ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާގެ އާދޭސް: ފަރިތަކުރުންތައް ފަށަން ހުއްދަ ދެއްވާ، ވަގުތެއް ނެތް!

މާޒިޔާގެ އާދޭސް: ފަރިތަކުރުންތައް ފަށަން ހުއްދަ ދެއްވާ، ވަގުތެއް ނެތް!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 އޮގަސްޓް 2020

އަންނަ އޮކްޓޫބަރު މަހުގެ 23 އިން ނޮވެމްބަރު މަހުގެ ހަތަރަކަށް ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޓީމުތަކުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދައިދިނުމަށް މާޒިޔާ އިން ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެ އެވެ.

އޭފްއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާއާ އެކު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ވެސް ހިމެނެ އެވެ. މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ ޗެންނާއި ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ކޮވިޑް-19 ގެ ސަބަބުން ގްރޫޕް ސްޓޭޖުގެ ކުޅުން މެދުކަނޑާލުމަށް ފަހު އޭއެފްސީން ފަހުން ނިންމީ އެއް ދަނޑެއްގައި މެޗުތައް ކުޅުމަށެވެ. މެޗުތައް ކުޅުމަށް ރާއްޖޭން ކުރި ބިޑު ކާމިޔާބުވުމާއެކު އޭއެފްސީން ވަނީ ރާއްޖެ އަށް އެ ފުރުސަތުދީފަ އެވެ. މެދުކަނޑާލިއިރު އެ ގްރޫޕްގެ ކޮންމެ ޓީމަކުން ވަނީ އެއް މެޗު ކުޅެފަ އެވެ. ޓީސީ ސްޕޯޓްސް ކްލަބް ރަށުން ބޭރުގައި ބަޝުންދުރާ ކިންގްސް އަތުން ބަލިވިއިރު މާޒިޔާ އިން ރަށުން ބޭރުގައި ޗެންނާއި ސިޓީއާ ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ބާކީ އޮތް މެޗުތައް ރާއްޖޭގައި ބާއްވާއިރު މި ކްލަބުގެ ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވޭ. ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ފަރިތަކުރުންތައް ފެށުމަށް މި ކްލަބް އޮތީ ތައްޔާރަށް.

— MAZIYA SPORTS (@MaziyaSr) August 19, 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރުން މައްޗަށް ދާތީ ސަރުކާރުން މިހާރު ވަނީ ކުޅިވަރު ޓީމުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލައިފަ އެވެ. މި ނިންމުމާއެކު ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ވެސް މިވަގުތު ވަނީ ހުއްޓިފަ އެވެ. އަދި، އޭއެފްސީ ކަޕަށް ތައްޔާރުވާން ފަރިތަކުރުންތައް ފަށަން ޝެޑިއުލްކޮށްފައި ވަނިކޮށް މާޒިޔާ އާއި ޓީސީ އަށް ވެސް އެ ފުރުސަތު ގެއްލުނެވެ. މާޒިޔާ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތައް ބާއްވާއިރު ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފަށަން ބޭނުންވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަން އެ ކްލަބް އޮތީ ތައްޔާރަށް ކަމަށެވެ.

“އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ ބާކީ އޮތް މެޗުތައް ރާއްޖޭގައި ބާއްވާއިރު މި ކްލަބުގެ ފަރިތަކުރުންތައް ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވޭ. ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކު ފަރިތަކުރުންތައް ފެށުމަށް މި ކްލަބް އޮތީ ތައްޔާރަށް. ފަރިތަކުރުންތައް ފެށުމަށް ކޮންމެވެސް ގޮތެއް ކަމާބެހޭ އިދާރާތަކުން ހޯދައިދިނުމަކީ މި ކްލަބުގެ ވަރަށް ބޮޑު އެދުމެއް. އެންމެ ރަނގަޅަށް ތައްޔާރުވެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން” މާޒިޔާ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްތަކުގައި ބުނެފައިވެ އެވެ.

https://www.facebook.com/fahuminet/posts/3318301014858656?__tn__=%2CO*F

އެނގިފައިވާ ގޮތުގައި ގައުމީ ފުޓްބޯޅަ ޓީމާއި ކްލަބްތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދޭވެނެ ގޮތްތަކާއި ގުޅޭގޮތުން ސަރުކާރުގައި މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ. މާޒިޔާ އިން ބުނީ އެކަމުގައި މަގެއް ހޯދައިދެއްވުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅު ކުރުމަށް މާޒިޔާ އިން މިހާރު ވަނީ އެޓީމުގެ ކޯޗަކަށް ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެނެސްފަ އެވެ. އަދި، މިއަދު އެ ކްލަބުން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރުގެ ސޮއި ވެސް ހޯދައިފަ އެވެ.

ގަލޮޅު ދަނޑުގައި އޭއެފްސީ ކަޕްގެ މެޗުތައް އަލުން ފަށާއިރު އޮކްޓޫބަރު 23 ވަނަ ދުވަހު މާޒިޔާ ނުކުންނާނީ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އެއަށް ފަހު 26 ވަނަ ދުވަހާއި 29 ވަނަ ދުވަހު މާޒިޔާ ކުޅޭނީ ޓީސީއާ އެވެ. ނޮވެމްބަރު އެއް ވަނަ ދުވަހު ޗެންނާއި ސިޓީއާ ދެކޮޅަށް ނުކުންނައިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު ހަތަރު ވަނަ ދުވަހު މާޒިޔާ ކުޅޭނީ ބަޝުންދުރާ ކިންގްސްއާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!