އެ ޓީމަށް ފުރުސަތުވެސް ލިބުނެވެ. އެކަމަކު ލިޔޯންއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ މެމްފިސް ޑިޕާއި އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު އޭގެ ފަހުން އެ ޓީމުގެ ކާލް ޓޯކޯ އެކަމްބީ ބަޔާންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލްގެ މަތީ ދަނޑި އެވެ.

ރޭގެ މެޗުގައި ބަޔާން އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖަހައިފައިވަނީ މެޗުގެ 18 އަދި 33 ވަނަ މިނެޓްގައި ސާޖް ގެނެބްރީ އެވެ. ޖަރުމަނަށް އުފަން އުމުރުން 25 އަހަރުގެ ގެނެބްރީ ރޭ ޖެހި ދެ ގޯލާއެކު މިފަހަރުގެ މުބާރާތުގައި އޭނާ ޖެހި ގޯލްގެ އަދަދު ނުވައަކަށް އެރީ އެވެ. މެޗުގައި ބަޔާން އިން ޖެހި ތިން ވަނަ ގޯލް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ނުރައްކާތެރި ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ. މިއީ މިފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޮސްކީ ޖެހި 15 ވަނަ ގޯލެވެ. ބަޔާންގެ ތިންވަނަ ގޯލް ކާމިޔާބުކުރުމުގެ ކުރިން، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ކުޓީނިއޯ ލިޔޯންގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމައިފަ އެވެ.

މިއީ ބަޔާން މިޔުނިކުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި 11 ވަނަ ފަހަރެވެ. އެކަމަކު 2013 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި ފަހުން އެ ޓީމުން މިފަހަރުގެ މުބާރާތާއެކު ފަސް ފަހަރެއްގެ މަތިން ސެމީ ފައިނަލުގައި ވާދަކޮށްފައިވާ އިރު އޭގެ ތެރެއިން ހަތަރު ފަހަރު އެ ޓީމު ވަނީ ސެމީން ބަލިވެފަ އެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަޔާން މިޔުނިކު ޖާގަ ހޯދުމާއެކު އެ ޓީމަށް މި ސީޒަނުގައި ތިން ތަށި ހޯދުމަށް ފިޔަވަޅަކާއި ގާތަށް މިވަނީ އާދެވިފަ އެވެ. މި ސީޒަނުގެ ޖަރުމަނު ލީގާއި އަދި ޖަރުމަނު ކަޕް ކާމިޔާބުކޮށްފައިވާ ބަޔާން އެންމެ ފަހުން އެއް ސީޒަނެއްގައި ތިން ތަށި އުފުލާލައިފައިވަނީ 2013 ވަނަ އަހަރު އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން އަށް ވާދަކުރަން ޖެހޭނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި 0-3 އިން ޖަރުމަނުގެ އާރުބީ ލައިޕްޒިގު ބަލިކުރި ޕީއެސްޖީ އާ އެވެ. މި މެޗު އޮންނާނީ އަންނަ އާދިއްޔަ ދުވަހުގެ ރެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!